ލައިފްސްޓައިލް

ކުޑަކުދިން ރުއްސަން ސްމާޓް ފޯނު ކުޅެން ނުދީ، ތިހެދެނީ ބޮޑު ގޯހެއް!

ދެން އެމްވީ ، ދެން އޮންލައިން

ކުޑަކުދިން ރޯލާއިރަށް ނުވަތަ ބޮޑާ ހާކާލާއިރަށް އެ ކުދިން އަތަށް ސްމާޓް ފޯނު ދިނުމަކީ ވަރަށް ގިނަ މައިންބަފައިންގެ ކުރާ ކަމެކެވެ. ނަމަވެސް އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް އިން މިދިޔަ ހުކުރު ދުވަހު ނެރުނު ގައިޑްލައިންގައިވާ ގޮތުން ކުދިން އަތަށް އެއްވެސް ހާލެއްގައި ސްމާޓް ފޯނު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

ބައެއް ހާލަތުގައި، މަތިންދާބޯޓު ފަދަ އުޅަނދެއްގައި ކުދިން ހުއްޓުވަން ނުވަތަ ބަލިވެގެން ފަރުވާއެއް ދޭ ވަގުތު ކުއްޖާގެ ސަމާލުކަން ގެއްލުވާލުން ފަދަ ހާލަތްތަކުގައި ނޫނީ ކުދިންނަށް ސްމާޓް ފޯނާ ކުޅެން ނުދިނުމަށް މި އާ ގައިޑްލައިންގައި އިރުޝާދު ދީފައިވެއެވެ.

ކުދިން މައިތިރިކުރަން އެކި ވައްތަރުގެ ޑިވައިސްތައް ދިނުމަކީ އެކަމަށް އޮތް ހައްލެއް ނޫނެވެ. އޭގެ ސަބަބުން އެ ކުދިންގެ އަމިއްލަ ޖަޒުބާތުތައް ހާމަ ކުރުމުގެ ގާބިލްކަން އެކުދިންނަށް ގެއްލެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ތުއްތުކުދިންނާއި ކުޑަކުދިންގެ ހަޔާތުގެ ވެސް މުހިއްމު ބަޔަކަށް ޑިޖިޓަލް މީޑިއާ މިހާރު ވަނީ ވެފައެވެ. ނަމަވެސް ކުދިންގެ އުފެދުމަށް މިކަމުން ނޭދެވޭ އަސަރުތަކެއް ކުރާކަން ވަރަށް ގިނަ ދިރާސާތަކުން ސާބިތުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަހަރެމެން ވިސްނާލަން ޖެހޭ އެއް ކަމަކީ ތުއްތުއިރުގެ ހަޔާތަކީ ކުޑަކުދިންގެ ސިކުނޑިތައް ވަރަށް ބާރު ސްޕީޑްގައި ތަރައްގީވަމުންދާ ދުވަސްވަރެއްކަން. ކުދިން ކުޅުމަށާއި ނިދަން އަދި އެނޫން ވެސް ކަންތައްތަކަށް ބޭނުންވުމުން އެ ހާމަކުރާ ޖަޒުބާތުތަކަކީ އެކުދިންގެ ހެދިބޮޑުވުމަށް މުހިއްމު ކަންތައްތައް. އަދި އެކި ގުޅުންތައް ގާއިމް ކުރުމަށް ވެސް އެ ކުދިން އެހެން މީހުންނާ ގިނަގިނައިން މުއާމަލާތްކޮށް ހެދުން މުހިއްމު،" ޔުނިވަސިޓީ އޮފް މިޗިގަންގެ ޑރ. ޖެނީ ރެޑެސްކި ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުދީން މާގިނައިން އެކި ކަހަލަ މީޑިއާތަކުގެ ބޭނުން ކުރާ ނަމަ މުހިއްމު ކަންތައްތަކެއް ކުރުން އެކުދިންނަށް މަހްރޫމުވެއެވެ.

އޭނާ އިރުޝާދު ދެއްވަނީ އުމުރުން ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ ކުދިންނަށް އެއްވެސް ކަހަލަ ޑިޖިޓަލް މީޑިއާއެއް ރެއަކާ ދުވާލު އެއް ގަޑިއިރަށް ވުރެ ގިނައިރަށް ނުދިނުމަށެވެ. އޭގެ ބަދަލުގައި މައިންބަފައިންނާއި ކުދިން ޝާމިލުވާ އެހެން ޕްރޮގްރާމްތަކެއް ރާވާ ކުދިން އެފަދަ ކަންތައްތަކުގައި ބައިވެރިކުރަން ޖެހޭ ކަމަށް ވެސް ތަޖުރިބާކާރު ވަނީ ވިދާޅުވެފައެވެ.

ވީޑިއޯ ޗެޓިން ފިޔަވައި ޑިޖިޓަލް މީޑިއާގެ އެއްވެސް ވަސީލަތެއް 18 މަހުން ދަށުގެ ކުދިންނަށް އެއްގޮތަކަށް ވެސް ނުދިނުމަށް ޑޮކްޓަރު ނަސޭހަތްތެރިވެއެވެ.

ޑިޖިޓަލް މީޑިއާ މާގިނަ ވަގުތު ބޭނުންކުރާ ކުޑަކުދިންނަށް އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމާއި އެކުދިންގެ ހެދިބޮޑުވުމަށް ހުރަސް އެޅުމާއި ކުދިންގެ ހަށިގަނޑުގެ ސިއްހަތާއި ސިކުނޑީގެ ދުޅަހެޔޮކަމަށް ވެސް ނުރަނގަޅު އަސަރުތައް ކުރާކަމަށް މިފަހަރު މި ނެރުނު ގައިޑްލައިންގައި ފާހަގަ ކޮށްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!