ރިޕޯޓް

ނައުޝަމްގެ ފޮޓޯއިން މިފަހަރު ކިޔައިދިނީ ދޮން މަރިޔަމް އާއި ބެއްޔާގެ އަަސަރުގަދަ ލޯބީގެ ވާހަކަ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކުޅަދާނަ ޒުވާން ފޮޓޯގްރާފަރު ނައުޝަމް އަކީ މިއަދު ގިނަ ދިވެހީންނެއްގެ ފޭވަރިޓަކަށް ވެއްޖެއެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އެކި މުނާސަބަތު ތަކަށް އޭނާ ނަގާ ފޮޓޯތަކުގެ މޮޅު ކަމުންނެވެ. އަދި މުނާސަބަތަކާ ދިމާކޮށް ނޫނަސް އޭނާ ނަގައި ކޮންމެ ފޮޓޯއަކުން ވެސް އެތައް ވާހަކައެއް ކިޔައިދޭތީއެވެ. ފޮޓޯއިން ވާހަކަ ކިޔައިދިނުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެއްގެ ގޮތުގައި ނައުޝަމް ވަނީ "ދެން"އަށް ކުރިން ދިން އިންޓަވިއު އެއްގައި ބުނެފައެވެ.

Ads by MWSC

މިފަހަރު ނައުޝަމް ނަގާފައި މިވަނީ ވަރަށް ތަފާތު ފޮޓޯ އެކެވެ. އެ ފޮޓޯއަކުން އެތައް އިހްސާސްތަކެއް ދައްކުވައިދޭ ފޮޓޯއެކެވެ. ހަމަ ހަގީގަތުގައި ވެސް އެފޮޓޯ ފެނި އެތައް ބަޔަކަށް އަސަރު ކުރުވާނެ ކަން ޔަގީނެވެ. ހަމަ އެކަނި އެފޮޓޯއިން ވެސް ހަގީގީ ލޯބި ކިޔައިދީފިކަން ގައިމެވެ. ނައުޝަމްގެ ކެމެރާގެ ރާޑަރަށް މިފަހަރު އެރީ ލާމު އަތޮޅުގެ ދެމަފިރިއެއް ކަމަށްވާ ދޮން މަރިޔަމް އާއި ބެއްޔާއެވެ. އެ މުސްކުޅި ދެމަފިރިން އުޅެމުން އަންނަ ރީތި ދިރިއުޅުން ނައުޝަމްގެ ފޮޓޯއިން ބުނެދެއެވެ. ފޮޓޯގައި ދައްކުވައިދެނީ ދޮން މަރިޔަމް އޭނާގެ ލޯބިވާ ފިރިމިހާގެ ކޮލަށް ބޮސްދޭ މަންޒަރެވެ.

ނައުޝަމް ބުނީ އެ ދެމަފިރިންނަކީ ހަމަ ލާމު އަތޮޅު ރަށްތައް ބަލާލަން އުޅުމުގެ ތެރޭގައި މީހުންނަށް ޒިޔާރާތް ކުރަނިކޮށް ޒިޔާރާތް ކުރެވުނު ދެމަފިރިން ކަމަށެވެ.. އަދި އެދެމަފިރިން ވަރަށް ލޯބިން އުޅޭތަން ފެނުމުން ފޮޓޯއެއް ނެގިޔަސް މައްސަލައެއް ނެތްތޯ ނައުޝަމް އަހާލިން ކަމަށާއި ފޮޓޯ ނެގީ އެއްބަސް ވުމުން ކަމުގައި ވެސް ނައުޝަމް ބުންޏެވެ. އަދި ފޮޓޯ ނެގި ވަގުތު ބޭބެގެ ކޮލަށް ދޮނެއް ދިނުމަށް ނައުޝަމް އެދުނު ކަމަށާއި އެފޮޓޯ އަކީ އެވަގުތު ނަގާފައިވާ ފޮޓޯއެއް ކަމުގައި ވެސް ނައުޝަމް ފާހަގަ ކުރިއެވެ.

ނައުޝަމް ބުނީ ފޮޓޯ ނެގި ވަގުތު އޭނާގެ މާމަ އާއި ކާފަ މަތިން އޭނާ ވަރަށް ހަނދާންވި ކަމަށެވެ. އަދި އޭނާއަށް ވަރަށް ގިނަ ދުވަސްވީ މީހުންނާ އަދި ދެމަފިރިންނާ ވެސް ދިމާވެފައި އެބަހުރި ކަމަށާއި ނަމަވެސް މިހާ ލޯބިން އުޅޭ ދެމަފިރިން އަދި ދުވަހަކު ވެސް ނުދެކޭ ކަމުގައި ނައުޝަމް ބުންޏެވެ. އަދި މިއީ ނައުޝަމް އަށް މިހާތަނަށް ނެގުނު އެންމެ އަަސަރުގަދަ އެއް ފޮޓޯ ކަމުގައި ނައުޝަމް ގަބޫލު ކުރެއެވެ. އިންޓަވިއު ނިންމާލަމުން ނައުޝަމް ބުނީ އެންމެ ޖުމުލައެކެވެ. "ހަގީގީ ލޯތްބަކީ މިއީ" މިހެންނެވެ.

ދޮން މަރިޔަމް ވަނީ އޭނާގެ ދިރިއުޅުން ނައުޝަމްއަށް ހިއްސާ ކޮށްފައެވެ. އަދި މި ފޮޓޯއާއެކު ނައުޝަމް ވަނީ އެ ދެމަފިރިންގެ އަސަރުގަދަ ލޯބީގެ ވާހަކަ ކިޔައިދީފައެވެ. ނައުޝަމް ފޮޓޯއާއެކު އިނގިރޭސިން ލިޔެފައިވާ ވާހަކަ ދިވެއްސަށް ބަދަލުކޮށް ނަކަލު ކޮށްލާނަމެވެ.

