ދެން ފުރަމަލަ

ރަފާ: ކުޅިވަރުގައި ވެސް ކިޔެވުމުގައި ވެސް ޗެމްޕިއަނެއް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮންނަނީ، ކިޔެވުމާއި ކުޅުމަކީ އެކުގައި ކާމިޔާބު ނުކުރެވޭނެ ކަމެއް ކަމަށެވެ. އެގޮތުން ކިޔެވުމަށް މާ ބޮޑަށް ސަމާލުކަން ދޭ ދަރިވަރުންނަށް ކުޅިވަރުގައި ކުރިއަށް ނުދެވޭނެ ކަމަށާއި އަދި ކުޅިވަރު ކުޅުމަށް މާ ބޮޑަށް ސަމާލުކަން ދެވިއްޖެ ނަމަ ކިޔެވުމަށް އިހްމާލު ވެވޭނެ ކަމަށް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބެލެނިވެރިންނަށް އޮންނަނީ ޤަބޫލު ކުރެވިފައެވެ.

Ads by Hajj Corporation

ނަމަވެސް ކިޔެވުމާއި ކުޅިވަރުގައި ވެސް ހިތްވަރާއެކު ގަދައަޅައި މަސައްކަތް ކޮށްފިނަމަ ކާމިޔާބު ކުރެވިދާނެ ކަން، ރާއްޖޭގައި މިހާރު ހުރި އެންމެ މޮޅު އެއް ޓޭބަލްޓެނިސް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް ވަނީ ސާބިތު ކޮށްދީފައެވެ. ހަމަ ހަގީގަތުގައި ވެސް ރަފާ އަކީ ހުރިހާ ގޮތަކުން ވެސް "ޗެމްޕިއަން" އެކެވެ. ނަމަވެސް ރަފާ ކާމިޔާބީއަށް ވާސިލުވުމަށް ކުރި ދަތުރަކީ ވެސް ފަސޭހަ ދަތުރެއް ނޫނެވެ.

އެންމެ ފުރަތަމަ ޓީޓީއަށް ޝައުޤުވެރިކަން އުފެދުނީ ބައްޕަ ކުޅޭތަން ފެންނާނީ

ރަފާ އެންމެ ކުޑައިރު ދިރިއުޅުނީ އިނގިރޭސި ވިލާތުގައެވެ. ރަފާގެ ބައްޕަ، ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އަކީ ޓީޓީ ކުޅެ އުޅުއްވާ ބޭފުޅެކެވެ. އަދި އިނގިރޭސި ވިލާތުގައި ދިރިއުޅުއްވި އިރުގައިވެސް ލިބޭ ހުސްވަގުތު ތަކުގައި ބައެއް ފަހަރަށް ކުޅެން ގޮސް އުޅުއްވާ ކަމުގައި ނާޒިމް ވިދާޅުވިއެވެ. އެގޮތުން ގިނަ ފަހަރަށް ކުޅެން ގޮސް އުޅުއްވާއިރު ރަފާވެސް އެކުގައި ގެންދަވާ ކަމަށް "ދެން" އަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވިއެވެ.

އެގޮތުން އެންމެ ފުރަތަމަ ރަފާ އުޅުނީ ނާޒިމް ކުޅުއްވާއިރު ބޯޅަ ހޮވުމަށް ކަމަށާއި، އެހެން އުޅެމުން ބައެއް ފަހަރަށް ރެކެޓާއި ބޯޅަ ނަގައިގެން ކުޅެން މަސައްކަތް ކުރަން ފެށި ކަމަށެވެ. ނަތީޖާ އަކަށް ވީ ރަފާގެ ބައްޕަ ރަފާއަށް ޓީޓީ ކުޅުމަށް އިތުރަށް ދަސްކޮށްދޭން ފެށުމެވެ. އަމިއްލަފުޅަށް ރަފާއަށް ޓްރެއިނިންގް ދޭން ފެށިކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ފާހަގަ ކުރި ގޮތުގައި ރަފާ އަކީ މިހާރުވެސް އަދި އޭރުވެސް ވަރަށް ކުޅިވަރަށް ފޯރި ހުންނަ ކުއްޖެއްގެ ގޮތުގައެވެ.

