އިސްލާމްދީނުގެ އުސޫލުތަކަށް ފުށުއަރާ ފަދަ ބަސްތަކާއި އަމަލުތައް ފެނިގެންދިޔުމަކީ ހިތާމަކުރާ ކަމެއް: ޒައިދު
އިސްލާމްދީނުގެ އަސާސްތަކާއި އުސޫލު ތަކަށް ފުށުއަރާ ފަދަ ބަސްތަކާއި އަމަލުތައް ފެނިގެން ދިޔުމަކީ ހިތާމަކުރާ ކަމެއް ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވެފައި ވަނީ ކުރެއްވި ޓްވީޓެއްގައެވެ. ކްރިސްމަސް ފާހަގަ ކުރަމުން ގެންދާ މީހުންނަށް ރައީސް ނަޝީދު ކްރިސްމަސްގެ ތަހްނިޔާ ކިޔައި ޓްވީޓް ކުރެއްވުމުން ޢަލީ ޒައިދު ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާންމުންގެ ބަޔަކު އެ ބޭފުޅަކަށް ލޯ މަރައިގެން ސަޕޯޓު ކުރައްވާ ކުރީގެ ރައީސެއްގެ ފަރާތުން ކެނޑިނޭޅި، ތަކުރާރުކޮށް އިސްލާމްދީނުގެ އަސާސްތަކާއި، އުސޫލުތަކާ ފުށުއަރާފަދަ ޢަމަލުތަކާއި ބަސްތައް ފެންނަމުންދާ ކަމަށާއި އެކަމާ ވަރަށް ހިތާމަކުރައްވާ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޓްވިޓަރ މެދުވެރިކޮށް ކްރިސްމަަސް ފާހަގަކުރާ މީހުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. އެ ޓްވީޓުގައި އެ ދުވަސް ފާހަގަކުރާ މީހުންނަށް ވަރަށް އުފާވެރި ކްރިސްމަސް އަކަށް އެދޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޣައިރުދީންތަކުގެ އީދުތައް ފާހަގަކޮށް ތަހުނިޔާ ކިޔުން މުސްލިމުންނަށް ހުއްދަ ވެގެން ނުވާ ކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ 13 ދީނީ އިލްމުވެރިޔަކު ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ "ކްރިސްމަސް، ދީނީ ނަޒަރަކުން" ވީޑިއޯގައިވާ ގޮތުން ނަޞާރާއިންގެ ދީނީ އީދެއް ކަމުގައިވާ ކްރިސްމަސް ދުވަސް ފާހަގަކުރުމާއި އަދި އެދުވަހުގެ ތަހުނިޔާ ކިޔުން ވެސް މުސްލިމުންނަށް ހުއްދަވެގެން ނުވެއެވެ.އަދި ކްރިސްމަސް ދުވަހަކީ ނަޞާރާއިންގެ އީދު ދުވަހުގެ ތެރެއިން ދުވަހެއްގެ ތެރެއިން ޝިރުކާއި ކުފުރުގެ މަތީގައި އެމީހުން ބިނާކޮށްފައިވާ އީދެއް ކަމަށް އިލްމުވެރިން ފާހަގަ ކުރެއްވިއެވެ . މީގެ އިތުރުން މި ވީޑިއޯގައި އިލްމުވެރިން ވަނީ ގުރްއާނާއި ސުންނަތާއި އަދި އުއްމަތުގެ ބޮޑެތި އެތައް ދަންނަބޭކަލުންނާ ހަވާލާދެއްވާ، ކްރިސްމަސް ފާހަގަ ކުރުމަކީ މުސްލިމުންގެ އެއްކައުވަންތަކަމުގެ އަގީދާއާއި ފުށުއަރާ ކަމެއްކަން ބަޔާންކޮށް އަދި އެއީ މުސްލިމުން ބައިވެރިވުން ހުއްދަވެގެންވާ ދުވަހެއް ނޫން ކަން ވިދާޅުވެދެއްވާފައެވެ.