ދެން ފުރަމަލަ

ހީނާގެ ރީތި ކުރެހުންތަކުން ކަނބަލުން ޒީނަތްތެރިކޮށްދިނުމަށް ޔާޔާ ހުރީ ތައްޔާރަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ހީނާފަތް އެޅުމަކީ ދިވެހިރާއްޖޭގައި ވެސް ޒަމާނުއްސުރެ ކޮށް އުޅޭ ކަމެކެވެ. ގިނަ ފަހަރަށް ޒީނަތްތެރި ވުމުގެ ގޮތުން މިކަން ކޮށް އުޅެނީ އަންހެނުންނެވެ. ކުރީ ޒަމާނުގައި ހީނާ އަޅައި އުޅުނީ ހީނާ ފަތް ފުނޑައިގެން ކަމުގައި ވީ ނަމަވެސް މިހާރު ބޭރު ގައުމުތަކުން ހީނާ ރާއްޖެއަށް އެތެރެކޮށް ހީނާގެ ފެޝަނަށްވެސް ބޮޑެތި ބަދަލު ތަކެއް ވަނީ އައިސްފައެވެ. އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިޔާ އަކީ ހީނާ އެޅުމުގައި ފާހަގަ ކޮށްލެވޭ ގައުމެކެވެ. އެކި ޑިޒައިންތަކަށް ހީނާ އެޅުމަކީ އިންޑިޔާގެ ސަގާފަތެކެވެ. އެގޮތުން ދިވެހިންގެ ތެރޭގައިވެސް އެކި ކުރެހުންތަކަށް ހީނާ އެޅުން މިއަދު މިވަނީ އާންމު ކަމަކަށް ވެފައެވެ. މިގޮތަށް އަތުގައި އެކި ކަހަލަ ކުރެހުންތައް އަޅައި ޒީނަތްތެރި ވުމަކީ މިއަދު އެތައް ކަނބަލުންނެއް ބޭނުންވެފައިވާ ކަމެކެވެ.

Ads by MWSC

އެފަދަ ކަނބަލުން ޒީނަތްތެރި ކޮށްދިނުމަށް ޒުވާން ހީނާ އާރޓިސްޓް ރާހާ އަހްމަދު (ޔާޔާ) ހުރީ ތައްޔާރަށެވެ. ރާއްޖޭގެ ހީނާ އާރޓިސްޓުންގެ ތެރެއިން ފާހަގަ ކޮށްލެވޭ ޒުވާން އެއް އާރޓިސްޓަކީ ޔާޔާ އެވެ. އަޅުގަނޑަށް ޔާޔާގެ މަސައްކަތްތައް ފެންނަން ފެށީ ކަރަންޓީން އާރޓް ޕޯސްޓިންގް ގުރޫޕް އިންނެވެ. އެ މަސައްކަތް ތަކަކީ ވަރަށް ރީތި އެހާމެ ފުރިހަމަ މަސައްކަތް ތަކެކެވެ.

ޝައުގުވެރިކަން އުފެދުނީ ކުޑައިރު މަންމަ މެން އަތުގައި ހީނާ އަޅައިދޭތީ

"ދެން"އާ ވާހަކަ ދައްކަމުން ޔާޔާ ބުނީ އެންމެ ކުޑައިރުވެސް މަންމަ އާއި ދައްތަ މެން ރަށްރަށުން ހީނާ ގެނެސްގެން އަޅާތަން ފެންނަ ކަމަށެވެ. އަދި އޭނާގެ އަތުގައިވެސް ހީނާ އަޅައިދޭ ކަމަށާއި އެންމެ ފުރަތަމަ ޝައުގުވެރިކަން އުފެދުނު ހިސާބަކީ އެއީ ކަމަށެވެ. އަދި އެންމެ ފުރަތަމަ އަމިއްލައަށް ހީނާ އެޅޭތޯ މަސައްކަތް ކުރީ ގްރޭޑް 8ގައި އުޅުނު އަހަރު ކަމަށާއި، އެ ގޮތުން ހީނާ އެޅުމަށް ބޭނުންވާ ސާމާނު ހޯދައިގެން އަމިއްލަ އަތުގައި އެޅޭތޯ ފުރަތަމަ "ޓްރައި" ކޮށްލީ ކަމަށް ޔާޔާ ބުންޏެވެ. އަދި އެ މަސައްކަތް އާއިލާ އަށާއި ރައްޓެހިންނަށް ކަމުދިޔުމަކީ އޭނާ އަށް މި މަސައްކަތުގައި ކުރިއަށް ދިޔުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އޭގެ ފަހުން ވަރަށް ގިނައިން މި މަސައްކަތް ކުރަން ފެށި ކަމަށް ޔާޔާ ބުންނެވެ.

