ވާހަކަ

ކުރުވާހަކަ: ޤުރުބާނީ

ދެން އެމްވީ ، ދެން އޮންލައިން

ކުޑަ ކޮޓަރިއެކެވެ. އެއްވެސް ތަރުތީބު ކަމެއް ނެތެވެ. ސަތާރަވަރަކަށް މީހުން ތޮއްޖެހިގެން އުޅޭތަން ފެނެއެވެ. އެކުޑަ ކޮޓަރި ފެނިފައި އަހަރެންނަށް ހުރެވުނީ ހިންދިރުވާލަންވެސް ނުކެރިފައެވެ. އެއްވެސް ސާފުތާހިރުކަމެއް ތަނުން ފެންނަން ނެތް އިރު ނޭފަތަށް އަރަމުން ދިޔަ ވަހުން ނޯއްދަމައިލަންވެސް ނުކެރެއެވެ. ހިތްވަރުކޮށްފައި ކޮޓަރިއަށް ވަދެލީ ބޮޑު މީހާގެ ހުއްދައާ އެކީއެވެ. އާއެކެވެ. އެއީ އަހަރެން ދެން އުޅެން ޖެހިފައި ހުރި ކޮޓަރިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވަގުތު ވޭތުކުރަން ދެން ޖެހޭނީ މިކުޑަ ކުޑަ ކޮށްޓެއް ކަހަލަ ތަނުގައިއެވެ.

Ads by Sosun Fihaara

ތަނާމެދު ކިތަންމެ ހިތްހަމަނުޖެހިފައި ހުރި ނަމަވެސް އަހަރެންނާ އެކީ އުޅެން ތިބި މީހުންގެ އެހީތެރިކަމާއި އެކުވެރިކަމުގެ ސަބަބުން ހިތަށް ފިނިކަން ލިބުނެވެ. ނަމަވެސް އުޅެން ޖެހިފައި ހުރި ތަނުން އަހަރެންގެ މޭ ނުބައި ކުރަމުން ދިޔައެވެ. ތަރުފާލި އަޅާފައި ހުރި އެކޮޓަރީގައި މީހުން ނިދަމުން ދިޔައީ ކުނަލެއް މަތީގައެވެ. ފިތިފިތިގެންނެވެ. ބޯ މަތީގައި ފަންކާ ނުފެންނަ ވަރަށް ރޯނެއް ދަމާފައި ހެދުން އެޅުވުމަށް ހަދާފައި ހުއްޓެވެ. އެތެރޭގައި އުޅެން ޖެހެނީ ގުދުވެގެންނެވެ. އަހަރެންގެ ދަބަސް ، ތިރީގައި ބެހެއްޓުމަށްފަހު ފާހަނާއަށް ވަދެލީމެވެ. އެތަން ހުރި ގޮތުން އަހަރެންނަށް ހޮޑު ނުލެވުނީ ހަމަ ކިރިޔާއެވެ. ތިރި ފާޚާނާ ތައްޓެއް ހުރިއިރު ދެން ފެންނަން ހުރީ ވަޅެކެވެ. ފާޑެއްގެ ގިފިއްޔެއް ކަހަލަ ތަނެކެވެ. ތަފާތީ މަތި ހިޔާ ކޮށްފާ ވާ ކަމެވެ. ފާޚާނާގައި ވެސް މުށި ނުޖަހައި ހަމައެކަނި ތަޅުން އަޅާލާފައި ހުރުމުން ރަތް ކުލައިގެ ކުދި ކުދި ފަނި ދުވަމުން ދިޔައެވެ. ދެފަރާތަށް ކުރަފި އުދުހެމުން ދިޔައިރު އަހަރެންގެ މޭގަނޑު އަނގައަށް ނައީ ހަމަ ކިރިޔާއެވެ. ހުވަފެނުންވެސް ދުވަހަކު އަހަރެންނަށް މީގެ ތަނެއް ފެނިފައެއް ނުވެއެވެ.

ބޮޑުމީހާގެ އެދުމާއިއެކު މަސައްކަތަށް ދާން ތައްޔާރުވެލައިގެން ނުކުތީމެވެ. އެހެންމީހުން ވެސް އަހަރެންނާ އެކު ނުކުމެގެން އައެވެ. އަހަރެމެން ކުރަން ހަމަޖެހިފައި ހުރި މަސައްކަތަކީ ތަންތަން ރޭނުމުގެ މަސައްކަތެވެ. އެއީ ވެސް ބުރަ މަސައްކަތެވެ. ދިވެހިންނަށް އެތައް ހިދުމަތެއް ކޮށްދިނުމަށްޓަކައި އަހަރެމެންގެ އެތައް ބައެއް، އެމީހުންގެ އަނބިދަރިންނާއި މައިންބަފައިން ދޫކޮށްލާފައި މިތަނަށް އައިސްގެން އުޅޭއިރު ދިވެހިން އަހަރެމެންނާ މެދު ކަންތައް ކުރާ ގޮތް ނިކަން ދެކި ބަލާށެވެ. ކުޑަކުޑަ ކޮޓަރިއެއްގައި އެތައް މީހުންނެއް އުޅެމުން އަންނައިރު އެމީހުންނަށް ކަންތައްތައް ކޮށްދެނީ އަހަރެމެންކަން ހަމަ އެމީހުންނަށް ނުވިސްނެނީ ހެއްޔެވެ؟ އެއްވެސް ޝަކުވާއަކާ ނުލައި ކިޔާ ކޮންމެ އެއްޗަކަށް ރުހިގެން ހުންނަނީ ހިތަށް ތަދު ނުވާތީއެއް ނޫނެވެ. ދިވެހިންނަށް ހިދުމަތް ކުރަން ބޭނުންވާތީއެވެ.

ހަމަގައިމުވެސް އަހަރެން މިތަނަށް އައީ މިކަހަލަ ހާލެއްގައި އުޅެން ޖެހިދާނެ ކަމަކަށް ނޫނެވެ. އަހަރެންނަށް އަޑު އިވިފައިވާ ގޮތުން ދިވެހިންނަކީ ވަރަށް ހިތްހެޔޮ ބައެކެވެ. އަހަރެމެން ނަމޫނާ ނަގަން ޖެހޭ ވަރު ބައެކެވެ. ނަމަވެސް އަހަރެންނަށް ފެންނަ މަންޒަރުތައް އެތައް ހާސް ގުނަ ތަފާތެވެ. ތެދަށް ބުނަންޏާ ބުނެވޭނީ ބުނާ ބަހާ އަމަލާ ދިމާނުވާ ވާހަކައެވެ. އަހަރެންނަށް މިކަންތައް އެނގުނީ މަސައްކަތް ކުރަން ހަމަޖެހިފައި ހުރި ތަނަށް ދިޔަ މަގުމަތީގައެވެ.

''ކަލޭ ލޯ ކަނީތަ؟ ބަލައިބަލަ ލައިގެން ހުރި އެއްޗެހި. މަގޭގައިގަ އައިސް ތި ލައިގަތީ ކީކޭ ހިތަށް އަރައިގެންތަ؟ ފުރަތަމަ މަގުމައްޗަށް ނިކުމެ ނޫޅެ ތިމާ މީހާގެ ސޫރަ ހުރިގޮތް ބަލައިލި ނަމަ. ތި ކަހަލަ މީހުންނާ ހެދި އޭ މިތަންތާގަ ބަލި އެއްޗެހި ފެތުރެނީ.'' އަހަރެންނަށް އެމީހާ ކިޔަމުން ދިޔަ އެއްޗެއް ދޭހަ ނުވިއެއްކަމަކު ކައިރީގައި ހުރި މީހާ ދިޔައީ އަހަރެމެންގެ ބަހުރުވައިން އެމީހާ އެކީ އެއްޗެހި ތަރުޖަމާ ކޮށްދެމުންނެވެ. ބުނަމުން ދިޔަ ކޮންމެ ޖުމްލައަކުން އަހަރެންގެ ހިތް ކަފާ ކުދި ކުރަމުން ދިޔައިރު އަހަރެންނަށްވެސް މިކަހަލަ ހާލެއް ޖެހިދާނެތީ ހިތް ބިރުގަތެވެ.

