ސަން ކުންފުނީގެ ދިފާއީ ހެއްކަކަށް ރައީސް ޔާމީންގެ ނަން ހުށަހަޅައިފި
ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގައި ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ނަން އެ ކުންފުނީގެ ފަރާތުން ހުށަހަޅައިފިއެވެ.
ސަން" އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ފައިސާ ލޯންޑާކުރި ކަމުގައި ބައިވެރިވިކަމުގެ ތުހުމަތެވެ. އެހެން ނަމަވެސް އެކުންފުނިން ވަނީ އެތުހުމަތުތަކަށް އިންކާރު ކޮށްފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި ސަން ކުންފުނީގެ ދިފާއީ ހެކިންގެ ގޮތުގައި ވަނީ ދެނަމެއް ހުށަހަޅާފައެވެ. އެއީ ރައީސް ޔާމީންގެ ނަންފުޅުގެ އިތުރުން ސަން ކުންފުނީގެ މުވައްޒަފެއް ކަމުގައިވާ މުހައްމަދު ޝާމިލްގެ ނަމެވެ.
ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީންގެ ނަންފުޅު ހުށަހެޅުއްވީ އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެއަށްވާ ދިވެހި ރުފިޔާ އެމަނިކުފާނަށް އެ ކުންފުނިން ދޫކުރިކަން ސާބިތު ކުރަން ކަމުގައި މިއަދުގެ އަޑުއެހުމުގައި ސަން ކުންފުނީގެ ގާނޫނީ ވަކީލު އަލީ ޝާހް ވަނީ ވިދާޅުވެފައެވެ.
ދިފާއުގައި ޔާމީން ހެއްކެއްގެ ގޮތުގައި ހުށަހެޅިއިރު، ދައުލަތުން ކުރިން އޮތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ނަމާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ނަން ކުންފުންޏާ ދެކޮޅަށް ހުށަހަޅައިފައެވެ.