އެގޮތުން އެންމެ ކުޑައިރުވެސް ރަފާ ގޮވައިގެން ޕާކުތަކަށް ގޮސް އުޅުއްވާއިރު ވެސް ރަފާ ގަސްގަހަށް އަރައި ބޯޅަ އެއްލާ ކުޅެ ހަދައި އުޅޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އިތުރަށް ނާޒިމް ފާހަގަ ކުރެއްވީ އެންމެ ކުޑައިރުއްސުރެވެސް ރަފާ އަކީ ކުޅިވަރު ކުޅުމަށް ވަރަށް ލޯބި ހުންނަ ކުއްޖެއް ކަމަށެވެ. ކޮންމެއަކަސް ރަފާ އޭނާގެ ބައްޕަ އާ އެކު ފަރިތަކުރުންތައް ކުރިއަށް ގެންދަން ފެށުމުން ރަފާގެ ހުނަރުވެރިކަން އިތުރަށް ތަރައްޤީވެގެން ދިޔައެވެ. އަދި ރަފާގެ ހުނަރުވެރިކަން ފެނިރަފާއަށް ޓީޓީ ކުޅުމުގައި ކުރިއަށް ދެވިދާނެ ކަމަށާއި، ޓީޓީ ކުޅުމުގައި ރަފާ އަށް ވަރަށް "ބްރައިޓް ފިއުޗަރ" އެއް އޮތް ކަމަށް އިނގެރޭސި ވިލާތުގެ ކޯޗެއް ވެސް ފާހަގަ ކުރި ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެވަސްވަރު ރަފާ އިނގިރޭސިވިލާތުގެ ޖޫނިއަރ ބައެއް މުބާރާތްތަކުގައި ވެސް ބައިވެރި ކުރި ކަމަށާއި، އެ މުބާރާތްތަކުގެ ސަބަބުންވެސް ރަފާ އަށް އިތުރަށް ކުރިއެރުމަށް ފުރުސަތު ތަކެއް ލިބެމުން ދިޔަ ކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ.

ޢުމުރުން 7 އަހަރުގައި އިނގެރޭސިވިލާތުގެ ޖޫނިއަރ ޗެމްޕިއަން އާއި ރަފާ ވާދަކުރި

ރަފާގެ އެންމެ ފުރަތަމަ މުބާރާތަކީ ކޮބައިތޯ އަޅުގަނޑު ރަފާގެ ބައްޕަ ނާޒިމް އާ ސުވާލު ކޮށްލީމެވެ. އެގޮތުން ނާޒިމް ފާހަގަ ކުރެއްވީ، އިނގިރޭސި ވިލާތުގައި ޖޫނިއަރ ޓީޓީ ޗެމްޕިއަންޝިޕް ކޮންމެ އަހަރަކުވެސް ބާއްވާ ކަމަށާއި، އެ މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ހިސާބަކުން ފުރުސަތު ލިބެނީ 2 ކުދިންނަށް ކަމަށެވެ. ރަފާގެ އުމުރުން 7 އަހަރުގައި ރަފާއަށް އެ މުބާރާތަށް "ސެލެކްޓް" ވި ކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ. އެގޮތުން މެންޗެސްޓަރ ގައި އޮތް އެ މުބާރާތުގައި ރަފާ އެ އަހަރު ވާދަ ކުރިއެވެ.

އެ މުބާރާތުގައި ރަފާ އަށް މާ ބޮޑު ކާމިޔާބީއެއް ނުލިބުނު ކަމުގައި ވިޔަސް، މިއީ ރަފާއަށް ކުރިއަށް ދިޔުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ތަޖުރިބާ އެއް ކަމުގައި ނާޒިމް ފާހަގަ ކުރެއްވިއެވެ. އަދި އެ މުބާރާތުގައި އޭރުގެ އިނގިރޭސި ވިލާތުގެ ޖޫނިއަރ ޗެމްޕިއަން އާ ވާދަކޮށް ކުޅުމުގެ ފުރުސަތު ރަފާއަށް ލިބުނު ކަމަށްވެސް ނާޒިމް ފާހަގަ ކުރެއްވިއެވެ.

