އައްޑޫ ފްލައިން ސްކޫލް ހިންގާނެ ފަރާތެއް ހޯދަން ހުޅުވާލަނީ

އައްޑޫ ފްލައިން ސުކޫލު ހިންގާނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނު ކުރުމަށް ނިންމާފައިވާ ކަމަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)އިން ވިދާޅުވެއްޖެއެވެ.
އައްޑޫ ފްލައިން ސްކޫލާ ގުޅުން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން އައްޑުއަށް ކުރަމުންގެންދާ ދަތުރުފުޅުގައި މިއަދު ވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން މި ބައްދަލުމުވުގައި ފްލައިން ސްކޫލް ހިންގުމުގެ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖުލައިމަހަށް ހަމަވާނެ ކަން ފާހަގަ ކުރައްވައި އޭއައިއޭގެ މެނޭޖިންގ ޑިރެކްޓަރ ޤައިސް ނަސީރު ވަނީ އެއްބަސްވުން ހަމަވުމުން، މި އެއްބަސްވުން އާކުރުމުގެ ބަދަލުގައި ފްލައިން ސުކޫލު ހިންގުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަން ހާމަ ކުރައްވާފައެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު މިހިންގާ ގޮތަށް ދިގުމުއްދަތެއްގައި ފްލައިން ސްކޫލު ހިންގާނަމަ އެއަރޕޯޓަށް ގެއްލުން ވާނެ ކަމަށެވެ.
ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ދަތުރުފުޅުގައި ފްލައިން ސުކޫލުގެ ދަރިވަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.