އުރީދޫ ކަލަންޑަރު : އޭއާރް އާއި ތާރީޚީ ވާހަކަތަކާއެކު ނުހަނު ފުރިހަމަ!
ކޮންމެ އަހަރެއް ވެސް ފެށުމާ ގާތްކޮށް، އެއަހަރެއްގެ ދުވަސްތައް އަތުރާލެވިފައިވާ ގޮތް ދައްކުވައިދޭ ގޮތުން އެކި ކުންފުނިތަކުން ކަލަންޑަރު ހަދައެވެ. ކޮންމެ ކުންފުންޏަކުން ވެސް ހަދާފައި ހުންނަ ކަލަންޑަރު އެހާމެ ޗާލުއިރު، މިފަހަރު ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގަތީ ދިވެހިރާއްޖޭގައި މުއާސަލާތީ ގޮތުން މިހާރު އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އުރީދޫއިން ހަދާފައިވާ ކަލަންޑަރަށެވެ.
ޒަމާނީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް މިދުނިޔެއާއި ނުހަނު ގުޅިފައިވާ އުރީދޫއިން އުފައްދާފައިވާ މިކަލަންޑަރުގެ އެންމެ ތަފާތުކަމަކަށް ފާހަގަވެފައިވާ އެއްކަމަކީ، އޭގައި އޯގްމެންޓެޑް ރިއޭލިޓީ (އޭއާރު) ހިމެނުމެވެ.
"ތާރީޚުގެ ތެރެއިން ދިވެހިރާއްޖެ" މިޝިޢާރަށް އުފައްދާފައިވާ އުރީދޫ ކަލަންޑަރުގައި ހިމަނާފައިވާ މަންޒަރުތައް ވެސް އެހާމެ ތަފާތެވެ، ރާއްޖޭގެ ތާރީޚާ ބެހޭގޮތުން އަސްލާއި ނުހަނު ގާތްކޮށް ކުރަހާފައިވާ ކުރެހުންތައް ހިމަނާފައިވާއިރު، ކޮންމެ ކުރެހުމަކާ ބެހޭގޮތުން މައުލޫމާތުކޮޅެއް ވެސް ހިމަނާފައިވެއެވެ. ކަލަންޑަރުގެ ކޮންމެ މަހެއްގައި ސްނެޕްޗެޓު ކޯޑެއް ވާއިރު، އެކޯޑު ސްކޭން ކޮށްގެން އެމަހެއްގެ ފޮޓޯ ބަލާލެވެއެވެ.
އަލަށް ތަޢާރަފްކުރި މިތަފާތު ކަލަންޑަރާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އުރީދޫގެ މެނޭޖަރ ބްރޭންޑް އެންޑް މާކޮމްސް ނޫރާ ޒާހިރު ވިދާޅުވީ، މި އަހަރުގެ ކަލަންޑަރުގެ ކޮންމެ މަހެއްގައި އޭއާރް ހިމެނޭ ޑިޖިޓަލް ބައެއް ހިމެނޭނެ ކަމަށެވެ.
"މަންޒަރުތައް ދައްކާލުމަށް އޭއާރު ބޭނުން ކުރާއިރު ސްނެޕްޗެޓް މެދުވެރިކޮށް އެ އޭއާރު މަންޒަރުތައް ބަލާލެވޭނެ،" ނޫރާ ވިދާޅުވި އެވެ.
އުރީދޫ ކަލަންޑަރުގައި ހިމެނޭ ބައެއް ތާރީޚީ ކަންތައްތައް:
- ކޮއިމަލާ ކަލޯ
- ޗޯޅާ ހަނގުރާމަ
- ކެންދޫ މަގާމުފުޅު
- ޤާދިރީ ކަލޭގެފާނު
- ވާރުގެއަށް ވެދުމާދިއުން
- ފުރަތަމަ ޔުނިވާސިޓީ
- އިނގިރޭސި ހިމާޔަތް
- އުތުރު ގަޑުބަޑު
- ރޯނު ބޭރުކުރުން
- ފެންފުށީ ގަލުވަޑާން
- ހިއްޗަށް ވަޑައިގަތުން
- ގުޅަކުޅޭ ފަސްގަނޑު
"އަޅުގަނޑުމެން ކަލަންޑަރު މި އަހަރަށް ހެދުމުގެ ކުރީން އެކި ކަހަލަ ހިޔާލުތަކަށް ބަލައިގެން މަސައްކަތް ކުރީ. އަދި ސަގާފީ ކަންތައްތައް ނެގި އިރު ބޮޑު ސަމާލުކަމެއް ދީފައި ވާނީ އާންމުކޮށް މީގެ ކުރީން ވާހަކަ ނުދެކެވި ހުރި ވާހަކަތަކަށް،" ކޮންމެ މަހަކުވެސް ތާރީޚީ ތަފާތު ވާހަކަތަކެއް ފެނިގެންދާ މަންޒަރުތަކާ ގުޅޭ ގޮތުން ނޫރާ ވިދާޅުވިއެވެ.