ޚަބަރު

19 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި އިންޑިއާ މީހާ ގެ ޚަބަރު ފުލުހުން ކަށަވަރު ކުރަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
Police, ފުލުހުން

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރި އިންޑިއާ ފިރިހެނަކު، ދިވެހި އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ހަބަރުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފިއެވެ.

Ads by STELCO

ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ޖޭ.ޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓްގައި، 19 އަހަރުގެ އަންހެން ކުއްޖާގެ ރޭޕްކުރި އެ ރިސޯޓްގެ އެފްއެންޑްބީ މެނޭޖަރު ކަމުގެ މަގާމުގައި ހުރި އިންޑިއާ ރައްޔިތަކު ޖެހިގެން އައި ދުވަހު ވަނީ ރާއްޖެއިން ފުރުވާލާފައެވެ.

މިކަމާ ގުޅިގެން އޭރު ނޫސްވެރިން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުން ވަނީ އެފަދަ މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ފުލުހުން ، މީޑިއާތަކަށް މައުލޫމާތު ދޭ މީޑިއާ ގުރޫޕުގައި މިއަދު ވިދާޅުވީ އަޑު ފެތުރިފައިވާ ވާހަކަތަކުގެ ސައްހަކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ބައެއް މީޑިއާ ގައި އެފަދަ ކަމެއް ރިޕޯޓް ކޮށްފައިވާތީ އެ މައުލޫމާތުގެ ސައްކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ކަންކަން ފުލުހުން ކުރަމުން ގެންދޭ" ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއީ ނޫހެއްގައި ޖެހި ހަބަރެއްގެ މައުލޫމާތު ކަށަވަރު ކުރުމުގެ މަސައްކަތްތަކެއް ފުލުހުން ފެށި ކަމަށް ބުނި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!