ކުރިއަށް ދިޔުމަށް ލިބުނު އެންމެ ބޮޑު ފުރުސަތު

މިހާތަނަށް އައި އިރު ކުރިއެރުމަށް ލިބުނު އެންމެ ބޮޑު ފުރުސަތަކީ ކޮބާތޯ ސުވާލުކޮށްލުމުން ޔާޔާ ބުނީ،2019 ވަނަ އަހަރު ޝެލްބީންސްގެ ފަރާތުން ވަރަށް ރަނގަޅު ފުރުސަތެއް ދިން ކަމަށެވެ. އެ ގޮތުން ޝެލްބީންސްގެ ފަރާތުން އެ އަހަރުގެ ފެބްރުވަރީ މަހު އެ ރެސްޓޯރަންޓް ގައި ޔާޔާގެ ހުނަރު ދައްކާލުމަށް ސޯލޯ ޕޮޕް އަޕް އިވެންޓެއް ބޭއްވުމަށް ފުރުސަތު ދިން ކަމަށް ޔާޔާ ބުންޏެވެ. އެ ރެސްޓޯރަންޓަކީ ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ދާ ރެސްޓޯރަންޓަކަށް ވުމުން، އެ އިވެންޓް ވެގެންދިޔައީ ޔާޔާގެ ހުނަރު ވަރަށް ގިނަ ބަޔަކަށް ފެނިގެން ދިޔަ އިވެންޓަކަށެވެ.

އަދި 2019 ވަނަ އަހަރުގެ އަންހެނުންގެ ދުވަހާ ދިމާކޮށް ބެނެފިޓް އެމްވީ އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ފެއަރ އެއްގައި ޔާޔާގެ ހުނަރު ދައްކާލާ ހީނާ އަޅައިދޭ ސްޓޯލް އެއް ހުޅުވުމަށް ފުރުސަތު ލިބުނު ކަމަށް ޔާޔާ ބުންޏެވެ. އަދި މި ފެއަރ ގައިވެސް ޔާޔާ އަށް ވަރަށް ގިނަ ބަޔަކަށް އޭނާގެ ހުނަރުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދިޔަ ކަމަށް ޔާޔާ ބުންޏެވެ.

މި 2 އިވެންޓް ،ޔާޔާ ދެކެނީ ލިބުނު ކާމިޔާބީ އެއްގެ ގޮތުގައެވެ. އެ ގޮތުން އޭގެ ފަހުން ޔާޔާއަށް ވަރަށް ގިނަ އެޕޮއިންޓްމަންޓް ތައް ވެސް ލިބެމުންދާ ކަމަށް އޭނާ ބުންޏެވެ.

ހީނާ އެޅުމަށް މާ ބޮޑު ތަރުހީބެއް އެންމެ ފުރަތަމަ ނުލިބޭ

އެންމެ ފުރަތަމަ ފޭސްބުކް ޕޭޖެއް ހަދައި މި މަސައްކަތްގެ އެޕޮއިންޓްމަންޓް ތައް ނަގައިގެން ކުރަން ފެށީ 2016 ވަނަ އަހަރު ކަމަށާއި، އެންމެ ފުރަތަމަ އެޕޮއިންޓްމަންޓް ހޯދުން ވީ ވަރަށް ދަތި ކަމަކަށް ކަމަށް ޔާޔާ ބުންޏެވެ. އަދި އެކަން އެހެން ދިމާވުމުން ވަރަށް ބޮޑަށް މާޔޫސް ވި ކަމަށް ވެސް ޔާޔާ ބުންޏެވެ.

ނަމަވެސް ޔާޔާގެ އާއިލާއިން އަދި ރައްޓެހިން ހީނާ އެޅުމަށް އެޕޮއިންޓްމަންޓް ހޯދައިދިނުމަށް ވަރަށް އެހީތެރިވެދިން ކަމަށް އޭނާ ބުންޏެވެ. ޔާޔާ ބުނީ ދުވަހަކުވެސް އެކި ޑިޒައިން ތަކަށް ހީނާ އެޅުމަށް ފަހު މީސް މީޑިޔާގައި ޕޯސްޓް ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެމުން ގެންދިޔަ ކަމަށެވެ.

