ޚަބަރު

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

Ads by Sosun Fihaara

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަން އެމްއެންޑީއެފުން އެންމެ ފުރަތަމަ އިއުލާނު ކޮށްފައި ވަނީ މި މަހުގެ ތެރޭގައެވެ. އެގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ވަޒީފާއަށް ވަންނަން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމަށްފަހު ފަހު ތާރީހެއްގެ ގޮތުގައި އަންނަ މަހުގެ 31 އަށް ވަނީ ބަދަލު ކޮށްފައެވެ.

އެމްއެންޑީއެފުގެ އިއުލާނުގައިވާ ގޮތުން، ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި ފިރިހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓް 5 އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓް 3 އިންޗި ހުރުމާއެކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން ހިމެނެއެވެ.

އަދި އެ ވަޒީފާ އަށް ކުރިމަތިލާ ފަރާތަކީ ދަށްވެގެން ޖީސީއީ އޯލެވެލް ފެންވަރު ހުރި ނުވަތަ އެފެންވަރު ވޮކޭޝަނަލް ސެޓްފިކެޓެއް އޮތް ފަރާތަކަށް ވާންޖެހާ ކަމަށާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރުން ހިމެނެއެވެ.

ޑިފެންސް މިނިސްޓްރީ އިން ބުނެފައި ވަނީ ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މި ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއު އަށްވެސް ބަލާނެ ކަމަށެވެ. އަދި ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް އަދި އެޕްޓިޓިއުޓް ޓެސްޓުން ހޯދާ ނަތީޖާއަށް ބަލާނެ ކަމަށެވެ.

މި ވަޒީފާ އަށް އެދޭފޯމު އެމްއެންޑީއެފްގެ ވެބްސައިޓުންނާއި ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ. މިނިސްޓްރީ އޮފް ޑިފެންސްގެ [email protected] އީ-މެއިލް މެދުވެރިކޮށް، އަދި އެމީހަކު އިންޓަވިއުއަށް ހާޒިރުވާން ބޭނުންވާ އޭރިއާއަކުން ފޯމް ބަލައިގަންނަން ކަނޑައަޅާފައިވާ މަރުކަޒުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!