މުނިފޫހިފިލުވުމުގެ ދާއިރާ ދޫކޮށްލާ، ތައުބާވުމުން ވެސް ބައެއް މީހުން ފުރައްސާރަ ކުރާތީ ސަނާ ރައްދު ދީފި
އިސްލާމްދީނަށްޓަކައި މުނިފޫހިފިލުވުމުގެ ދާއިރާ ދޫކޮށްލި ސަނާ ޚާންއަށް މީސް މީޑިއާގައި ފުރައްސާރަ ކުރަމުންދާ ބަޔަކަށް އޭނާ ރައްދު ދީފިއެވެ.
މޮޑެލް ކުރުމާއި ބޮލީވުޑުން މަޝްހޫރުކަން ލިބުނު ސަނާ ޚާން، އެ ދާއިރާ ދޫކޮށްލައިފިކަމަށް އިއުލާނު ކުރީ މިދިޔަ އަހަރުގައެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ، އިސްލާމްދީނަށް ފުރިހަމައަށް ތަބާވެ، ދީނީ އަޅުކަން ފުރިހަމައަށް އަދާކުރުމަށާއި އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރަން ބޭނުންވާތީ މުނިފޫހިފިލުވުމުގެ ދާއިރާ ދޫކޮށްލަން ޖެހޭ ކަމަށެވެ.
ބެލުންތެރިން އެކަމާއި ހައިރާންވެފައި ތިއްބާ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ސަނާ ވަނީ ދީނީ ޢިލްމުވެރިޔާ އަނަސް ސައްޔިދުއާ ކައިވެނި ކޮށްފައެވެ.
ކުއްލިއަކަށް ކައިވެނި ކުރި ޚަބަރުން ވެސް އެތައް ބަޔަކު ހައިރާންވުމުގެ އިތުރުން، އެޚަބަރު ވެގެންދިޔައީ މީހުން ސަނާއޭ ކިޔާފައި ތަފާތު އެކިއެކި ވާހަކަތައް ދައްކަން ފަށަން ހުޅުވުނު ދޮރަކަށެވެ.
އެގޮތުން އެތައް ބަޔަކު ވަނީ ބުރަކަށި ފެންނަންހުރި ހެދުމެއް ލައިގެން ސަނާ ޚާން ، ސަލްމާން ޚާންއާ ގައިގޯޅިވި ކަމަށާއި، އޭނާގެ ކުރީގެ ލޯބިވެރިޔާގެ ވާހަކައިގެ އިތުރުން އަނަސް އާއި ކައިވެނިކުރީ އަނަސް އަކީ ބޮޑު މުއްސަންޖަކަށް ވާތީ ކަމަށް ވެސް ބުނެ ތުހުމަތު ކޮށްފައެވެ.
މިފަދަ ވާހަކަތަކަށް ސަނާ ކުރިން ރައްދެއް ނުދީ، ދީނީ ނަސޭޙަތް ދިނުމުގައި އުޅުން ކަމުގައި ވިޔަސް، މިއަދު އޭނާވަނީ އެފަދަ މީހުންނަށް ރައްދު ދީފައެވެ.
އެގޮތުން އިންސްޓަގްރާމްގައި ސަނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބައެއް މީހުން އޭނާގެ މާޒީގެ ވާހަކަތައް ނަގައިގެން ވަަރަށް ނެގަޓިވް ވީޑިއޯ ހަދާފައިވާ ކަމަށާއި، އެކަންކަމާ ވަރަށް ކެތް ކުރި ކަމަށެވެ.
"އެކަމަކު އަހަރެންގެ މާޒީއަށް ރިއާޔަތްކޮށް އެކަކު ހަދާފައިވާ ވީޑިއޯ އަކުން އަހަރެން ވަރަށް މާޔޫސް ވެއްޖެ. މީހަކު ޠައުބާވެފައިވާ ފާފައަކާ ބެހޭގޮތުން އިތުރަށް ހަނދާން ކޮށްދިނުމަކީ ފާފައެއް ކަމެއް ނޭނގޭތަ؟" ސަނާ ލިޔެފައިވެއެވެ.
އެއީ ކާކު ކަމެއް އަދި ކޮން ވީޑިއޯއެއް ކަމެއް ސަނާ ބުނެފައެއް ނުވެއެވެ. ނަމަވެސް އިތުރަށް ބުނެފައި ވަނީ އޭނާއަށް މާޒީ ބަދަލު ކުރެވޭނެ ނަމަ، މާޒީއަށް ގޮސް ބައެއް ކަންކަން ބަދަލު ކުރާނެ ކަމަށެވެ.