އިދިކޮޅު މުޒާހަރާއިން އިއްޔެ ހައްޔަރުކުރި އެންމެން ވެސް ދޫކޮށްލައިފި

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމް މިނިވަން ކުރުމަށް ގޮވައިލައި ކްރިމިނަލް ކޯޓުގެ ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން އިއްޔެ ކުރި މުޒާހަރާގައި ހައްޔަރު ކުރި އެންމެން ވެސް ދޫކޮށްލައިފިއެވެ.
ގިނަ ބަޔަކު އިއްޔެ ކުރިމިނަލް ކޯޓުގެ ސަރަހައްދަށް ޖަމާ ވެފައިވާއިރު، ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އެވަގުތު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައެވެ.
އިއްޔެގެ މި އެއްވުމުގައި 6 މީހަކު ހައްޔަރު ކުރެވުނު އިރު އެންމެން ވެސް މިހާރު ވަނީ ދޫކޮށްލައިފައެވެ.
ހައްޔަރު ކުރެވުނު 6 މީހުންގެ ތެރެއިން 3 އަންހެނުން ހިމެނޭ އިރު އޭގެތެރޭގައި ޕީޕީއެމްގެ ކައުންސިލް މެންބަރު ފާތިމަތު ފަޒުލާއާއި ކައުންސިލް މެންބަރު ސޫދާ އަބްދުﷲ ހިމެނެއެވެ. މީގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އެމީހުން ހައްޔަރު ކުރީ ފުލުހުން ކޯޓު ސަރަހައްދު ބަލަމުން ދަނިކޮށް، ފުލުހުންގެ އަމުރަށް ކިޔަމަން ނުވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނަމުން ދިޔަ ނަމަވެސް ޕީޕީއެމް އިން ބުނަނީ އެމީހުން ހައްޔަރު ކުރުމަށް އެކަށީގެން ނުވާ މިންވަރަށް ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށެވެ.