ކޮވިޑް-19: ވައިރަސް ފެތުރުން އިތުރުވަމުންދާތީ ބެންކޮކްގެ ބޮޑުބައެއް ފުރަބަންދު ކޮށްފި
ތައިލެންޑުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބެންކޮކް ގެ ބޮޑުބައެއް ފުރަބަންދު ކޮށްފިއެވެ.
ރެސްޓޯރަންޓުތަކާއި ކްލަބުތައް ހުޅުވާފައި ހުުރުމުގެ ސަބަބުން، ރޭގަނޑުގެ ވަގުތުގައި ބެންކޮކް އަބަދުވެސް ފާހަގަވެފައިވަނީ ވަރަށް ހަލަބޮލި ސިޓީއެއްގެ ގޮތުގައެވެ. އަދި ފުރަބަންދާއެކު މިހަލަބޮލިކަން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާ ގެ ވޫހާން ގައި ފެތުރެން ފެށި ކޮރޯނާ ވައިރަސް، ދެން އެންމެ ބޮޑަށް ފެތުރެން ފަށާފައިވަނީ ތައިލެންޑުގައެވެ. ނަމަވެސް ތައިލެންޑުން ފަހުން ވަނީ އެބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައެވެ.
އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައި ވަނީ 4،000 ކޭސް ނަމަވެސް، ބެންކޮކުގެ ސީފުޑް މާކެޓެއްގެ ކްލަސްޓާއަކާ ގުޅިގެން ކޭސްތައް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފައެވެ. ތައިލެންޑުގެ 77 ޕްރޮވިންސްގެ ތެރޭން 53 ޕްރޮވިންސަށް ވައިރަސް ވަނީ ފެތުރިފައެވެ. ތައިލެންޑުން މިހާތަނަށް 7,694 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެ 64 މީހުން އެބަލީގައި މަރުވެފައެވެ. އިއްޔެ އެކަނި ވެސް 315 މީހުން އެގައުމުން ޕޮޒިޓިވްވިއެވެ.
ބެންކޮކުން އެކަނި ވެސް 2600 މީހުން މިބައްޔަށް ފައްސި ވުމާއި ގުޅިގެން، މިހާރު ބެންކޮކް ވަނީ ދެ ހަފްތާއަށް ބަންދު ކޮށްފައެވެ. އެގޮތުން ބާ ތަކާއި ނައިޓްކްލަބްތަކާއި ބޮކްސިން ސްޓޭޑިއަމްތަކުގެ އިތުރުން މަސާޖް ޕާލާތަކާއި ޖިމް އަދި ސެލޫންތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ބެންކޮކުގެ ސަރުކާރު ސްކޫލްތައް ވެސް މިހާރު ވަނީ ދެ ހަފުތާ އަށް ބަންދުކޮށްފައެވެ.