ޢުމުރުން އެންމެ 13 އަހަރުގައި ގައުމީ މުބާރާތުން ރަން މެޑަލް

އުމުރުން އެންމެ 12 އަހަރުގައި 2015 ވަނަ އަހަރުގެ ޤައުމީ މުބާރާތުގެ ފައިނަލުގައި ރަފާ ވާދަ ކުރިއެވެ. ނަމަވެސް އޭރުގެ ޤައުމީ ޗެމްޕިއަން މުޢީނާ މުހައްމަދު އަތުން އެ އަހަރުގެ ފައިނަލުގައި ރަފާ ވީ ބައްޔެވެ. ނަމަވެސް ރަފާގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ޖެހިގެން އައި އަހަރު އުމުރުން އެންމެ 13 އަހަރުގައި ރަފާ ވަނީ ގައުމީ ޗެމްޕިއަން ކަން ހޯދާފައެވެ.

"ދެން" އާއި ވާހަކަ ދައްކަމުން 15 އަހަރު ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ މުޢީނާ ބުނީ، ރަފާ ޤައުމީ މުބާރާތުގައި ވާދަ ކުރަން ފެށުމުގެ ކުރިން މާ ބޮޑު ޗެލެންޖިންގް ކުޅުންތެރިންތަކަކާ ދިމާ ނުވާ ކަމަށެވެ. ނަމަވެސް ރަފާ އަކީ ތަފާތު ކުޅުންތެރިއެއް ކަމަށާއި، އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ރަފާ ހިތްވަރު ކުރާނެކަމަށް މުޢީނާ ވަރަށް ބޮޑަށް ފާހަގަ ކުރިއެވެ.

15 އަހަރު ޤައުމީ ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިއަކާ ވާދަކޮށް މުބާރާތް ކާމިޔާބު ކުރުމަކީ ރަފާއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި އޭނާ ފާހަގަ ކުރެއެވެ.

މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ

މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އާއި ގުޅޭ ގޮތުން ރަފާ ބުނީ، ފާއިތުވެ ދިޔަ 2019 ވަނަ އަހަރު އިންޑިއަން އައިލަންޑް އޯޝަން ގޭމްސް (އައި.އޯ.އައި.ޖީ)ގައި ރަފާއަށް ލިބުނު ކާމިޔާބީ ޚާއްޞަ ކަމަށެވެ. އެގޮތުން އެ މުބާރާތުގައި ޓީމް އިވެންޓުން ދިވެހިރާއްޖެއަށް ގޯލްޑް މެޑަލް ލިބުނުއިރު ރަފާއަކީ ޓީމުގައި މުހިއްމު ދައުރެއް އަދާ ކުރި ކުޅުންތެރިއެކެވެ.

މޮރިޝަސް ގައި ބޭއްވި މި މުބާރާތުގައި ސިންގަލްސް އިން ރިހި މެޑަލް އަދި، ޑަބަލްސް އިން ރަން މެޑަލް ރަފާ ވަނީ ހާސިލު ކޮށްފައެވެ. މި ކާމިޔާބީ ތަކަކީ މުޅި ގައުމުވެސް ފަޚުރުވެރިވާ ކާމިޔާބީ ތަކެއް ކަން ގައިމެވެ. އަދި ހަމަ އެހެންމެ ހަމަ އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސް ގައި ވެސް ރަފާ ވަނީ ޓީމް އިވެންޓް އިން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފައެވެ.

