ޚަބަރު

"ރައީސް ޔާމީނާއި އާއިލާއަށް ދޭ އަނިޔާގެ ޒިންމާ ރައީސް ސޯލިހު ނަންގަވަންޖެހޭނެ"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށާއި އާއިލާއަށް ނުހައްގުން ދޭ އަނިޔާގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ސައީދު މިހެން ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 400 ދުވަސްވެފައިވާކަން ފާހަގަކޮށް އެމަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ސައީދުގެ ޓްވީޓުގައި ވިދާޅުވީ ގާނޫނު އަސާސީން ކަނޑައަޅާފައިވާ ހައްގުތަކުން ރައީސް ޔާމީން މަހުރޫމް ކޮށްފައިވާ ކަމަށެވެ.

"ރައީސް ޔާމީން ޖަލުގައި ބަހައްޓައިގެން. އެމަނިކުފާނާއި އާއިލާއަށް ދޭ އަނިޔާގެ ޒިންމާ އިބޫ ސޯލިހު ނަންގަވަންޖެހޭނެ. ސަރުކާރުގެ ސީދާ ނުފޫޒުގެ ބޭނުންކޮށް ގާނޫނު އަސާސީން ކަނޑައަޅާފައިވާ ހައްގުތަކުން ރައީސް ޔާމީން ވަނީ މަހުރޫމްކޮށްފަ" ރައީސް ސޯލިހު އަދި ހިއުމަން ރައިޓްސް ކޮމިޝަން ޓެގް ކުރައްވައި ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. އެމަނިކުފާނު ޖަލުގައި ހުންނަވާތާ އިއްޔެ މިވަނީ 400 ދުވަސް ފުރިފައެވެ.

Ads by HDC
  1. މުޙަންމަދު

    އަދުރޭ ނަގަންޖެހޭނީ.