ކުޅިވަރު

ޑުޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖުގެ މީޑިއާ ޕާރޓްނަރަކަށް”ދެން”

ޢާލިމް އަބްދުއްލަތީފް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޖާޒީގެ ވިޔަފާރިކުރަމުން އަންނަ މަޅި މޯލްޑިވްސް އިން އިސްނަގައިގެން މަސްއޮޑި ސްޕޯޓްސް ކުލަބާއި ކުޑަ ހެންވެއިރު ޔުނައިޓެޑާ ގުޅިގެން ބާއްވާ "ޑުޕަރ ފިފްޓީން މަޅި ފުޓްސަލް ޗެލެންޖް 2021"ގެ މީޑިއާ ޕާރޓްނަރެއްގެ ގޮތުގައި "ދެން އެމްވީ" ހަމަ ޖައްސައިފިއެވެ.

މި މުބާރާތުގެ މީޑިއާ ޕާރޓްނަރުންގެ ގޮތުގައި "ދެން"ގެ އިތުރުން އެހެން ބައެއް މީޑިއާތައް ވެސް ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި "ވަގުތު"، "ފަހުމިނެޓް" އަދި "މޯލްޑިވްސް ފުޓްސަލް ޕްލޭޔާރސް" ހިމެނެއެވެ.

ބިގްމޭން ގެ ޑުޕަރ ފިފްޓީން ޕިއްޒާއިން މުބާރާތުގެ ޓައިޓަލް ސްޕޮންސަރކޮށްފައިވާ އިރު، މުބާރާތުގައި ބައިވެރިވުމަށް 32 ޓީމަކަށް ވަނީ ފުރުސަތު ދީފައެވެ. އާންމުކޮށް ހުޅުވާލައިގެން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވާއިރު މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ކުލަބްތަކުން ވަނީ ބައިވެރިވެފައެވެ.

މުބާރާތުގައި ޓީމުތައް ބައިވެރިވެ ނިމިފައިވާއިރު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ، 20 ޖެނުއަރީ 2021 ވާ ބުދަ ދުވަހުގެ ރޭގައެވެ. މުބާރާތުގައި 32 ޓީމު ވާދަކުރާއިރު މުބާރާތް ކުރިޔަށް ދާނީ 8 ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ރައުންޑް އޮފް ސިކްސްޓީނަށް ކޮލިފައިވާނެއެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 02 ފެބްރުއަރީ 2021 ގައެވެ.

މި މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިންތަކެއް ކުޅޭނެއެވެ. އެގޮތުން، ރާއްޖޭގެ ފުޓްސަލް ކިންގުން ގޮތުގައި ފާހަގަކޮށްލެވޭ . ހުސައިން ޝަރީފު (އޮންލީ)، އަޙްމަދު އަޔާޒު (އަޔާ)، އަލީ ހާފިޒު (ހާއްޕެ) މި މުބާރާތުގައި ކުޅެއެވެ. މީގެ އިތުރުން ފުޓްސަލް ތަރިން ގޮތުގައި ފާހަގަކޮށްލެވޭ، މުބީން (މުއްކި)، ހުޒެއިފަތު (ހުޒޭ)، ޝިފާއު (ރޮނާ)، ލިޔާހު، ޝާކާގެ އިތުރުން، އަސްވަދު (ގަބޭ)، ސިނާގެ އިތުރުންވެސް ގިނަ ކުޅުންތެރިންތަކެއް މި މުބާރާތުގައި ފެނިގެންދާނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހުށަހަޅާފައިވާއިރު، ރަނަރސް އަޕް ޓީމަށް 8000 ރުފިޔާވަނީ ހުށަހަޅާފައެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ބިގްމޭންގެ ޑުޕަރ ފިފްޓީން އެވެ. މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ސްޕޮންސަރކުރުމަށް ބޭނުންވާ ފަރާތްތަކުން 7770630 އަށް ގުޅައިގެން ކުރިޔަށް ގެންދިޔުމަށް މަޅި މޯލްޑިވްސްއިން އެދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!