ރަފާއަކީ މިއުޒިކަށް ވެސް މޮޅު ކުއްޖެއް ، ބޭންޑްގައި މުހިންމު ދައުރެއް އަދާކުރި

ގިނަ ބަޔަކަށް ރަފާ އެނގިފައި އޮންނާނީ ޓޭބަލްޓެނިސް އިން ގައުމަށް ރީތި ނަން ހޯދައިދެމުން އަންނަ ކުއްޖެއްގެ ގޮތުގައެވެ. ނަމަވެސް ރަފާ އަކީ ހަމަ ހަގީގަތުގައި ވެސް އޯލް ރައުންޑަރ އެކެވެ. ހުނަރުން ފުރިގެންވާ އެހެން ދަރިވަރުންނަށް ނަމޫނާ އެކެވެ. ދެން އެމްވީ އާ ވާހަކަ ދައްކަވަމުން ރަފާގެ ބައްޕަ ނާޒިމް ފާހަގަ ކުރެއްވި އެއް ކަމަކީ ރަފާ އަކީ އިސްކަންދަރު ސުކޫލުގައި ބޭންޑްގައި ވެސް އުޅުނު ކުއްޖެއް ކަމެވެ. ޓޭބަލް ޓެނިސް ކުޅެމުން، ކިޔަވަމުން ބޭންޑުގައި ވެސް ރަފާ ބައިވެރި ވަމުން ދިޔައީ ޝައުގުވެރި ކަމާއެކުގައެވެ.

އިސްކަންދަރު ސުކޫލުގެ ބޭންޑާއި ހަވާލު ވެގެން ހުންނެވި ލީޑިންގް ޓީޗަރ ޢާލިމާ "ދެން" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ރަފާ އަކީ ހަމަ ހަގީގަތުގައި ވެސް "އޯލް ރައުންޑަރ" އެއް ކަމަށެވެ. އަދި ރަފާ އާ އެންމެ ފުރަތަމަ ދިމާވީ ބޭންޑް ފަރިތަކުރުންތަކުން ކަމަށާއި، އެންމެ ފާހަގަ ވީ އެއް ކަމަކީ ރަފާގެ ފްލޫޓް ކުޅުމުގެ ހުނަރުވެރިކަން ކަމަށް ޢާލިމާ ފާހަގަ ކުރިއެވެ. އަދި މިނިވަން ދުވަހުގެ ފަރިތަކުރުންތަކުގައި އެމްއެންޑީއެފް އަދި ކެޑޭޑް ކޯ ގެ މުދައްރިބުންވެސް ފާހަގަ ކުރެއްވި އެއް ކަމަކީ ރަފާގެ ފްލޫޓް ކުޅުމުގެ ހުނަރުވެރިކަން ކަމުގައި ޢާލިމާ ފާހަގަ ކުރިއެވެ.

އިތުރަށް ޢާލިމާ ފާހަގަ ކުރެއްވީ، ރަފާގެ ޓޭބަލްޓެނިސް އަދި ބޭންޑް ހަރަކާތުގެ ސަބަބުން ކިޔެވުމަށް އަސަރު ކޮށްގެން ދުވަހަކުވެސް އެއްޗެއް ބުނާނެ ޖާގަ އެއް އޭނާ ނުދޭ ކަމަށާއި ރަފާ އަކީ އެއަށް ވުރެ ކަންކަން ވަކި ޝެޑިއުލްއެއްގެ ދަށުން ރާވާލައިގެން ކުރިއަށް ގެންދާ ކުއްޖެއް ކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި ރަފާ އާ މެދު ފަޚުރުވެރިވާ ކަމަށް ވެސް ޢާލިމާ ބުންޏެވެ.