ނަތީޖާ އަކަށް ވީ ދުވަހަކަށް ވުރެ ދުވަހެއް ޔާޔާ އަށް ލިބެމުން ދިޔަ އެޕޮއިންޓްމަންޓް ތައް އިތުރުވެ އޭނާގެ މަސައްކަތް މުޖުތަމައުން ބަލައިގަންނަން ފެށެމެވެ. އަދި ޔާޔާގެ މަސައްކަތްތައް ގިނަ ބަޔަކަށް ރީތިވެ އޭނާގެ މަސައްކަތަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔުމެވެ.

2018 ވަނަ އަހަރު ޔާޔާ ވަރަށް ކުއްލިއަކަށް ބަލިވި، "ގިވް އަޕް" ކުރަންވެސް ހިތަށް އެރި

2018 ވަނަ އަހަރު ފެށުމުގެ ކުރިން އެ އަހަރަށް ޔާޔާ ހާސިލް ކުރަން ބޭނުންވާ "ގޯލް" ތަކެއް ކަނޑަ އެޅިކަމަށާއި ނަމަވެސް ކަންތައްތައް ވެގެން ދިޔައީ އުއްމީދު ކުރިގޮތާ ޚިލާފަށް ކަމަށް އޭނާ ބުންޏެވެ. އެގޮތުން އެ އަހަރު އެހާ ގިނަ އެޕޮއިންޓްމަންޓް ވެސް ނުނެގުނު ކަމަށާއި، ހީނާ އެޅުމުގެ މަސައްކަތް ކުރަން ވެސް ހިތްވަރެއް ނެތް ކަމަށް ޔާޔާ ބުންޏެވެ. ސަބަބަކަށް ވީ 2018 ވަނަ އަހަރުގެ ކުރީ ކޮޅު ޔާޔާ ބަލިވެ ހަކުރު ބައްޔަށް ބޭސް ކުރަން ޖެހުމެވެ. އަދި އެ ބައްޔަކީ ދިގު މުއްދަތަކަށް ފަރުވާ ކުރަން ޖެހޭ ބައްޔަކަށް ވުމުން މި މަސައްކަތުގައި ކުރިއަށް ދެވޭނެ ކަމާ މެދު ސުވާލު އުފެދުނު ކަމަށް ވެސް ޔާޔާ ބުންޏެވެ.

ނަމަވެސް ޔާޔާ މަސައްކަތް ހުއްޓާ ނުލާ މިއަދާ ހަމައަށް ވެސް "ގިވް އަޕް" ނުކޮށް އެހުރީ އެކަން ކުރުމަށް އޭނާގެ ހިތުގައި އުފެދިފައިވާ ލޯތްބެއްގެ ބޮޑު ކަމުންނެވެ. އަދި ހިތްވަރު އެލުވައި ނުލާ ކުރިއަށް ދިއުމަށް އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލިބިގެންދިޔަ ހިތްވަރުވެސް ޔާޔާ ފާހަގަ ކުރިއެވެ.

ހީނާ އެޅުމަށް އެންމެ ބޮޑު ތަރުހީބެއް އީދާ ދިމާކޮށް

ދިވެހީންނަކީ ޒަމާނުންސުރެ ވެސް އީދުގައި ޒީނަތްތެރި ވުމަށް ހީނާ ބޭނުން ކުރަމުން އައި ބަޔެކެވެ. އަދި ޔާޔާ ބުނި ގޮތުގައި މިހާރު ވެސް އެންމެ ގިނަ އެޕޮއިންޓްމަންޓްތައް ލިބެނީ އީދުތަކާއި ދިމާކޮށެވެ.

ޔާޔާ ބުނީ ކައިވެނި ޕާޓީ ތަކަށް މާ ބޮޑު ތަރުހީބެއް އަދި ނުލިބޭ ކަމަށާއި ނަމަވެސް މިހާތަނަށް 7 ޕާޓީއަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.

