ކޭތަ ހިފުމަކީ އިންސާނާއަށް ރަނގަޅުގޮތް ހަނދާންކޮށް ދިނުމަށް ގުދުރަތުން ރާވާފައިވާ ރޭވުމެއް: ކޭތަ ނަމާދު ހުތުބާ
މިރޭ ހިފި ކޭތައާ ގުޅިގެން ކޮންމެ ރަށެއްގައިވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި މިރޭ 00:15 ގައި ވަނީ ކޭތަ ނަމާދު ކޮށްފައެވެ.
ކޭތަ ހިފުމަކީ އެންމެހައި ކަންކަން، ހެއްލުންތެރި އިންސާނާ އަށް ހަނދާންކޮށް ދިނުމަށް ގުދުރަތުން ރާވާފައިވާ ރޭވުމެއް ކަމަށް މިރޭގެ ކޭތަ ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނެފައި ވަނީ ކޭތަ ހިފުމަކީ އެވެނި ކަމެއް ނުވަތަ މިވެނި ކަމެއް ހިނގަން އުޅޭ ކަމުގެ ފާހަގައެއް ނުވަތަ ބަވައްޗެއްގެ ގޮތުގައި ހިނގާ ކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް މީހެއްގެ މަރަށްޓަކައި ނުވަތަ ދިރިހުރުމަށްޓަކައި ހިނގާ ކަމެއް ވެސް ނޫން ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އިސްލާމް ދީނަކީ ކޮންމެ ހިނދެއްގައި ވެސް ކޮންމެ ކަމެއްގައި ވެސް ﷲގެ ކުޅަދުންވަންތަކަމުން ރާއްވަވާފައިވާ ގުދުރަތީ ކަންތައްތައް ގަބޫލު ކުރުމުގެ ދީން ކަމަށާއި އެކަންތައްތައް އުފެއްދެވި، އެއްކައުވަންތަ ފަރާތުގެ އިލާހުވަންތަކަމާއި އެއްކަވަންތަކަން ގަބޫލު ކުރުމުގެ ދީން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
"އެހެންކަމުން އިރުހަނދާއި، އިރުހަނދު އަރައި އޮއްސުމާއި، އިރުހަނދުގައި ހިފާ ކޭތަ އާއި މިއެންމެގައި ކަންކަމާމެދު އިސްލާމް ދީން ދެކެނީ އެހަމައިގެ މަތީންނެވެ. އެއީ ގުދުރަތުގެ ކަންތައްތައް ހިނގާ ހަމައިގެ މަތީންނެވެ. ގުދްރަތުގެ ކަންތައްތައް ރޭއްވެވި ގަދީރު ވަންތަ މާތްﷲ ހަނދުމަކޮށް، ގުދުރަތީ ކާރިސާތަކާއި ބަލިމަޑުކަމުން ސަލާމަތް ކޮށްދެއްވުމަށާއި، ފާފަ ފުއްސެވުމަށް އެދި އެކަލާނގެ އަށް ދުއާކޮށް، ނަމާދުކޮށް އުޅުމަކީ އެ އުސޫލުގެ މަތިން ހަމަޖެހިފައި އޮންނަ ކަމެލެވެ. ފަހެ ތިޔަބައި މީހުން ބަލިމަޑުކަމާއި މުސީބާތްތަކުން މުންޖުކޮށްދެއްވުމަށް އެދި ނިކަމެތިކަމާއެކު ﷲގެ ހަސްރަތުގައި ދުއާ ދަންނަވާށެވެ." ހުތުބާގައި ބުނެފައިވެއެވެ.
އެހެންކަމުން މި ވަގުތުގައި ﷲ ހަނދުމަކޮށް އަޅަމެންގެ ކުށްތަކުގެ ސަބަބުން އަޅަމެންގެ އީމާންކަމާއި ދީންވެރިކަމުގައި ހިފާފައިވާ ކޭތަ އާއި އެޅިފައިވާ ފަރުދާ ހާމަކޮށް ދެއްވައި، އިސްލާމް ދީނުގެ ގަދަ އަލީން ހިތްތައް އަލިކޮށް ދެއްވުމަށް އެދި ދުއާ ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.