ރަފާގެ ބޭންޑްގެ ގައުމީ ކެޑޭޓް ކޯގެ މުދައްރިބެއް ކަމުގައި ވާ ފަސްޓް ލެފްޓިނަންޓް މުހައްމަދު އިފްރީން ވިދާޅުވީ ރަފާ އަކީ ވަރަށް އަވަހަށް ކަންތައްތައް ނަގައިގަންނަ ކުއްޖެއް ކަމަށެވެ. އެގޮތުން ރަފާއަށް ބޭންޑްގެ ގިނަ ފަރިތަކުރުންތަކަށް ޓޭބަލްޓެނިސްގެ ސަބަބުން ބައިވެރި ނުވެވުނު ކަމުގައި ވިޔަސް، ބައިވެރި ވެވޭ ފަރިތަކުރުންތަކުގައި އެބައި "ކަވަރ" ކުރާނެ ކަަމަށް އިފްރީން ވިދާޅުވިއެވެ. އަދި ރަފާ އަކީ ބަސްއަހާ ބަސް ގަބޫލު ކުރާ އަދި ވަރަށް އަޚްލާޤު ރަނގަޅުކުއްޖެއްގެ ގޮތުގައި އިފްރީން ފާހަގަ ކުރިއެވެ.

2018 ވަނަ އަހަރު ތައުލީމީ ގޮތުން އެންމެ މޮޅު ބޭންޑް ދަރިވަރުގެ ލަގަބު ވެސް އިސްކަންދަރު ސުކޫލުން ލިބުނީ ރަފާއަށެވެ. ރަފާ ސުކޫލް ނިމުނު އިރުގައި ރަފާ އަކީ ބޭންޑް ސްޓާފް ސާރޖަންޓް އެކެވެ.

ރަފާއަކީ ކުޑައިރުންސުރެ ވެސް ލިޔުންތެރިކަމަށް މޮޅު ކުއްޖެއް

"ދެން"އާ ވާހަކަ ދައްކަވަމުން ރަފާގެ ބައްޕަ ނާޒިމް ފާހަގަ ކުރެއްވި އެއް ކަމަކީ، ރަފާ ކުޑައިރު އިނގިރޭސިވިލާތުގެ ރަފާގެ ލިޔުމެއް ޕަބްލިޝް ކުރުމަށް ފުރުސަތު ލިބިގެން ދިޔަ ކަމެވެ. އެގޮތުން ނާޒިމް ފާހަގަ ކުރެއްވި ގޮތުގައި އިނގިރޭސިވިލާތުގެ ބައެއް ޓީޗަރުންވެސް ވަނީ ރަފާގެ ލިޔުންތެރިކަން ވަރަށް ރަނގަޅުކަން ފާހަގަކުރެއްވިއެވެ.

އަދި ހަމަ އެހެންމެ ރަފާ އަކީ އޯލެވެލް އިމްތިހާނުގައި އިންގްލިޝް އޭސް އަ ސެކަންޑް ލެންގުއޭޖް އިން ދުނިޔޭން ނުވަ ވަނަ އެވެ.

ސުކޫލުގައި މުހިއްމު މަޤާމުތަކެއްވެސް ރަފާ އަދާކުރި

އިސްކަންދަރު ސުކޫލުގައި ތައުލީމް ހާސިލް ކުރި އިރުގައި ވެސް ރަފާއަކީ މުހިއްމު މަގާމުތަކެއް ފުރި އަދި މިހާރު ތަޢުލީމް ހާސިލު ކުރަމުންދާ ސީއެޗްއެސްސީ ގައި ވެސް މުހިއްމު މަގާމެއް އަދާކުރަމުން ގެންދާ ދަރިވަރެކެވެ.

އެ ގޮތުން ރަފާ އަކީ 2017 ވަނަ އަހަރު އިސްކަންދަރު ސުކޫލުގެ ޑެޕިއުޓީ ކެޕްޓަން އެވެ. އަދި ހަމަ އެހެންމެ ރަފާ އަކީ 2018 ވަނަ އަހަރު އިސްކަންދަރު ސުކޫލުގެ ގޭމްސް ކެޕްޓަން އެވެ. މިހާރު ތައުލީމް ހާސިލް ކުރަމުންދާ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ އެޗް އެސް ސީ) ގައި ވެސް ރަފާ އަކީ މިހާރުގެ ގޭމްސް ކެޕްޓަން އެވެ. އެހެން ކަމުން ރަފާ ފާހަގަ ކުރެވެނީ ލީޑަރޝިޕް ރަނގަޅު އެހެން ކުދިންނާއެކު އިސްނަގައިގެން މަސައްކަތް ކުރުމުގައި ނަމޫނާ ދަރިވަރެއްގެ ގޮތުގައެވެ.