''އެކަމަކު ވާ. ހިނގާފައި ދަނިކޮށް މީހެއްގެ ގައިގަ ޖެހިލައިގެން ވެސް އެވަރަށް އެއްޗެހި ގޮވާކަށް ނުވާނެ ދޯ.'' ހުރި ހައިރާންކަމާއިއެކު އަހަރެންނަށް އެހެން ބުނެލެވުނެވެ.

''ސުނިލްއަށް އަދި ނޭނގެނީ. މީ ވަރަށް އެހެން ކަހަލަ ބައެއް އުޅޭ ތަނެއް. މިތަނުން އެކަކުވެސް އަހަރެމެން އުންމީދު ކުރި ކަހަލަ ބަޔަކަށް ނުވޭ. ކުޑަމިނުން އެމީހުން ހަނދާނެއް ނުހުރޭ އެމީހުންގެ ގޭގައި ކައްކާފައި ކާން ދޭން ގެންގުޅެނީވެސް އަހަރެމެންގެ މީހުން ކަމެއް. އަހަރެމެން ކޮށްދޭ ކަންތަކެއް އެމީހުންނަކަށް އަންދާޒާއެއް ނުކުރެވޭ. އެންމެ ގަދަ ހޫނުގައި، ދިލަ އަވީގައި އެމީހުންނަށް ޓަކައި ކޮށްދޭ ކަންތައް އެމީހުން ބަލައެއް ނުގަނޭ. މީ އަހަރެމެން މި ކިޔާ ހިތްހެޔޮ ދިވެހިންގެ ހާލަކީ.'' އޭނާގެ ލޮލުގައި ކަރުނައިގެ ފަށަލައެއް ވިއެވެ. އަހަރެންނަށް ހުރެވުނީ ދެން އިތުރަށް ބުނާނެ އެންމެ ބަހެއްވެސް ދުލާ ހަމައަށް ނުގެނެވިފައެވެ. ލިބުނު ސިހުމަކުންނެވެ. ހިތަށް ކުރި އަސަރަކުންނެވެ.

އެންމެން އެކީގައި ރާނަމުން ދިޔައިރު އެއްވެސް ރުޅިވެރިކަމެއް އެކަކު އަނެކަކު ދެމެދުގައެއް ނެތެވެ. އެހެންނަމަވެސް އަހަރެމެންނަށް އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވެއެވެ. ނޫނެކެވެ. ނުކުރެވެނީ އެއް ނޫނެވެ. ރަނގަޅަށް ކުރެވުނަސް އެކަމެއް ރަނގަޅު ކަމަށް ބޮޑުމީހާ ނުދަންނަނީއެވެ. އަހަރެމެންނަށް އެއްޗެހި ކިޔާލާނެ ފުރުސަތެއް އެއް ގޮތެއް ނެތިއްޔާ އަނެއް ގޮތަކުން ވެސް ހޯދާލައެވެ. ހެނދުނު ދިހައެއް ޖެހިއިރު މަސައްކަތަށް ނުކުމެފައި ގެއަށް ދާން ފުރުސަތު ލިބުނީ މަޣުރިބު ނަމާދު ބަންގިއަށެވެ. ނުކައި ނުބޮއި ނަމާދުނުކޮށް ކޮންމެ ދުވަހަކު މިހެން އުޅޭނީ ކިހިނެއް ހެއްޔެވެ.

ކޮޓަރިއަށް ވަދެވުމާއިއެކު ފުރަތަމަވެސް އަހަރެން މަސައްކަތް ކުރީ ފެންވަރައި ތާޒާ ވެލާށެވެ. ނަމަވެސް އަހަރެންނަށް ފެންވަރަން ފުރުސަތު ލިބުނީނުވައެއް ޖަހަން ގާތް ވެފައި ވަނިކޮށެވެ. އެންމެން ފެންވަރައި ނިމުނީ އެވަގުތު ކަމަށް ވާތީއެވެ. ފެންވަރައިލައިގެން ފުރަތަމަވެސް އަހަރެން ބެލީ ނަމާދު ކޮށްލެވޭތޯއެވެ. ނަމާދު ކޮށްލައިގެން ކާން ދިޔައީމެވެ. ކެއުން ވަރަށް ފުރިހަމައެވެ. އެހެން ނަމަވެސް އެންމެ ހިތްހަމަޖެހޭ ވަރަކަށް ކާކަށް ނުލިބެއެވެ. ވެފައި ހުރި ވަރުބަލިން ކައި ނިންމާލާފައި އަހަރެން ނިދަން އޮށޯތީމެވެ. އެންމެންނާ ޖެހި ފިތިގެންނެވެ. ހަމަޖެހިލައިގެން މިތަނުގައި އޮންނާނެ ތަންކޮޅެއް ނެތެވެ. އެހައިވެސް ހޫނު ގަދައެވެ.

