ކޮވިޑް-19: ވެކްސިން ރައްކާކުރުމަށް ފިނި ކޮށާރު ހަދަނީ

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ރައްކާކުރުމަށް ގާއިމް ކުރަން ޖެހޭ ފިނިކޮށާރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.
އެ ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ މުޅި ރާއްޖެއަށް ބޭނުންވާ ސަރަޙައްދީ ފިނި ކޮށާރު ވަކިތަނެއްގައި ޤާއިމު ކުރުމަށްޓަކައި އެތަން ހެދުމަށް ބޭނުންވާ ބިން ކަނޑައަޅައި ތަނުގެ ކުރެހުމުގެ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށެވެ.
އެޗްއީއޯސީއާއި ޑަބްލިޔުއެޗްއޯއާ ގުޅިގެން ވެކްސިން ރައްކާކުރުމަށް ވަސީލަތްތައް ހޯދަމުން އަންނަ ކަން ފާހަގަކުރައްވައި ނަޒްލާ ވިދާޅުވީ ފިނި ކޮށާރަށް ބޭނުންވާ "ވޯކް އިން ފްރީޒަރސް" އަދި އެހެނިހެން ވަޞީލަތްތައްވެސް ހޯދަމުން އަންނަ ކަމަށެވެ.
އަދި އަތޮޅު ތެރޭގެ ބައެއް ސިއްހީ މަރުކަޒުތަކުގައި ވެސް ވެކްސިން ރައްކާ ކުރުމަށް ފިނި ކޮޓަރި ތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
“ރާއްޖޭގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލުތަކުގެ އިތުރުން ބޮޑެތި ހެލްތު ސެންޓަރ ތަކަށްވެސް ބޭނުންވާ އައިއެލްއާރު އަދި ވެކްސިން ސްޓޯރ ކުރުމަށް ބޭނުންވާ ޚާއްސަ ފްރިޖްތައް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެއާއެކު ޓެމްޕަރޭޗަރ މޮނީޓަރިންގ ސިސްޓަމް ޤާއިމުކުރުމަށް ޑަބްލިޔުއެޗްއޯއާއެކު ކުރަން ޖެހޭ މަސައްކަތް އަންނަނީ ކުރަމުން" ޑރ.ނަޒްލާ ވިދާޅުވިއެވެ.