ޚަބަރު

އަސާސީ ބޭސްތައް ނުހުންނަ ފާމަސީތަކަށް ފިޔަވަޅު އަޅަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަސާސީ ބޭހުގެ ގޮތުގައި ކަނޑައަޅާފައިވާ ބޭސްތައް ފާމަސީތަކުން ހުސްވެއްޖެނަމަ ފިޔަވަޅު އަޅަން ހެލްތު މިނިސްޓްރީން އިއްޔެ ނިންމައިފިއެވެ.

Ads by STELCO

އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްފައިވާ ފާމަސީއެއްގައި އެއްވެސް އަސާސީ ބޭހެއް ނެތް ނަމަ މީގެ ފަހުން ފިޔަވަޅު އަޅާނެ ކަމަށް ހެލްތު މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.

އަސާސީ ބޭހުގެ ލިސްޓުގައި ޖުމްލަ 160 ބޭހެއް ހިމެނެ އެވެ. ބޭހާ ބެހޭ ގަވާއިދުގައި ހިމެނޭ ކަންކަމާ ހިލާފުވެއްޖެ ނަމަ، ތިން ފިޔަވަޅެއް އެޅުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިފައި ވެއެވެ. އެއީ ނަސޭހަތް ދިނުމަށް ފަހު އިސްލާހުކުރަން މުއްދަތެއް ކަނޑައެޅުމުގެ ބާރާއި 500-2،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، އެމްއެފްޑީއޭ އިން ދޫކޮށްފައިވާ ހުއްދަ 14 ދުވަހަށް ސަސްޕެންޑްކުރުމުގެ އިތުރުން މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ބާރެވެ.

މީގެ އިތުރުން ބޭސް ވިއްކާ ބްރޭންޑްތަކުގެ ނަން ބޭސް ސިޓީގައި ލިއުން ހުއްޓާލައި، ޖެނެރިކް މެޑިސިން ޕްރިސްކްރައިބިން ނުވަތަ ބޭހުގެ އަސްލު ނަން ލިޔާ ގޮތަށް ހަމަޖައްސަން، ސަރުކާރުން ވަނީ މީގެ ކުރިން މަސައްކަތް ފަށާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!