ދުވަސްތައް ހަލުވި ކަމާއިއެކު ފާއިތުވަމުން ދިޔައިރު އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެން ދާ ވަރުވެއްޖެއެވެ. ހިތާމައިން ހިތް ފަޅައިގެން ދާ ވަރުވިއެވެ. މީހުން ކިޔާ ހުތުރު ބަސްތަކާއި އަމަލުތައް ބަހައްޓާގޮތް ދުވަހަކުވެސް އަހަރެންގެ ހަނދާނަކުން ފުހެވިގެންނެއް ނުދާނެއެވެ. އަހަރެން މިތަނަށް އައިސް މަހެއް ވެގެން ދިޔައިރު އަދި ލައިގެން ހުރި އަންނައުނު ދޮންނާކަށް ފުރުސަތެއް ނުލިބެއެވެ. ލައިގެން ހުރި އަޅިކުލައިގެ ޓީޝާޓްގައި ވަނީ ހުދުކުލައިން ދުނިޔޭގެ ޗާޓް ކުރަހާލާފައިއެވެ. ފަޓުލޫނުވެސް މެއެވެ. ފައި ބަލައިލަންވެސް ނުކުރެއެވެ. ހިރަފުހާއި ޗަކަހެވެ. ނިޔަފަތިވެސް ދިގުވެގެން ހުރީ އެކި ގޮތްގޮތަށް އޮޅިފައިއެވެ. ފަހަކަށް އައިސް ފެންވަރާކަށް އަހަރެމެންނަކަށް ނުލިބެއެވެ. ފެން ހުރީ ކަނޑާލާފައެވެ. ހަރަދު ބޮޑުވަނީ އޭ ކިޔާފައެވެ. މިފަދަ ހާލެއްގައި ހުރެފައި މިސްކިތަށް އަރަންވެސް އަހަރެމެންނަށް ތިބީނުކުޅެދިފައެވެ. އެއްވެސް ސާފުތާހިރުކަމެއް ނެތި ނަމާދު ކުރާނީ ވެސް ކިހިނެއް ހެއްޔެވެ؟ އަނެއް ކޮޅުން މީހުން ކިޔަމުން އަންނަ އެއްޗެހި ވާނީ އިތުރެވެ. ކުރާ ނަފްރަތު ވާނީ އިތުރެވެ.

އެތައް ދުވަހަކަށްފަހު ދުނިޔޭގައި ފެތުރެމުން އަންނަ ބަލިމަޑުކަމުގެ ސަބަބުން އަހަރެމެންގެ މަސައްކަތްތައް ހުއްޓާލަން ޖެހުނެވެ. މުއްދަތެއް ނެތް ގޮތަށެވެ. އަރާމު ކުރާނެ ވަގުތު ބޭނުން ވަރަކަށް ލިބުނެވެ. އެހެންނަމަވެސް ފެންވަރާލާނެ ވަގުތެއް ނުލިބުނެވެ. ދެން ޖެހުނީ ރެއާއި ދުވާލު ބޮޑު މީހާގެ ގޭގައި މަސައްކަތް ކުރާށެވެ. ނަމަވެސް އަހަރެންނަށް އެކަން ކުރަން ޖެހުނީ ހަފްތާއަކަށެވެ. އެކަމަށްފަހު އަހަރެންނަށް ދެން އުޅެން ޖެހުނީ ބޮޑު މީހާގެ ފިހާރައިގައި ޑެލިވަރީގެ ހިދުމަތް ދިނުމުގައެވެ. އެތައް ގެޔަކަށް އެއްޗެހި ހިފައިގެން ހިނގަން ޖެހެއެވެ. ދުވާލަކު އެތައް އޯޑަރެއް ލިބެމުން އަންނައިރު ހިނގާ ހިނގާ އަހަރެން ހުންނަނީ ދެވަރުން އެއްވަރު ވެފައެވެ. ނަމަވެސް މިއީވެސް އަހަރެންގެ އަމިއްލަ ރައްކާތެރިކަން ދޫކޮށްލާފައި ދިވެހިންނަށްޓަކައި ވާ ގުރުބާނީއެކެވެ.