ރަފާ އަކީ 2018 ވަނަ އަހަރުގެ އިސްކަންދަރު ސުކޫލުގެ ބެސްޓް އޯލް ރައުންޑް

2018 ވަނަ އަހަރު އިސްކަންދަރު ސުކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ހާސިލު ކުރީ ރަފާއެވެ. މިއީ ރަފާގެ ތަޢުލީމީ ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އޭނާ ފާހަގަ ކުރި ކާމިޔާބީއެވެ.

ކުޅިވަރުގައި ވަގުތު ހޭދަކުރަމުންވެސް ކިޔެވުމުގައި މިހާ ބޮޑު ކާމިޔާބީ އެއް ހޯދުމުގެ ސިއްރަކީ ކޮބައިތޯ ސުވާލު ކޮށްލުމުން ރަފާ ބުނީ، މިކަމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ކުޅެން ގޮސް އުޅުމަށް ފަހު ވަރުބަލިވެގެން ފޮތް ކިޔަންވެސް އުނދަގޫ ވަގުތުތައް އަންނަ ކަމުގައި ރަފާ ބުންޏެވެ. ނަމަވެސް އެފަދަ ކޮންމެ ދަނޑިވަޅެއްގައި ވެސް ރަފާގެ މަންމަ އާ ބައްޕަގެ ފަރާތުން ލިބިގެންދާ ސަޕޯޓް ރަފާ ފާހަގަ ކުރީ، ރަފާ އަށް ލިބުނު ނަސީބެއްގެ ގޮތުގައެވެ. އަދި އެއްވެސް ކަމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ހިތްވަރު އެލުވާނުލާ ވަރުބަލިވެފައިވާ ވަގުތު ތަކުގައިވެސް ރަފާ އަމިއްލަ ނަފްސު "ޕުޝް" ކުރީ ކަމުގައި ރަފާ ބުންޏެވެ.

ރަފާގެ އޯލެވެލްގެ ނަތީޖާ އަށް ބަލާލާއިރު 4 އޭ ސްޓާރ އަދި 4 އޭ ލިބިފައިވެއެވެ. މިކަމުން ދޭހަވަނީ ރަފާ ކިޔެވުމަށް ވެސް ދީފައިވާ އަހައްމިޔަތުގެ ބޮޑުކަމެވެ. އަދި ޤައުމީ ގަދަ ދިހައެއްގެ 4 ވަނައިގައި ހިމެނި ރަފާ ވަނީ އިސްކަންދަރު ސުކޫލަށްވެސް ރީތި ނަން ހޯދައިދީފައެވެ

ރަފާގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ މަންމަ އާއި ބައްޕަގެ ސަޕޯޓް

ކާމިޔާބީއަށް ވާސިލުވުމަށް ކުރި ދަތުރުގައި ރަފާއަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ކޮންބައެއްގެ ފަރާތުންތޯ ސުވާލު ކޮށްލުމުން ރަފާ ބުނީ، މަންމަ އާއި ބައްޕަގެ ސަޕޯޓާ ނުލާ ރަފާއަށް މިހިސާބަށް ނާދެވުނީސް ކަމަށެވެ. ކިޔެވުމުގައި ވެސް އަދި ކުޅިވަރުގައި ވެސް މަންމަ އާއި ބައްޕަ ރަފާއަށް އެހީތެރި ވެދިނުމުގައި އަބަދުވެސް ތައްޔާރަށް ތިބޭ ކަން އޭނާ ފާހަގަ ކުރިއެވެ.

