ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މުވައްޒަފުންނަށް ގިނަ ލުއިތަކެއް
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މުވައްޒަފުންނަށް ގިނަ ލުއިތަކެއް ލިބިދޭހެން، ސިިވިލް ސާވިސްގެ ގަވައިދަށް ގިނަ އިސްލާހުތަކެއް ގެނެސްފިއެވެ.
ސާވިސް ކޮމިޝަން (ސީއެސްސީ)އިން ވަނީ އެގަވައިދަށް ގެނައި އިސްލާހުތައް މިއަދު ގެޒެޓުގައި އާންމުކޮށްފައެވެ.
އެގޮތުން މެޑިކަލް ސެޓުފިކެޓު ހުށައަޅައިގެން، ޓާމިނަލް އިލްނެސް ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގު މުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ މުވައްޒަފުންނަށާއި ބޯން މެރޯ ނުވަތަ ގުނަވަނެއް ހަދިޔާ ކުރާނަމަ، އެ މުވައްޒަފަކަށް އެކަން ބަޔާންކުރާ ސިއްހީ ލިޔުމަކާއެކު، ސަލާމުގެ ޗުއްޓީ ގޮތުގައި، މުސާރަ ލިބޭގޮތަށް އަހަރަކު އިތުރު 30 ދުވަސް ދެވޭގޮތަށް މި ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.
1 ޖެނުއަރީ 2021 އިން ފެށިގެން އަމަލު ކުރަން ފަށާ މި އިސްލާހުތަކާއެކު، މިފަދަ މުވައްޒަފުންނަށް، ސަލާމް ޗުއްޓީގެ އިތުރުން، މުސާރަ ލިބޭގޮތަށް "ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ"ގެ ގޮތުގައި އަހަރަކު އިތުރު 60 ދުވަސް ދެވިދާނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ. ކަނޑައެޅި މި ހާއްސަ ޗުއްޓީ، މެޑިކަލް ސެޓްފިކެޓާ އެއްގޮތަށް 60 ދުވަހަށްވުރެ އިތުރަށް ވެސް ދެވިދާނެއެވެ.
އަދި މި މުވައްޒަފުންގެ ރިކަވަރީ މުއްދަތުގައި، ގޭގައި ހުރެގެން، ރިމޯޓްކޮށް މަސައްކަތް ކުރުމުގެ އިންތިޒާމް ހަމަޖައްސައިދެވޭ ގޮތަށް ގަވާއިދު ވަނީ އިސްލާހު ކޮށްފައެވެ.
މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، ވަޒީފާގެ މާހައުލުގައި އެފަދަ މީހުންގެ ބައިވެރިވުން އިތުރު ކުރުމަށްޓަކައި، ސިވިލް ސާވިސްގެ ވަޒީފާއަށް އައްޔަނު ކުރުމުގެ އަސާސީ އުސޫލު ބަޔާންކުރާ މާއްދާއަށް އިސްލާހެއް ގެނެސް، އުސޫލެއްގެ ދަށުން ސިވިލް ސާވިސްގެ ބައެއް މަގާމުތައް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ މަގާމުތަކެއް ކަމަށް ކަނޑައެޅޭ ގޮތަށް ވަނީ ނިންމާފައެވެ.