“ބޮންޑޭއަކީ ހަމައެކަނި ، އެމްޑީޕީ ވެރިކަމުގައި އޮންނައިރު ފެންނަ ބޭފުޅެއް”
ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަކީ ހަމައެކަނި އެމްޑީޕީ ވެރިކަމުގައި އޮންނައިރު ފެންނަ ބޭފުޅެއް ކަމަށް ދޭހަ ވާގޮތަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވާހަކަފުޅު ދައްކަވައިފިއެވެ.
ފައްޔާޒު މިހެން ވިދާޅުވީ އެމަނިކުފާނަކީ އެމްޑީޕީގެ ބޭފުޅެއް ނޫން ކަމަށާއި ލިބަރަލް ޕާޓީގެ ބޭފުޅެއް ކަމަށް ބޮންޑޭ ވިދާޅުވި ބަސްފުޅެއްގެ ޚަބަރެއް ޓްވީޓް ކުރައްވަމުންނެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ގަމު ދާއިރާގެ މެމްބަރުކަން ކުރެއްވުމުގެ އުފާ ލިބިވަޑައިގެންނެވި ކަމަށާއި ، އެމްޑީޕީ އިދިކޮޅުގައި އޮތްއިރު އެ ޕާޓީގެ ހަރަކާތްތަކުން ބޮންޑޭ ފެނިވަޑައިގަތް ހަނދާނެއް ނެތް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ކުރީގެ ވެރިކަމުގެ ދުވަސްވަރާއި މިހާރު ބޮންޑޭ ހަރަކާތްތެރިވަމުންދާ ކަމަށް ފައްޔާޒު ފާހަގަ ކުރެއްވިއެވެ.
ފައްޔާޒަށް ފާޑު ވިދާޅުވެ ބޮންޑޭ ސަންގު ޓީވީގައި ވިދާޅުވީ ފައްޔާޒުގެ ވިސްނުމާއި އެމްޑީޕީގެ ވިސްނުމާ ދިމާ ނުވާ ކަމަށާއި ސަބަބަކީ ފައްޔާޒަކީ އެމަނިކުފާނުގެ ބޭބޭފުޅު އިބްރާހީމް އިސްމާއީލް (އިބްރާ) އުފެއްދެވި ޕާޓީގެ ވިސްނުމުގެ ބޭފުޅެއް ކަމަށް ވާތީ އެވެ.
ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުންނާ ފައްޔާޒާ ދެމެދު މަސްލަހަތު ގޯސްވެފައިވާއިރު އެ މެމްބަރުން ގެންދަވަނީ ފައްޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ބެލެވޭ ގޮތުގައި އެއީ "ބްރޯ" ހެދިގެން ޕާޓީގައި ނޫޅެވޭނެ ކަމަށް ވިދާޅުވެ ، ފައްޔާޒު މަގާމުން ދުރުކުރުމުގެ ވިސްނުން ގެންގުޅުއްވާ ރައީސް ނަޝީދަށް ވަފާތެރި މެމްބަރުންނެވެ.