މުނިފޫހިފިލުވުން

ފިލްމީ ދާއިރާ ދޫކޮށްލި ސަނާޚާންގެ އުފާވެރި ދިރިއުޅުން، ފާޑުކިޔުންތަކަށް ފަރުވާލެއް ނެތް!

އާއިޝަތު އަލީނާ ، ދެން އޮންލައިން

ބޮލީވުޑްގައި ފިޔަ ޖަހަމުންދިޔަ ރީތި އެކްޓްރެސް ސަނާޚާން އެ ދާއިރާއިން ކުއްލިއަކަށް ވަކިވެގެން ދިޔުމަކީ ބޮލީވުޑަށް ސިހުން ގެނުވި ކަމެކެވެ. ނަމަވެސް ، އާންމުން ކިޔަމުން ދިޔަ ފާޑު ކިޔުންތަކަށް ނުބަލާ ، ސަނާޚާން ވަނީ ދިރިއުޅުމުގެ ބާކީ އޮތްބައި ﷲ ތަޢާލާ ރުއްސަވާ ގޮތުގައި ހޭދަ ކުރުމަށް އަޒުމް ކަނޑައަޅާ އެގޮތުގައި މަސައްކަތް ފަށާފައެވެ.

Ads by MWSC

މި ޚަބަރަށް ފަހު ދުވަސްކޮޅެއްގެ ތެރޭގައި ދެން އިވިގެން ދިޔަ ޚަބަރަކީ ސަނާޚާން ކައިވެނި ކުރި ޚަބަރެވެ. އެތައް ބައެއްގެ ހިތް ފަތަހަ ކުރި ސަނާޚާން ކައިވެނި ކުރީ މުސްލިމުންގެ އާދަކާދައިގެ މަތީންނެވެ. ކައިވެންޏަށްފަހު އޭނާ ބުނެފައި ވަނީ "ޙަލާލު ލޯބީގެ ގުޅުން" މިހާ އުފާވެރިވާނެ ކަމަށް ކުރިން ހީނުކުރާ ކަމަށެވެ.

ސަނާޚާންގެ ފިރިމީހާއަކީ ގުޖުރާތުގެ ސޫރަތަށް އުފަން މުފްތީ އަނަސް ކިޔާ ދީނީ ޢިލްމުވެރިއެކެވެ. ވިޔަފާރިވެރިއެކެވެ. މުފްތީ އަނަސްއާ ސަނާޚާންގެ ކައިވެނި ކުރީ މިދިޔަ ނޮވެންބަރު 20 ވަނަ ދުވަހު ސޫރަތުގައެވެ. މުފްތީ އަނަސް ވަނީ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ސަނާޚާންއަށް އަގުބޮޑު އަނގޮޓިއެއް ދީފައެވެ.

ކައިވެންޏަށްފަހު ސަނާޚާން ކުރި ޕޯސްޓެއްގައި ލިޔެފައިވެއެވެ.

" ﷲއަށް ޓަކައި ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވަމު ، ﷲއަށް ޓަކައި ދެމީހުން ކައިވެނިކޮށްފީމު ، މި ދުނިޔޭގައި ދެމީހުން އެކުގައި ލައްވައި ، ސުވަރުގޭގައި ދެމީހުން އަލުން އެކުގައި ލައްވާށި! އާމީން!"

ކައިވެންޏާ ގުޅޭ ގޮތުން ސަނާޚާން ބުނެފައި ވަނީ މުފްތީ އަނަސްއާ ގުޅެން ނިންމުމަކީ އޯވަރނައިޓަކުން ނިންމި ނިންމުމެއް ނޫން ކަމަށާއި އެފަދަ އިންސާނެއް ދެއްވާތޯ ދުޢާ ކުރަމުން އަންނަތާ އެތައް އަހަރެން ވެއްޖެ ކަމަށެވެ.

ހުދު ކުރުތާއާއި ފަޓްލޫނު އަދި ހުދު ތާކިހާގައި އާންމުކޮށް ފެންނަ މުފްތީ އަނަސްއާ ކައިވެނި ކުރުމުން ސަނާޚާންއަށް ވަރަށް ގިނަ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހުނެވެ. އެކަންކަމާ ގުޅޭ ގޮތުން އޭނާ ބުނެފައި ވަނީ މީހުން ކިޔާ އެއްޗެއްސަކާމެދު ފަރުވާލެއް ނެތް ކަމަށެވެ.

"އަހަރެންގެ އިންސްޓާ ހޭންޑްލްގައި މީހުން ހަޑިހުތުރު އެއްޗިހި ކިޔާ ހެދި ، އެއީ ފިލްމީ ދާއިރާ ދޫކޮށް ވަކި ގޮތްތަކެއްގެ މަތީން އުޅެން އިޚްތިޔާރު ކުރީތީ ، އަހަރެންގެ ފިރިމީހާއަކީ ރަނގަޅު މީހެއް ، އަހަރެންގެ ނަޒަރުގައި އޭނާއަކީ ސިފަ ރީތި މީހެއް ، ފަހަރެއްގައި ކަލޭމެންނަށް ހަޑިވެދާނެ ، އަހަރެންގެ ފަރުވާލެއް ނެތް" ސަނާޚާން ބުނެފައި ވެއެވެ.

މީސްމީޑިއާގައި ޙަރަކާތްތެރި ސަނާޚާން ދަނީ ކައިވެންޏަށް ފަހު އުފާވެރި ދިރިއުޅުމެއް ހޭދަ ކުރަމުންނެވެ. ދަތުރުފަތުރު ކުރުމަށް ލޯބިކުރާ ސަނާޚާން ދަނީ ދިރިއުޅުމުގެ ކަންކަން އާންމުންނާ ހިއްސާ ކުރަމުންނެވެ. މީގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މެސެޖުތައް ވެސް އޭނާ ދަނީ އާންމުންނަށް ފޯރުކޮށް ދެމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!