އަދި ރަފާގެ އެންމެ ފުރަތަމަ ޓީޓީ ކޯޗަކީ ވެސް ރަފާގެ ބައްޕަ ކަމަށާއި، ރަފާގެ ޓީޓީ ކެރިއަރުގެ ބިންގާ އަޅައިދިން މީހަކީ ރަފާގެ ބައްޕަ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި ކުޅެން ދާހިތް ނުވާ ބައެއް ދުވަސްތައް ވެސް އަންނަ ކަމަށާއި ނަމަވެސް ރަފާގެ ބައްޕަ އަބަދުވެސް ރަފާ އަށް ފަރިތަކުރުން "މިސް" ނުކޮށްލުމަށް ނަސޭހަތްދީ ބާރު އަޅާ ކަމަށް ރަފާ ބުންޏެވެ. އަދި މިއަދު މި ހިސާބަށް ރަފާ އައި އިރު ރަފާގެ ހުރިހާ މެޗެއް ބެލުމަށްވެސް މަންމަ އާއި ބައްޕަ ދާ ކަމަށް ރަފާ ފާހަގަ ކުރިއެވެ.

ރަފާޔާ މެދު ބައްޕަ ދުށް ހުވަފެން ވަނީ ހަގީގަތަކަށް ހަދައިދީފައި

ކުރިމަގުގައި ރަފާޔާ މެދު ކުރެވޭ އުއްމީދަކީ ކޮބައިތޯ އަޅުގަނޑު ރަފާގެ ބައްޕަ ނާޒިމް އާ ސުވާލު ކޮށްލީމެވެ. ނާޒިމް ވިދާޅުވީ، ރަފާޔާ މެދު ރަފާ ކުޑައިރުއްސުރެ އޭނާ ދެކެމުން އައި ދެހުވަފެން ރަފާ ހަގީގަތަކަށް ހަދައިދީފި ކަމަށެވެ. އެގޮތުން އުމުރުން 15 އަހަރު ވުމުގެ ކުރިން ޓޭބަލް ޓެނިސް ގައުމީ މުބާރާތް ރަފާ ކާމިޔާބު ކުރުމަކީ ދެކެމުން އައި ހުވަފެނެއް ކަމަށާއި، އުމުރުން އެންމެ 13 އަހަރުގައި ރަފާ އެ ހުވަފެން ހަޤީގަތަކަށް ހަދައިދިން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ރަފާއަށް ސުކޫލުގެ ބެސްޓް އޯލް ރައުންޑް ލިބުމަކީ އޭނާ ދުށް ހުވަފެނެއް ކަމަށާއި، ﷲގެ އިރާދަފުޅާއެކު އެކަންތައްވެސް ރަފާ ހާސިލް ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅު ވިއެވެ.

އިތުރަށް ނާޒިމް ވިދާޅުވީ ކޮންމެ މަންމަ އަކާއި ބައްޕައެއް ވެސް ދެކެން ބޭނުންވާނީ ދަރިން އުފަލުގައި އުޅޭތަން ކަމަށާއި، ރަފާ އުފާވެރި ހަމަޖެހޭ ދިރުއުޅުމެއް ކުރިއަށް އޮތްތަނުގައި ވެސް އުޅުމަކީ އޭނާގެ އުއްމީދު ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ޤައުމު ފަޚުރުވެރިވާނޭ ފަދަ ކާމިޔާބީ ތަކެއް ހޯދާނެ ދަރިއަކަށް ރަފާ ވާނޭކަމަށް އުއްމީދު ކުރާ ކަމުގައި ނާޒިމް ވިދާޅުވިއެވެ.

ރަފާ ކުރިމަގަށް ކުރާ އުއްމީދު

ރަފާ ބުނީ، އޭނާގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި ބައިނަލްއަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް ރަން ވަނަ ތަކެއް ހޯދައިދިނުން ކަމަށާއި، ކުރިއަށް އޮތްތަނުގައި ސައުތު އޭޝިއާގެ ގިނަ ގައުމުތަކަކާ ކުޅެ ކުރި ހޯދުމަކީ އޭނާ ކުރާ އުއްމީދެއް ކަމަށެވެ. އަދި ހަމަ އެހެންމެ ސްރީ ލަންކާގެ މައްޗަށް ކުރި ހޯދުމަކީ ރަފާގެ ވަރަށް ބޮޑު "ގޯލް" އެއް ކަމުގައި އޭނާ ބުންޏެވެ.