އެއްދުވަހު އެހެން އުޅުމުގެ ތެރޭގައި ގެއަކަށް ފެންކޭހެއް ގެންދަން ލިބުނެވެ. ލިފްޓެއް ހުރި ގެޔެއް ނޫނެވެ. އަރަން ޖެހެނީ ނުވަ ވަނަ ބުރިއަށެވެ. ކޮނޑުމައްޗަށް ފެން ކޭހެއް އަރުވައިގެން ދެފައި ވާޅު ވިއެއް ކަމަކު ހިތްވަރުކޮށްލާފައި ނުވަ ވަނަ ބުރިއާ ހަމައަށް އެރީމެވެ. އެއަށްފަހު ތިރީގައި ފެން ކޭސް ބަހައްޓާލުމަށްފަހު ވަރުބަލި ފިލުވާލާ ދޮރުގައި ޓަކި ޖަހައިލީމެވެ. ދެތިން ފަހަރަކު ޓަކި ޖަހައިލުމުން ދޮރު ހުޅުވާލީ މެދު އުމުރެއްގެ އަންހެނެކެވެ.

''ބަލަ މަ އޯޑަރު ދިނީ ލައިފު ފެންކޭހަށްތަ ނޫނީ ތާޒާ ފެންކޭހަކަށް ތަ؟ މިގޭ މީހުންނެއް ނުބޯނެ ލައިފު ފެނެއް. ތި ގެންދޭ. ތާޒާ ފެންކޭހެއް ހިފައިގެން އާދޭ. މަގޭ ހިތަށް އަރާ މިކަހަލަ ހަޑި މުޑުދާރު ގަމާރުންނަށް ބާއޭ ފިހާރަތަކުން ވަޒީފާ ދޭން އެނގެނީ. ބަލައިބަލަ ހުރި ސިފަ. މަށަށް ހީވޭ މާ އަވަހަށް މިކަހަލަ މީހުންނާ ހެދި އަހަރެމެންނަށް ބަލި ޖެހޭނެހެން. ދޭ ތިހިފާގެން މަގޭ ކުރިމަތިން.'' އަހަރެންނަށް ދިވެހި ބަސް އެނގޭތީ އެމީހާ ބުނަމުން ދިޔަ ކޮންމެ ބަހެއް ދޭހަވިއެވެ. އެމީހާގެ އެ އޮންނަނީ ހިތެއް ބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ބޭނުންހާ އެއްޗެއް ކިޔާލިއިރު އަހަރެންނަކީ ވެސް އެމީހާއާ އެއްފަދަ އިންސާނެކެވެ. އަޅުކަން ކުރަނީ ހަމަ އެއްއިލާހަކަށެވެ. ތަފާތީ އަހަރެން އުޅެ ބޮޑުވި ތަނެވެ. ބަހުރުވައެވެ. އުޅެން ޖެހިފައި ހުރި ގޮތެވެ. ހާލެވެ.

