ޚަބަރު

ސަރުކާރުން އުޅެނީ ޝިޔާމް ގޮޅިއަކަށް ފައްތަން: ޣައްސާން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި ސަރުކާރުން މަސައްކަތްކުރަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) އަހުމަދު ޝިޔާމް ގޮޅިއަކަށް ލައި ފައްތަން ކަމުގައި ތ.ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝިޔާމްގެ މައްޗަށް އުފުލާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ޝިޔާމް ހުންނެވި އިރު އޭނާގެ ބައްޕަ ގިނަ ދުވަސްތަކެއް ވަންދެން ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ބައިގައި ބެހެއްޓި މައްސަލައެވެ.

މިކަމާ ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިވެހި ސިފައިންނަކީ ގައުމަށް އިހުލާސްތެރި ބައެއްކަން ތާރީހު ހެކިދޭ ކަމަށާއި ގައުމާއި ގާނޫނު އަސާސީ ހިމާޔަތް ކުރަން ކުރެއްވި ހުވާ ދެމެހެއްޓުމަކީ ސިޔާސީ ކަމެއް ނޫން ކަމަށެވެ.

ކުރީގެ ޗީފް އޮފް ޑިފެންސް އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ގޮޅިއަކަށް ފައްތަން ކުރާ މަސައްކަތް ކުށްވެރި ކުރަން. އެކައުންޓްބިލިޓީ އަކީ ވަކި ބަޔަކަށް އޮންނަ ކަމެއްތޯ،" ޣައްސާން ގެ ޓްވީޓުގައި ސުވާލު ކުރައްވާފައިވެއެވެ.

ވިލިމާލޭގައި ހުންނަ ކޯސްޓް ގާޑްގެ އިމާރާތުގައި ޖުލައި 18، 2017 އިން ފެށިގެން 11 ޑިސެމްބަރު 2018 އާ ހަމައަށް ޝިޔާމްގެ ބައްޕަ ދިރިއުޅުއްވި މައްސަލަ އޭސީސީއަށް ފުރަތަމަ ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އޭރުގައި އެ މައްސަލަ ފައިލް ކުރި އިރު އޭސީސީން ބުނީ ސިފައިންގެ ވީއައިޕީ ގޭގައި، ޑިފެންސް ޗީފާއި ވައިސް ޗީފް އަދި ކޯސްޓު ގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތިން އެކި މީސްމީހުންނަށް ތިބުމުގެ އިންތިޒާމު ހަމަޖެހޭ ކަން ލިބިފައިވާ ލިޔުންތަކުން އެނގޭ ކަމަށެެވެ. އެހެންވެ، ޝިޔާމްގެ ބައްޕަ އަށް އެތަނުގައި ހުންނެވުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ނުބެލެވޭ ކަމަށް އޭރު ތަހުގީގު ނިންމި ގޮތުގެ ރިޕޯޓުގައި ވެއެވެ.

ޝިޔާމަށް ދައުވާ ކުރަން ފޮނުވުމަށް ފަހު އޭސީސީން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ ޝިޔާމްގެ ބައްޕަ ބެހެއްޓެވި ވީއައިޕީ ގެއަކީ ސިފައިންގެ މަރުކަޒެއް ކަަމަށްވާ އެމްއާރްސީސީގެ ބަޔަކަށް ވާތީ އެ މަރުކަޒަށް ހިނގާ ގަވައިދު އެ ގެއަށް ވެސް ހިނގާނެ ކަމަށެވެ. އެހެންވެ އެެ ގޭގައި އާއްމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޝިޔާމްގެ މައްޗަށް ދައުވާ ކުރުމަށް އަލުން ނިންމުމާ ގުޅިގެން އިދިކޮޅު ގިނަ ފަރާތްތަކެއް އަންނަނީ އެކަމާ މެދު ނުރުހުން ފާޅުކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!