ހަމަ ޔަގީނުންވެސް މިހާރުވެސް ރަފާ އަކީ މުޅި ގައުމު އެ ކުޅުންތެރިއަކަށް ޓަކައި ފަޚުރުވެރިވާ ކުޅުންތެރިއެކެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ރަފާ އިތުރު ކާމިޔާބީ ތަކެއް ހޯދުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް އުއްމީދުކަމުގައި ވާނެ ކަން ޔަގީނެވެ.

ރަފާ އަކީ ހަމަ ނަމޫނާ އެއް

ހަމަ ހަގީގަތުގައިވެސް ރަފާ އަކީ ދިވެހިރާއްޖޭގެ އެހެން ދަރިވަރުންނަށް ނަމޫނާ ދަރިވަރެކެވެ. އަދި ކުޅިވަރު ކުޅޭ ކުޅުންތެރިންނަށް ނަމޫނާ ކުޅުންތެރި އެކެވެ. ރަފާ ސާބިތު ކޮށްދިނީ ކުޅިވަރެއް ކުޅުމަކީ އަދި ކިޔެވުމުގައި ރަން ވަނަ ތަކެއް ނުހޯދެންވީ ސަބަބެއް ނޫންކަމެވެ. އަދި މިކަންތައްތައް ކުރަމުން އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރި ވެވޭނެ ކަން ރަފާ ސާބިތު ކޮށްދީފިއެވެ.

ޔަގީންވާ އެއް ކަމެއް އެބައޮތެވެ. މިހުރިހާ ކަންތައްތައް ހާސިލު ކުރުމަކީ ފަސޭހަ ކަމެއް ނޫންކަމެވެ. ރަފާ މި ކާމިޔާބީތައް ހޯދީ ކުރިމަތިވި ހުރިހާ ގޮންޖެހުންތަކާ އެކުވެސް އެއްވެސް ގޮތަކަށް ހިތްވަރު ދޫކޮށް ނުލުމުންނެވެ. އަދި ކުރާ ކޮންމެ ކަމަކަށް ވެސް 100 ޕަސެންޓް ދޭ ކަމަށާއި، އެއްވެސް ކަމަކީ ނުވާނެ ކަމެއް ކަމަށް ބަލައި ހުއްޓާލައިފައި ނޯންނާނެކަމަށް އޭނާ ބުންޏެވެ. ކުޅެން ދާ ހިތް ނުވާ ދުވަސް ތަކާއި ކިޔަވާ ހިތް ނުވާ ދުވަސް ތަކަކީ ކޮންމެ ކުއްޖަކަށް ވެސް އަންނާނެ ދުވަސްތަކެއް ކަން ފާހަގަ ކުރަމުން ރަފާ ބުނީ، އެދުވަސްތަކާވެސް ކުރިމަތިލާން ޖެހޭނީ ނުގުޑާ އަޒުމަކާ ވަރުގަދަ ހިތްވަރަކާ އެކުގައި ކަމަށެވެ.

އާނއެކެވެ. ރަފާ ހޯދި ފަދަ ކާމިޔާބީ ތަކަކީ އެހެން ކުދިންނަށް ވެސް ހޯދޭނެ ކާމިޔާބީ ތަކެކެވެ. ނަމަވެސް ކަމެއް ހާސިލު ކުރުމަށް ޓަކައި ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. ހިތްވަރު އެލުވާ ނުލާ، އަބަދުވެސް މަސައްކަތް ކުރަން ޖެހެއެވެ. "ގިވް އަޕް" ކުރުމަކީ އިހްތިޔާރެއް ކަމަށް ނުދެކި ހިތްވަރާ އެކު މަސައްކަތް ކޮށްފި ނަމަ ކޮންމެ ކުއްޖަކީވެސް ރަފާ ފަދަ ބެސްޓް އޯލް ރައުންޑަރ އަކަށް ވެވިދާނެ ދަރިވަރެއް ކަން ގައިމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!