ޚަބަރު

ވެކްސިން ޖެހިތާ 8 ދުވަސްތެރޭގައި ކޮވިޑް-19 އަށް ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމެރިކާގެ ކެލިފޯނިއާގައި ކޮވިޑް-19 ވެކްސިން ޖެހި ނަރުހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by MWSC

ރިޕޯޓުތައް ބުނާ ގޮތުގައި މެތިއު ނަމަކަށް ކިޔާ މި ނަރުސް ފައިޒާގެ ކޮވިޑް ވެކްސިން ޖަހާފައި ވަނީ ޑިސެންބަރު 18 ވަނަ ދުވަހުއެވެ.

ކޮވިޑް ވެކްސިން ޖެހުމަށްފަހު އޭނާ އެކަން އިންސްޓްގްރާމްގައި ހިއްސާކުރަމުން ބުނެފައިވަނީ ކޮވިޑް-19 ޖެހިތާ 15 މިނިޓަށް ވުރެ ގިނައިރު ވެއްޖެކަމަށާއި އޭނާގެ ގައިން އިތުރު އަލާމަތެއް ފެނިއްޖެ ނަމަ އެކަން ރިޕޯޓުކުރާނެ ކަމަށެވެ.

ނަމަވެސް އޭގެ 7 ވަރަކަށް ދުވަސް ފަހުން، މެތިއުގެ ހާލު ވަނީ ދެރަވެފައެވެ. ދެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ މެތިއު، ބަލި ވާން ފެށީ އޭނާ ކޮވިޑް-19 ޔުނިޓުގައި މަސައްކަތް ކުރި ޝިފްޓުތަކަށް ފަހު ގައި ކަމަށް އޭނާ ބުނެއެވެ.

މެތިއު ކޮވިޑަށް ފައްސިވެފައިވާ ކަން އެނގިފައިވަނީ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

މި ކޭހާ ގުޅިގެން ބައެއް ޑޮކްޓަރުން ބުނި ގޮތުގައި މެތިއު އަށް ވައިރަސް ޖެހިފައިވަނީ ވެކްސިން ދިނުމުގެ ކުރިން ކަމުގައި ވެދާނެ ކަމަށެވެ. އަދި އާންމުކޮށް ވެކްސިން މަސައްކަތް ކުރަން ފަށާނީ 10 ދުވަހާއި 14 ދުވަހާ ދެމެދު ކަމަށް އެފަރާތްތަކުން ބުނެއެވެ.

ޑޮކްޓަރުން އަންނަނީ މެތިއުގެ ކޭސް ވަރަށް ގާތުން ބަލަމުންނެވެ.

ފައިޒަރގެ ވެކްސިނަކީ ކޮވިޑް-19 އަށް 95 އިންސައްތަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ވެކްސިނެއްކަމަށް އެންމެ ފަހުގެ ޓެސްޓުތަކުން ދައްކައެވެ. ރިޕޯޓްތައް ބުނާ ގޮތުން ފައިޒަރ އަދި ބައޯންޓެކްގެ ވެކްސިން 43،500 މީހުންގެ ގަޔަށް ޖަހާ ޓެސްޓު ކޮށްފައިވެއެވެ. އަދި މި ވެކްސިން ޖެހި މީހުންގެ ދިފާއީ ނިޒާމުގައި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރާކަން ފާހަގަ ވެފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!