ފިރިހެނެއް ކަމަކު އެމީހާ ބުނަމުން ދިޔަ ކޮންމެ ބަހަކަށް އަހަރެންގެ ލޮލުން ކަރުނަ ގެނުވިއެވެ. ހިތަށް ހީވީ މީހަކު އަރައި ޗިސް ކޮށްލިހެންނެވެ. ސިކުނޑި ހީވީ ދެފަރާތުން ފިއްތާލިހެންނެވެ. ކިތަންމެ ވަރަކަށް ކަރުނަ ހިފަހައްޓާލަން އުޅުނެއް ކަމަކު އަހަރެންނަކަށް އެކަމެއް ނުވިއެވެ. އެމީހާގެ ކުރިމަތީގައި އަހަރެންގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. ހިތަށް ކުރި ފުން އަސަރުތަކެއްގެ ސަބަބުންނެވެ. އަނެއްކާވެސް އަހަރެންނަށް މިޖެހުނީ އެފެންކޭ ސް ހިފައިގެން ފައިބާށެވެ. އެހެންނަމަވެސް ފައިން ހީވަނީ ދެންމެ ދެންމެ ވަރު ދޫވެދާނެހެންނެވެ. ލޮލަށް އަނދިރިވަމުން ދިޔައިރު ބޮލަށް ދިޔައީ ގޮތްތަކެއް ވަމުންނެވެ. އެހެންނަމަވެސް އެ ހުރިހާ ކަމަކަށް އަހަރެންގެ ހަށިގަނޑު ބާރުގަދަ ކޮށްލުމަށްފަހު ފެންކޭސް ހިފައިގެން ތިރިއަށް ފޭބީމެވެ. އޭރު މުޅި މީހާވަނީ އުދާސްވެގެން ތެމި ފޯވެފައިއެވެ.

ފެންކޭސް ހިފައިގެން ފިހާރައަށް ވަނުމާއިއެކު ދެން ކުރިމަތިލާން ޖެހުނީ ބޮޑުމީހާގެ ބަދު ބަސްތަކާއެވެ. އަހަރެން ވަރަށް ހިތްވަރު ގަދަ ކުރީމެވެ. ބޮޑު މީހާގެ ކުރިމަތީގައި ރޯން ބޭނުންނުވާތީއެވެ. އަހަރެން އެއްވެސް އޯޑަރެއް ހިފައިގެން ނުފޮނުވާ ބޮޑު މީހާ އަހަރެން ވަޒީފާއިން ވަކި ކުރީ ކުރެވުނު އެންމެ ކުށެއްގެ ސަބަބުންނެވެ. އެގެއިންވެސް އަހަރެން ނެރެ އެއްލާލިއިރު ވަންނާނެ އެހެން ތަނެއް ހުރި ކަމާމެދު ބޮޑު މީހާ ވިސްނާލި ހެންނެއް ހިޔެއް ނުވެއެވެ. ބޮޑުމީހާގެ ކުރިމަތީގައި އިތުރަށް އެންމެ ސިކުންތެއްވެސް ވޭތު ނުކޮށް އަހަރެން އަހަރެންގެ އެއްޗެހި ހިފައިގެން އެއްވެސް އުންމީދެއް،މިސްރާބެއް ނެތް ގޮތަށް މަގުމައްޗަށް ނުކުތީމެވެ. މިތަނަކީ އަހަރެން ދަންނަ އެއްވެސް މީހަކު އުޅޭ ތަނެއް ނޫނެވެ. މިތަނުގައި މުޅިންވެސް އުޅޭނީ އަހަރެމެންނަށް ނަފްރަތު ކުރާ، އަހަރެމެންނަކީ ދުޝްމިނުން ކަމަށް ދެކޭ މީހުންނެވެ.

ހުރިހާ ކަމަކާމެދު ވިސްނަމުން ގޮސް އަހަރެންނަށް ހުރި ތަނަށް ތިރިވެވުނެވެ. އިތުރަށް ހިނގަން އަހަރެންގެ ފައި ދެކޮޅު ހެދުމުންނެވެ. ވަރުބަލި ވެފައި ހުރިލެއް ބޮޑުކަމުންނެވެ. އެތައް ޝަކުވާޔަކާއެކީ އަހަރެންގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އަހަރެން ރާއްޖެ އައީ އެތައް އުންމީދަކާއި އެކީއެވެ. ދިވެހިންނަށް ފުރިހަމައަށް ހިދުމަތް ކުރުމުގެ ނިޔަތުގައެވެ. އެމީހުންނަށް ޓަކައި އެތައް ގުރުބާނީއެއް ވުމަށެވެ. އަހަރެންގެ މައިންބަފައިން އަދި އާއިލާވެސް ދޫކޮށްލުމަށް ފަހުއެވެ. ނަމަވެސް އަހަރެން އެންމެ ފުރަތަމަވެސް މިކަމުން 'ފެއިލް' ވީއެވެ. ފުރަތަމަ އިމްތިހާނުންވެސް އަހަރެންވީ 'ފެއިލް' އެވެ. ކުރާނީ ކީއް ހެއްޔެވެ؟ ދެން އޮތީ އަހަރެންގެ ގައުމަށް ދިޔުމެވެ. އެހެންނަމަވެސް އަތަކު ލާރިއެއް ނެތެވެ. ބޮޑުމީހާ އަހަރެން ވަޒީފާއިން ވަކިކުރީ ދެމަހުވެސް އަހަރެން ކުރި އެއްވެސް މަސައްކަތަކަށް މުސާރަވެސް ނުދީއެވެ.

