ޚަބަރު

މިއަދުގެ ޚުތުބާގައި ދަރިވަރުން، ބެލެނިވެރިން އަދި މުދައްރިސުންނަށް މުހިންމު މެސެޖުތަކެއް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިލްމު އުނގެނުމަކީ އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް އަސާސީ ކަމެކެވެ. އެހެން ނަމަވެސް އެ ނަސީބުން މަހްރޫމްވެފައިވާ އެތައް ބަޔަކު ވެސް މިދުނިޔޭގައި އެބައުޅޭކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ. އަޅުގަނޑުމެންގެ ދަރީން ޔުނީފޯރމް ލައިގެން ކޮންމެ ދުވަހަކު ސުކޫލަށް ދިޔަ ނަަމަވެސް ދުނިޔޭގެ ބައެއް ކަންކޮޅުތަކުގައި ފަގީރު ކަމުގެ ސަބަބުން ނުވަތަ އެހެން ވެސް ސަބަބަކާހުރެ އިލްމު އުނގެނުމުން މަހުރޫމްވެފައިވާ އެތައް ކުދީންނެއް އުޅެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ލިބިފައިވާ ނިއުމަތަށް ޝުކުރުވެރިވާން އެބަ ޖެހެއެވެ.

Ads by STELCO

މިއަދުގެ ހުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "އުނގެނުމަށް ސަމާލުކަން ދޭށެވެ." މިއެވެ. އެގޮތުން، ދުވަސްތައް ފާއިތުވަމުން ގޮސް އަޅުގަނޑުމެން ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުމާއި ކުރިމަތިލާން އުޅޭ ކަން ހުތުބާގައި ފާހަގަ ކުރިއެވެ. އަދި ކޮވިޑްގެ ޚާއްސަ ހާލަތުގައި އުނގެނުމުގެ ކަންތައްތައް ދިޔައީ އެފަދަ ހާލަތެއްގައި އެކަން ކުރިއަށް ގެންދެވެން އޮތް އެންމެ ފުރިހަމަ ގޮތަށް ކަމުގައި ވެސް ޚުތުބާގައި ބުނެފައިވެއެވެ.

އިސްލާމީ ރިސާލަތު ފެށުނީ ވެސް ކިޔެވުމަށް އަމުރު ކުރެއްވި އަމުރުފުޅުން ކަމުގައި ހުތުބާގައި ފާހަގަ ކުރެއްވިއެވެ. މާތްﷲ ކީރިތި ގުރުއާނުގެ ސޫރަތުލް ޢަލަޤްގެ ފުރަތަމަ 5 އާޔަތުގައި ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑު ލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ. އަދި ކަލޭގެފާނު ވެރިރަސްކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންކަން އެކަލާނގެ އުނގަންނައި ދެއްވިއެވެ"

މާތްﷲގެ މި އަމުރު ފުޅާ އެއްގޮތަށް މާތް ނަބިއްޔާ ޞައްލަﷲ އަލައިހި ވަޞައްލަމް އިސްލާމީ މުޖުތަމައުގައި ތައުލީމް ފެތުރުއްވުމަށާއި މުސްލިމުންގެ ދަރިންނަށް ކިޔަވައިދިނުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވި ކަމަށް ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ހޭލުންތެރި، އިލްމުވެރި، އުފެންދުންތެރި އުއްމަތެއް ވުޖޫދަށް އައި ކަމުގައި ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ވަނީ ދަރިވަރުންނަށް، ބެލެނިވެރިންނަށް އަދި މުދައްރިސުންނަށް ވެސް މުހިންމު މެސެޖުތަކެއް ދީފައެވެ. އެގޮތުން ދަރިވަރުންނާ މުޚާތަބު ކޮށް ޚުތުބާގައި ބުނެފައިވަނީ މިފެށޭ ޓާމުގައި އިލްމީ ރޮނގުން އިތުރު ކުރިއެރުމާއި ތަރައްގީ ލިބޭތޯ އަޒުމު ކަނޑައެޅުމަށެވެ. އަދި އިތުރު ހަރަކާތްތަކުން ކުދިންގެ މުޅި މާހައުލަށް ދިރުން ގެނެސްދިނުމަށެވެ. އަދި އަމަލީ މައިދާނަށް ނުކުމެ ފޮނި ނަތީޖާއެއް ނެރުމަށްޓަަކައި މަދަރުސާއާ އެއްބާރުލުން ދިނުމަށް ވެސް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އަދި މުދައްރިސުންނަށް ޤަދަރާއި އިހްތިރާމް ކުރުމަށް ވެސް ނަސޭހަތްތެރިވެފައި ވެއެވެ.

"ލޮބުވެތި ދަރިވަރުންނޭވެ. ތިޔަ ކުދީންނަށް ޓަކައި މައިންބަފައިންނާއި ދައުލަތުން ކުރަމުންދާ ހޭދަ އާއި، ތަނަވަސް ކޮށްދީފައިވާ ފުރުސަތު ތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. ތިޔަކުދިން އުނގެނޭ އިލްމުގެ ނޫރުން ﷲގެ ރުހިވޮޑިގަތުމާއި މައިންބަފައިންގެ ހިތްހަމަޖެހުމާއި ގައުމަށް ކުރިއެރުން ހޯދައިދޭށެވެ." ހުތުބާގައި އިތުރަށް ބުނެފައިވެއެވެ.

މުދައްރިސުންނާ މުޚާތަބުކޮށް ހުތުބާގައި ބުނެފައިވަނީ ދަރިން ތަރުބިއްޔަތުކޮށް، އިސްލާމްދީނަށާއި ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްޓަކައި އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު އެދުރުން މަސްއޫލިއްޔަތު އަދާ ކުރައްވައިގެން ކަމުގައި ވެސް ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން މައިންބަފައިންނާ މުޚާތަބުކޮށް ހުތުބާގައި ވަނީ ދަރީންނަށް ތައުލީމް ދިނުމަށްޓަކައި މައިންބަފައިން އަދާ ކުރާ ދައުރަށް ޝުކުރު އަދާ ކޮށްފައެވެ. އަދި މުޅި ދުނިޔެއަށް ފެތުރިފައިވާ ވަބާގެ ހާލަތު މުޅިން ހަމައަކަށް އެޅިފައި ނުވި ނަމަވެސް، ދަރިވަރުން މަދަރުސާއަށް ފޮނުވައިގެން ކިޔަވައި ދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ޚުތުބާގައި ފާހަގަ ކޮށްފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!