ދޮންމަރިޔަމް އާއި ބެއްޔާގެ ލޯބީގެ ވާހަކަ

"އަހަރެމެން ދެމީހުންގެ ލޯބީގެ ގުޅުން ފެށުނީ އަހަރެންނާއި އަބްދުއްރަހްމާނާ (ބެއްޔާ)އާ ބައްދަލުވި ހިސާބުންނެވެ. އެއީ މީގެ ފަންސާސް އަހަރު ކުރިއެވެ. އަހަރެމެން ދެމީހުން ކައިވެނި ކުރަން ނިންމީމެވެ. އެއީ އަހަރެންގެ ފުރަތަމަ ކައިވެންޏެވެ. އެހެން ނަމަވެސް އަހަރެމެންގެ ކައިވެނީގެ ކުރިން ބެއްޔާ ވަނީ ފަންސާހަށްވުރެ ގިނަ މީހުންނާ ކައިވެނި ކޮށްފައެވެ. އަހަރެން ކައިވެނީގެ ރަނުގެ ގޮތުގައި ކީ އެއް ރުފިޔާއެވެ.

އަހަރެމެން ދެމީހުންގެ ލޯބީގެ ގުޅުމަކީ ވެސް އެންމެ ފުރިހަމަ ގުޅުމެއް ނޫނެވެ. އަހަރެމެން ދެމީހުންގެ ގުޅުމަށް އެތައް ފަހަރަކު ނިމުން އައެވެ. 7 ފަހަރަށް އަހަރެމެން ދެމީހުން ވަރިވީމެވެ. އަދި އަހަރެމެން މިހާރު މިތިބީ އަހަރެމެން ދެމީހުންގެ 8 ވަނަ ކައިވެނީގެ މަތީގައެވެ. އަހަރެމެން ދެމަފިރިންނަށް ޖުމުލަ 9 ކުދިން ލިބުނެވެ. މިއަދު ދުނިޔޭގައި ތިބީ އޭގެން 7 ކުދިންނެވެ.

މިއަދު އަހަރެންގެ ފިރިމީހާ އަކީ ވަރަށް ބަލި ،މީހެކެވެ. މީގެ 7 އަހަރު ކުރިން ސިކުނޑިއަށްވީ ގެއްލުމެއްގެ ސަބަބުން ކުރިން ވެފައިވާ ކަންތައްތައް އޭނާ ހަނދާނަކު ނުހުރެއެވެ. އަދި މިއަދު އޭނާ އަކީ އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާ މީހެކެވެ. އަދި އޭނާއަށް ވާހަކައެއް ނުދެއްކޭނެއެވެ. އޭނާއަށް ކާން ދިނުމާއި ސާފު ކުރުމާއި އަދި މިނޫން ވެސް ހުރިހާ ކަމެއްގައި އޭނާއަށް އެހީތެރިވެދެނީ އަހަންނެވެ. ދައުލަތުން އޭނާއަށް ދޭ ފަސް ހާސް ރުފިޔާ އަހަރެން ހޭދަކުރަން ޖެހެނީ ވަރަށް ބަލައިގެންނެވެ. މިއަދު އަހަރެންގެ އުމުރަކީ 64 އަހަރެވެ. އަހަރެންގެ ލޯބިވާ ފިރިމީހާގެ އުމުރުން 95 އަހަރެވެ. އަދި އަހަރެމެން ދެމީހުންގެ ކައިވެންޏަށް މިހާރު ފަންސާހަށްވުރެ ގިނަ އަހަރު ވެއްޖެއެވެ.

މިއަދު އަހަރެންގެ ފިރިމީހާއަށް އަހަރެންނަކީ ކާކުކަން ހަނދާން ނުހުރެދާނެއެވެ. އަދި އަހަރެމެން ދެމީހުން އެކުގައި އުޅެފައިވާ ދިިރިއުޅުމާއި އެ ހަނދާންތައް އޭނާ ނުހުރެދާނެއެވެ. ނަަމަވެސް މިއަދު ވެސް އަހަރެންގެ ހިތުގައި އޭނާއަށް ޓަކައި ވާ ލޯތްބަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ"

ތެދެކެވެ. ނައުޝަމް ބުނި ގޮތަށް ހަގީގީ ލޯތްބަކީ ހަމަ މިއީއެވެ. އަޅުގަނޑުމެން ޒުވާނުން އިބުރަތް ލިބިގަންނަންވީ މިފަދަ ވާހަކަތަކުން ކަން ގައިމެވެ.

  1. އިބްރަތް

    ޒުވާނުން ލިބިގަންނަންވީ ޢިބްރަތަކީ ހަތް ފަހަރަށް ވަރި ކުރީމަ އަށް ވަނަ ފަހަރަށް އިނުމުގެ އިބްރަތްތަ. .

  2. ލީލާ

    ކިހިނެތްތަ 7 ފަހަރު ވަރި ވީމަ މިއަށް ލޯބި ކިޔަނީ؟ ބޯ ގޯސް ވާހަކަ ނުދައްކާ. ލޯބި ވިނަމަ ތިބޭނީ އަދިވެސް ފުރަތަމަ އިން ގޮތަށް.

  3. ެެsen be

    Kamaku nudhey hus dhogu