ޚަބަރު

ފްލައިންގް ސުކޫލު 35000 ރުފިޔާއިން ޖޫރިމަނާކޮށް އިސްލާހުވާން ފުރުސަތެއް ދީފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އައްޑޫ ސިޓީގައި ހުންނަ އޭޝިއަން އެކަޑެމީ އޮފް އޭރޮނޯޓިކްސް (އޭއޭއޭ) ފްލައިންގް ސުކޫލު 35،000 ރުފިޔާއިން ޖޫރިމަނާކޮށް އިސްލާހުވާން އަނެއްކާވެސް ފުރުސަތެއް ދީފިއެވެ.

Ads by MWSC

އެ ސުކޫލުން ދަރިވަރުންގެ ހައްގުތަކަށް އެތައް ގޮތަކުން އަރައިގަންނަމުން ދާއިރު ވެސް މިއަދާ ހަމައަށް ވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް މުހައްމަދު ވިދާޅުވެފައިވަނީ، މަދަނީ ވައިގެ ދަތުރުފަތުރު ކުރުމުގެ ގާނޫނުގައި ޖޫރިމަނާ ކުރެވިދާނެ އަދަދުތައް ބަޔާން ކޮށްފައިވާނެ ކަމަށާއި، މިހާރު ޖޫރިމަނާ ކުރަމުން ގެންދަނީ ވެސް ހަމަ އެ އަދަދުތަކާ އެއްގޮތަށް ކަމަށެވެ.

2001 ވަނަ އަހަރު ޢަމަލުކުރަން ފެށުނު މި ގާނޫނުގައި ވާގޮތުން އެޤާނޫނާ ހިލާފުވާ ފަރާތްތައް -/100000 ރުފިޔާއަށްވުރެ ބޮޑުނުވާ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ.

ފްލައިން ސްކޫލް ޖޫރިމަނާ ކުރުމަށްފަހު ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެ ސްކޫލަށް އަންގާފައިވާއިރު، އެސްކޫލްގައި ހިންގާ ކަންކަން ބެލުމަށް ސިވިލް އޭވިއޭޝަންގެ ފަރާތުން ބޭފުޅަކު ސްކޫލްގައި މިހާރު އަންނަނީ ވެސް ހަރަކާތްތެރިވަމުންނެވެ.

އެގޮތުން ދަރިވަރުންގެ ތަމްރީނުތަކަށް ބޭނުންވާ މިންވަރަށް ސްކޫލުގެ ފަރާތުން ވަގުތީ ގޮތުން ލީޒްކޮށްގެން ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން "ކޮމްޕްލެކްސް" އުޅަނދު ހަމަޖެއްސުމަށާއި، ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ކަމަކަށް ނުވާތީ ރާއްޖޭގެ ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަށް ވެސް ސްކޫލަށް ވަނީ އަންގާފައެވެ.

ހަމަމިއާއެކު، އެ ސުކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ތަމްރީނުތައް ޝެޑިއުލްކުރެވެމުންދާ ގޮތާއި ތާވަލު އާންމުކޮށް ފެންނަން ހުންނާނޭ ގޮތަށް އާއްމު ކުރުމަށްވެސް އެ ސުކޫލަށް ވަނީ އަންގާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!