ޔާޔާގެ މަސައްކަތްތައް ވަރަށް ޗާލު، އެހާމެ ފުރިހަމަ

ޔާޔާގެ ފޭސްބުކް ޕޭޖު އަޅުގަނޑުވެސް ބަލާލީމެވެ. އެކި ޑިޒައިންތަކަށް ހީނާ އަޅާފައިވާ ފޮޓޯ ހުރި އިރު އެ މަސައްކަތްތައް ވަރަށް ޗާލެވެ. އަދި އެއީ ވަރަށް ކުރާހިތުން ވަރަށް ވަގުތު ހޭދަކޮށްގެން ކޮށްފައިވާ މަސައްކަތްތަކެއް ކަންވެސް އެ މަސައްކަތްތަކަށް ބަލާލުމުން އެނގިގެން ދެއެވެ.

ޔާޔާގެ ޕޭޖުގައި ވާ މަސައްކަތް ތަކަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައި ވެއެވެ. އެގޮތުން ޔާޔާ އަކީ މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ހީނާ އާރޓިސްޓް ކަމަށާއި، ޔާޔާގެ މަސައްކަތްތައް ވަރަށް ރީތިކަމަށް ވަރަށް ގިނަ ބަޔަކު ބުނެފައި ވެއެވެ. މިހާރު ފޭސްބުކްގައި އެންމެ އެކްޓިވް އެއް ގުރޫޕް ކަމުގައިވާ ކަރަންޓީން އާރޓްޕޯސްޓިންގް ގުރޫޕްގައި ވެސް ޔާޔާ އަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ޔާޔާގެ މަސައްކަތްތައް އެ ގުރޫޕަށް ޕޯސްޓް ކުރުމުން ވަރަށް ގިނަ ބަޔަކު ވަނީ އެ މަސައްކަތްތައް ބަލައިގަންފައެވެ. އަދި އެ މަސައްކަތްތައް އިތުރަށް ކުރި އެރުވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ޔާޔާ އަށް ހިތްވަރު ދީފައެވެ.

ހީނާ އެޅުމުގެ ފަންނުގައި ޔާޔާގެ އުއްމީދު

ގިނަ ބަޔަކަށް ހީނާ އެޅުން އަދިވެސް ބަލައިގަނެވިފައި އޮންނަނީ މުނިފޫހިފިލުވުމަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށް ޔާޔާ ބުންޏެވެ. ނަމަވެސް އޭނާ ބުނީ ކުރެހުމާއި، ފޮޓޯނެގުމާއި، މޭކަޕް ކުރުމާއި އެއްގޮތަށް މި ކަމަކީ ވެސް ފަންނެއް ނުވަތަ "އާރޓް" އެއްގެ ގޮތުގައި ބަލައިގަންނަ ދުވަހެއް ދެކެން ބޭނުންވާ ކަމަށެވެ. ކުރެހުމާއި މޭކަޕް ކުރުން އަދި ފޮޓޯގްރަފީ ވެސް ބަލައިގަންނަނީ އާރޓް އެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ހީނާ އެޅުމަކީ ވެސް އާރޓް އެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭކަމަށް ގަބޫލު ކުރާ ކަމަށް ޔާޔާ ބުންޏެވެ.

އަދި ކުރިއަށް އޮތްތަނުގައި ވެސް ޔާޔާގެ އުއްމީދަކީ ޔާޔާގެ ހުނަރު އިތުރަށް ކުރިއެރުވުން ކަމަށާއި، ގިނަ ބަޔަކަށް ކަމުދާފަދަ މަސައްކަތް ތަކެއް ކުރުން ކަމަށް ޔާޔާ ބުންޏެވެ.

ޔާޔާ ސާބިތުކޮށްދިނީ ކޮންމެ ކަމަކީ ވެސް ކުރަން އުޅެފިނަމަ ކުރެވޭނެ ކަމެއް ކަމެވެ. އަދި ހީނާ އެޅުމުގެ ފަންނަކީ ވެސް ކުރިއަށް ދެވިދާނެ ފަންނެއްކަން ޔާޔާ ސާބިތު ކޮށްދިނެވެ. ހަމައެހެންމެ ދިމާވި ގޮންޖެހުންތަކާ އެކުވެސް މިއަދުވެސް އޭނާ އެހުރީ އެ މަސައްކަތުގައި ސާބިތު ކަމާ އެކުގައެވެ. ޔާޔާގެ މަސައްކަތުން ހިތްވަރު ލިބި ޒުވާން ހީނާ އާރޓިސްޓުން ތަކެއް އުފެދުމަކީ އޭނާ ގެ އުއްމީދެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!