ޚަބަރު

ހެލްތް މިނިސްޓަރ ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްއާ ބައްދަލު ކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއަށް ކޮވިޑް-19 ވެކްސިން ގެނައުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތް އަހްމަދު ނަސީމް ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލްއާއި ޑަބްލިއުއެޗްއޯގެ ސައުތް އީސްޓް އޭޝިއާ ރީޖަންގެ ޑިރެކްޓަރ ޖެނެރަލްއާ ބައްދަލު ކުރައްވައިފިއެވެ.

Ads by MWSC

ޑަބްލިޔުއެޗްއޯއިން ވަނީ ރާއްޖޭގެ އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ހޯދުމަށް ހުށައެޅި ހުށައެޅުން ރަސްމީކޮށް ގަބޫލު ކޮށްފައެވެ. ރާއްޖެއަށް ވެކްސިން ލިބެނީ ދުނިޔޭގެ ހުރިހާ ގައުމަކަށް ހަމަހަމަކަމާ އެކު ވެކްސިން ފޯރު ކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށް ގެންދާ "ކޮވެކްސް" ޕްރޮގްރާމްގެ ދަށުންނެވެ.

ކޯވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިންތަކުގެ ތެރެއިން ޑަބްލިއުއެޗްއޯއިން ރައްކާތެރިކަން ކަށަވަރުކުރާ ވެކްސިން އަންނަ އަހަރު ކުރީކޮޅު ރާއްޖެއަށް ލިބޭނެ ކަމަށް ނަޒްލާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ޑރ. ނަޒްލާ ވަނީ ވެކްސިން ޖެހިކަމުގައި ވީނަމަވެސް ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ފަރުދީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންދޭ މީހުންގެ ތެރެއިން ފުަރަތަމަ ކެޓަގަރީގައި ހިމެނެނީ ފްރަންޓްލައިން ހެލްތު ކެއާރ ވޯކާރސް އާއި ސޯޝަލް ކެއާރ ވޯކާރސް ކަމަށެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބް ޓެކްނީޝަނުންގެ އިތުރުން ހޮސްޕިޓަލު ތަންތަން ސާފުކުރާ މީހުންނާއި ހޮސްޕިޓަލު އެޓެންޑަންޓުން ހިމެނޭ ކަމަށް އެޗްއީސޯސީން ބުނެއެވެ.

މީގެ އިތުރުން ދެން ވެކްސިން ދެނީ އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދޭ މީހުންނަށާއި ކުޑަކުދިންގެ ސެންޓަރުތަކުގައި މަސައްކަތް ކުރާ މީހުންނަށް ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!