ޚަބަރު

ޖެނެރަލް ޝިޔާމަށް ދައުވާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކުރީގެ ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމް/ ފޮޓޯ: ދި އެޑިޝަން

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް ކޮށްފިއެވެ.

Ads by Sosun Fihaara

އެގޮތުން ޖެނެރަލް ޝިޔާމްގެ މައްޗަށް ކޮށްފައި ވަނީ ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގޭގައި ޝިޔާމްގެ ބައްފަ ދިރިއުޅުނު ކަމަށް ބުނާ މައްސަލައިގައެވެ. ޝިޔާމްގެ ބައްޕަ އެ ފެސިލިޓީގައި އުޅުނީ އޭނާގެ އެންގުމަށް ކަމަށާއި، އޭނާގެ ބައްޕައަށް ސިފައިން އެކި ހިދުމަތްތައް ވެސް ކޮށްދެއްވި ކަމަށް ދައުވާގައި ވަނީ ބުނެފައިވެއެވެ.

އެ މައްސަލައިގައި ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ 23 ވަނަ ދުވަހު އެވެ.

މިމައްސަލައާއި ގުޅޭގޮތުން މިއަދު ޕީޖީ އޮފީހުން ބުނެފައިވަނީ ޖެނެރަލް ޝިޔާމް މަގާމުގައި ހުންނެވި އިރު ސިފައިންގެ ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި 1 އަހަރާއި 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް އޭނާގެ ބައްޕަ ދިރިއުޅުމަށް ބަހައްޓައި، އެ މުއްދަތުގައި އޭނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރި މައްސަލައިގައި އޭނާއަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަަމަށެވެ.

ޖެނެރަލް ޝިޔާމަށް ކޮށްފައި މިވާ ދައުވާއާ ގުޅިގެން އޭސީސީން ބުނެފައިވަނީ ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރަކާ ހަވާލުކޮށް، އެތަނުގެ ވަސީލަތްތަކާއި ހިދުމަތްތައް އޭނާގެ ބައްޕައަށް ބޭނުންކުރެވޭގޮތަށް އޮތުމުން، އޭނާއަށް ލިބެން ނުޖެހޭ މަންފާތަކެއް ލިބިފައިވާ ކަމަށެވެ. އަދި ޝިޔާމްގެ އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދައުލަތުން ހަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެން ނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ އަމަލެއް ކަމަށް އޭސީސީން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!