މިގޮތަށް އަހަރެމެންގެ ކިތަންމެ ބަޔަކު އުޅޭނެކަން ކަށަވަރެވެ. ހިތަށް ކިތަންމެ ތަދުވިޔަސް ދިވެހިންނަށް ޓަކައި އުޅޭނެ ކަން ގައިމެވެ. ކިޔާ ކޮންމެ އެއްޗަކަށް ހިނިތުންވެލާފައި ކިތަންމެ ބަޔަކު އުޅޭނެ ކަން ޔަގީނެވެ. އެމީހުންނަށް ޓަކައި އެތައް ގުރުބާނީއެއް ވުމަށް އަހަރެމެން، ދިވެހިންގެ ބަހުން ނަމަ 'ބޮންދު' ނޫނީ 'ބަންގާޅި' ން މިތިބީ ތައްޔާރަށެވެ. ނަމަވެސް ދިވެހިންނަށް މިކަން ނުވިސްނޭ ކަމީ އަހަރެމެން މިއަދު ހިތާމަ ކުރާ ކަމެކެވެ. ދެރަވާ ކަމެކެވެ. އެހެންނަމަވެސް ދިވެހިންނަށް ޓަކައި އަހަރެމެންގެ ހިތް ހަމަ ސާފެވެ. އެމީހުންނަށް ޓަކައި އަހަރެމެންގެ ހިތުގައި އެއްވެސް އެއްޗެއް ނެތެވެ. އަހަރެމެންނާ މެދު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެމެން މިތިބީ އެމީހުންނަށް އެހީވާން ތައްޔާރަށެވެ. އެއީވެސް އިންސާނުން ކަމަށް ގަބޫލުކޮށްގެންނެވެ. އަހަރެމެންގެ ބައެއް ކަން ހިތަށް ވިސްނައިދީގެންނެވެ. ނަމަވެސް ދެރަވެ ހިތާމަ ކުރާ ކަމަކީ ދިވެހިންނަށް މިކަން ނުވިސްނޭ ކަމެވެ.

އެގޮތުގައި އަހަރެން އެތަނުގައި އިންދާ އަހަރެމެން ކަހަލަ މީހުން ބަލައި އަސްކަރީ ބޯޓެއް އަންނަ ވާހަކަ އަޑު އެހީމެވެ. ބަންގްލަދޭޝްއަށް ދިޔުމަށެވެ. ހަބަރުން އެބުނި ތަނަކަށް ނަން ނޯޓު ކުރުމަށްޓަކައި އަހަރެން ހިނގައިގަތީމެވެ. ވަރަށް ފަސޭހައިން އެކަންތައް ނިމުނެވެ. ހީކުރިހާވެސް އަވަހަށެވެ. ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. މިއަނިޔާވެރި ތަނުން ސަލާމަތް ވެވޭތީއެވެ. އެހެން ނަމަވެސް މިތަނުގައި އަހަރެންނާ މެދު ކަންތައް ކުރި ގޮތެއް، މިހިތުގައި ލެވުނު ޒަހަމެއް ދުވަހަކުވެސް ހިތަކުން ނުފިލާނެއެވެ. މިވީ ގުރުބާނީ މުޅި އުމުރަށް ހަނދާނުގައި ހުންނާނެއެވެ.

ނޯޓް: މިއީ މި ނޫހުން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ބައިވެރިއަކު ހުށަހެޅި ވާހަކައެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!