ރައީސް ސޯލިހު، ޖަޕާނު ސަފީރާ ބައްދަލު ކުރައްވައިފި
ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު މިބައްދަލު ކުރެއްވުމުގައި ރައީސް ވަނީ ޖަޕާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި ބަހައްޓަވާ ގާތް ގުޅުމަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ރާއްޖޭގެ މައިގަނޑު ބޮޑެތި މަޝްރޫޢުތައް އެހީތެރިވެދީ ރާއްޖޭގެ ތަރައްޤީގައި ޖަޕާނުން އަދާކުރާ މުހިންމު ރޯލު ޝުކުރުވެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ، ކޮވިޑް-19ގެ އާއި ގުޅިގެން އެމެޖެންސީ ރެސްޕޮންސް އެއިޑްގެ ގޮތުގައި ޖަޕާނުން 5 ބިލިޔަން ޔެންގެ އެހީތެރިކަން ރާއްޖެއަށް ފޯރު ކޮށްދީފައިވާތީ އެކަން ވަރަށް ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. މިއީ ކޮންސެޝަނަލް ލޯނުގެ ގޮތުގައި މިހާތަނަށް މިގޮތަށް ޖަޕާނުން ރާއްޖެއަށް ދީފައިވާ އެންމެބޮޑު އަދަދެވެ. އަދި މިއީ ރާއްޖެއާ ޖަޕާނާދެމެދު އޮންނަ ގާތް އެކުވެރި ގުޅުން ރަމްޒު ކޮށްދޭ ކަމެއް ވެސް މެއެވެ.
މިބައްދަލު ކުރެއްވުމުގައި ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ޖަޕާނުން ރާއްޖެއަށް އެކިދާއިރާތަކުން އެހީތެރިކަން ފޯރު ކޮށްދެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ޒުވާނުނަށް ވޮކޭޝަނަލް ތަމްރީނުގެ ފުރުޞަތުތައް ފަހި ކޮށްދިނުމާއި ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖް ކުރުމާއި ޞިއްހީދާއިރާ ކުރިއެރުވުމަށާއި އަދި ސަލާމަތާބެހޭ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނިފައި ވެއެވެ. މީގެ އިތުރުން ޖަޕާނުގެ ސަފީރު ވަނީ ޤައުމީ ދިވެހި ސަރުކާރުގެ ލާމަރުކަޒީ ޕޮލިސީތަކާ އެއްގޮތަށް ލާމަރުކަޒުކޮށް ރަށްފުށުގެ ތަރައްޤީ ކުރިއެރުވުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.