!ފްލޯޓިންގ ސޯލާރ ޕޮޑް އާއެކު ސްޓެލްކޯ ތާރީޚުގެ ތެރެއަށް

މިއަދަކީ ސްޓެލްކޯގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ޚާއްސަ ދުވަހެކެވެ. ސްޓެލްކޯގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ފްލޯޓިންގ ސޯލާރ ޕޮޑު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިރޭ އިފްތިތާހުކޮށްފިއެވެ. މިރޭ ބޭއްވުނު ހަފްލާގައި މި ސޯލާރ ޕެނަލްތައް އިފްތިތާހު ކޮށްދެއްވީ ސްޓެލްކޯގެ ޗެއަރމަން މުހައްމަދު ރަޝީދެވެ.
ސްޓެލްކޯއިން ރާއްޖެއަށް އަލަށް ތަޢާރަފުކުރި މި ފްލޯޓިން ސޯލާރ ޕެނަލަކީ ރާއްޖޭގެ ތިމާވެއްޓާ ރައްޓެހި އުފެއްދުމެކެވެ. އެގޮތުން މިއީ ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުން ގެންދާތާ 70 އަހަރު ފުރުމާ ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވި ނަސޭހަތް އަޑުއެއްސެވުމުގެ ނަތީޖާ ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ސޯލާ ޕޮޑް އިފްތިތާޙުކޮށްދެއްވީ ސްޓެލްކޯގެ ޗެއަރމަން
މީގެ އިތުރުން، މި ސޯލާރ ޕޮޑުތަކަކީ ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް އެކަތި އަނެކައްޗަށް ރީއްޗަށް ގުޅައިލައިގެން ތައްޔާރު ކުރެވިފައިވާ ޕްރޮޑަކްޓެއް ކަމަށާއި، މިހާތަނަށް އަދި ތައްޔާރު ކުރެވުނު ސޯލާރ ޕޮޑުތަކުގެ ތެރޭގައި ހިމެނެނީ 8 ޕެނަލްގެ ސޯލާ ޕޮޑާއި 16 ޕެނަލް ގެ ސޯލާރ ޕޮޑު ކަމަށް ވެސް މުޣްނީ ވަނީ ވިދާޅުވެފައެވެ. އަދި މިކަމަށް ކަސްޓަމަރުންގެ ޑިމާންޑު އޮތް ވަރަކަށް ބަލާ އިތުރު ސައިޒުތައް ތަޢާރަފު ކުރެވިގެން ދާނޭ ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯގެ އެމްޑީ މުޣުނީ ވާހަަކަދައްކަވަނީ: ފޮޓޯ ދެން ، މުޙައްމަދު ހައްޔާން
މީގެ އިތުރުން މުޣުނީ ވިދާޅުވީ މިއަހަރަކީ ކޮވިޑު-19 ގެ ސަބަބުން ހުރިހާ ގޮތަކުން ވެސް ދަށް އަހަރަކަށް ވީނަމަވެސް، ސްޓެލްކޯގެ ޚިދުމަތަށް އެކަމުން އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައި ނުވާއިރު، އެންމެ މިނެޓަކަށް ވެސް ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ދެވުނުކަމީ އެބޭފުޅާ ޝުކުރުވެރިވާ ކަމެއް ކަމުގައެވެ.
"ސްޓެލްކޯގެ ވިސްނުމަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ތިމާވެއްޓާއި ރަހުމަތްތެރި ގޮތުގައި ހަކަތަ އުފެއްދުމުގެ މާހައުލެއް ޤާއިމުކުރުމަށް ބާރު އެޅުމާއި ދިވެހިންގެ ތެރެއިން އަންނަ އިޖާދީ އައު ވިސްނުން ދިވެހި މާހައުލާ ގުޅޭގޮތުން ޕްރޮމޯޓު ކުރުން. އަދި މިކަމުގައި އަޅުގަނޑާ އެއްކޮށް މަސައްކަތް ކުރައްވާ ސްޓެލްކޯގެ މެނޭޖްމަންޓާއި، R&D ޓީމާއި އަދި ސްޓެލްކޯގެ އެންމެހާ ހީވާގި މުވައްޒަފުންނަށް އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަން"

ސްޓެލްކޯއިން ތަޢާރަފުކުރި ސޯލާ ޕޮޑް: ފޮޓޯ ދެން، މުޙަައްމަދު ހައްޔާން
ރާއްޖެއަށް އަލަށް ތަޢާރަފު ކުރެވިގެން ދިޔަ މި ސޯލާރ ޕޮޑަކީ ރާއްޖޭގެ މާހައުލާ ރައްޓެހި އެއިން އެތައް މަންފާތަކެއް ކުރާނެ ޕްރޮޑަކްޓަކެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި މި ޕްރޮޑަކްޓަށް ކަސްޓަމަރުންގެ ޑިމާންޑު އޮތް ވަރަކަށް ހެޔޮ އަގެއްގައި ލިބިގެން ދާނޭ މަގު ތަނަވަސް ވެގެން ދާނޭ ކަމަށް ސްޓެލްކޯގެ އެމްޑީ، ހަސަން މުޣުނީ ވަނީ ފާހަގަ ކޮށްފައެވެ.