ޚަބަރު

އިންޑިއާ މީހާ ދިވެހި އަންހެން ކުއްޖާ ރޭޕްކޮށްފައެއް ނުވޭ: ފުލުހުން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރިސޯޓެއްގައި 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ހިނގާފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންޑިއާ ފިރިހެނަކު ވަނީ ރާއްޖޭގެ 19 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފައި ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި ރޭޕް ކުރި ކަމަށް ބުނާ މިފިރިހެން މީހާގެ ވަނަވަރު ވެސް ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ރިސޯޓެއްގައި ދިވެހި އަންހެނަކު ރޭޕް ކުރިމަށް ބުނެ މީޑިއާއެއްގައި ކުރި ރިޕޯޓަކާ ގުޅިގެން މައުލޫމާތު އޮޅުންފިލުވިއިރު، ރޭޕް ކުރުމުގެ އަމަލެއް ހިނގާފައިވާކަމުގެ އެއްވެސް ހެތްކެއް ނެތްކަން ފާހަގަވާ ކަމަށެވެ.

ނަމަވެސް، އެރިސޯޓުގައި އިންޓަރންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ފިރިހެނަކު އަތްލަން މަސައްކަތް ކޮށްފައިވާ ކަމަށް އެއަންހެންމީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ހާމަ ކުރެއެވެ. އަދި މި މައްސަލަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ދަނީ ތަހުގީގުކުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ،  މި މައްސަލައާ ގުޅޭގޮތުން ރިޕޯޓްކުރުމުގެ ކުރިން އެއްވެސް ފަރާތަކުން މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށާއި އަދި މިމައްސަލައާގުޅޭ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ލިބުނުއިރު ތުހުމަތުކުރެވޭ ފިރިހެންމީހާ ވަނީ ދިވެހިރާއްޖެއިން ފުރާފައިވާ ކަމަށެވެ.

ޖިންސީކުށުގެ ޚަބަރުތައް މީޑިއާތަކުން ގެނެސްދިނުމުގައި އަނިޔާލިބޭ ފަރާތް އިތުރަށް ވިކްޓިމައިޒް ނުވާނެގޮތަށް ޚަބަރުތައް ގެނެސް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސްކުރާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!