ޚަބަރު

މަސްތުވާތަކެއްޗާއެކު 8 މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހަތަރު ރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ 4 އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 8 މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

އެ އޮޕަރޭޝަންތައް ހިންގާފައި ވަނީ ނ.ވެލިދޫ، ތ.ވިލުފުށި، ދ.ކުޑަހުވަދޫ އަދި މ.ވޭވަށުގައެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށު ފަޅު ގެއެއްގެ ތެރޭގައި ބަޔަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުން ކުރާ ކަމަށް ވެލިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެެކެވެ. މި އޮޕަރޭޝަނުގައި  32 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ދެ ފިރިހެނުންނާއި 31 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައި ވެއެވެ. އެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ރަބަރު ހަ ޕެކެޓް ފެނިފައިވެއެވެ.

ވިލުފުށީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ވިލުފުށީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮަޕަރޭޝަނުގައި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ހަ ޕެކެޓް ފެނިފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މިހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ކުޑަހުވަދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި ވެސް މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑިސެމްބަރު 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 20 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައި ވެއެވެ. ކުޑަހުވަދޫގައި މަސައްކަތްކުރާ ފުލުހުންނާ، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މި ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަލައި ފާސްކުރިއިރު އޭނާގެ އަތުގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުދެލި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ވޭވަށުގައި ހިންގި އޮޕަރޭޝަނަކީ، މާލެއިން މ. އަތޮޅަށް ދާ ބޯޓަކުން ވޭވަށަށް މަސްތުވާތަކެތި އެތެެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މުލަކު ޕޮލިސް ސްޓޭޝަނާއި މުލީ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ޑިސެމްބަރު 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ވަނީ 39 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައެވެ. މި އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތީގައި ހުރި ފޮށިގަނޑެއް ބަލައި ފާސްކޮށްފައި ވާއިރު އެފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި، ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި 500އެމްއެލްގެ ދެފުޅި ފެނިފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މުލީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!