ރާއްޖޭ ކުޅިވަރު ރިޕޯޓް ކުޅިވަރު

2020: ކުޅިވަރުގެ ހިލަމެއް ނެތް އަހަރެއް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

2020ވަނަ އަހަރަށް ވެސް ދުނިޔެ މަރުހަބާކީ އެހެން އަހަރުތަކެކޭ އެއްފަދައިން އެތައް ބަޔަކު ހެއްވާލަމުންނެވެ. އެތައް ބަޔަކު އެތައް ކަމަކަށް އުއްމީދުތައް އާލާ ކުރަމުންނެވެ. އެގޮތުން، ހުރިހާ ކުޅިވަރެއް ކުޅޭ ކުޅުންތެރިންނާއި ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް 2020 ވަނަ އަހަރަށް ދުށީ ފޮނި ހުވަފެންތަކެކެވެ. އެހާމެ ފޮނި އުއްމީދު ތަކެކެވެ. އެހެންނަމަވެސް މުޅި ދުނިޔެ އެބައްޔެއްގެ ސަބަބުން ހުއްޓުމަކަށް ގެނުވި ނުރައްކާތެރި ކޮރޯނާ ވައިރަހުގެ ރާޅު އަޅުގަނޑުމެންގެ މި ކުޑަކުޑަ ޖަޒީރާ ރާއްޖެއަށް ވެސް ބިންދާލީ އޭގެ ހިލަމެއް ހަމަ އެކަކަށް ވެސް ނުވެ ތިއްބާއެވެ. ކޮވިޑު-19 ގެ މި ބިޔަ ރާޅާއެކު 2020 ވަނަ އަހަރަށް ކުޅިވަރު ކުޅުންތެރިންނާއި، އެސޯސިއޭޝަންތަކުން ދުށް ހުވަފެންތައް ވިއްސި ވިހާލިވެގެން ދިޔައެވެ.

Ads by Sosun Fihaara

ނިމިދިޔަ 2020ވަނަ އަހަރު ހުރިހާ ކުޅިވަރެއްގެ ކުޅުންތެރިންނަށް، ކޯޗުންނަށް، ސަޕޯޓަރުންނަށް، އަދި އެސޯސިއޭޝަންތަކަށް ވެސް ކުޅިވަރުގެ "ހިލަމެއް" ވެސް ނުވެޔޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އާދޭހެވެ. ފާއިތުވެދިޔަ 2020 ވަނަ އަހަރަކީ މުޅި ކުޅިވަރު އާއިލާއަށް ވެސް ބަނަ، ހިތްދަތި އަހަރެކެވެ. އެހާމެ ކަޅު ދުވަސްތަކެކެވެ. 2020 ވަނަ އަހަރު ރާއްޖޭގައި ކުޅިވަރުގެ ހަރަކާތްތައް ދިޔަ ގޮތުގެ މައުލޫމާތު ހޯދައިލުމަށް ޓަކައި "ދެން" އިން ވާނީ ހަތަރު ކުޅިވަރެއްގެ އެސޯސިއޭޝަން ތަކުން އެކްސްކްލޫސިވް އިންޓަރވިއުތަކެއް ކޮށްފައެވެ.

ފުޓްބޯޅަ

ފުޓްބޯޅަ އަކީ ހަމަ ހުރިހާ ދިވެހީންނެއްގެ ލޭނާރާ ގުޅިފައިވާ ކުޅިވަރެއްކަން ގައިމެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ސަބަބުން ފާއިތުވެދިޔަ 2020ވަނަ އަހަރަކީ ފުޓްބޯޅަ އާއިލާއަށް ވެސް ވަރަށް ފަޅު އަހަރެކެވެ. 2019 ވަނަ އަހަރު ނިމި ވިހިވިއްސަށް ގިނަ މުބާރާތްތަކަކާއި ގިނަ ކަންތައްތަކެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރޭވި ނަމަވެސް އެހުރިހާ ކަމެއް ތޮޅިއަށްވީ ކޮވިޑް-19ގެ ސަބަބުންނެވެ.

2020ވަނަ އަހަރަށް ފުޓްބޯޅަ އެސޯސިއޭޝަނުން ގިނަ ކަންތައްތަކެއް ރޭވި ކަމަށާއި އޭގެ ތެރޭގައި ޒުވާން ކުޅުންތެރިން ތަމްރީން ކުރުމާއި، އަންހެން ފުޓްބޯޅަ ކުރިއެރުވުމާއި، އަތޮޅުތެރޭގެ ފުޓްބޯޅަ ކުރިއެރުވުމާއި، ކޯޗުން ތަމްރީން ކުރުމުގެ މަސައްކަތްތަކެއް ވެސް ރޭވިގެން ދިޔަ ކަމަށް އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރ އަހްމަދު ޝަރީފް (ޑުންގާ) "ދެން"އާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. އެހެން ނަމަވެސް އެފްއޭއެމް އިން ރޭވި ހުރިހާ ހަރަކާތްތަކެއްހެން މާރޗްމަހު ކޮވިޑާ ގުޅިގެން ހުއްޓުމަކަށް އައި ކަމަށާއި އޭގެ ތެރޭގައި ޔޫތު މުބާރާތްތަކާއި އަތޮޅު ތެރޭގެ މުބާރަތްތައް، އަދި ވޮމެންސް ކްލަބް ޗެމްޕިއަންޝިޕެއް ވެސް ހިމެނޭ ކަމަށް ޑުންގާ ވިދާޅުވިއެވެ. މީގެ އިތުރުން، ބާވީހަކަށް ކޯޗިން ކޯސް ވެސް އަތޮޅުތެރޭގައި ބާއްވަން މިދިޔަ އަހަރަށް ތާވަލް ކުރި ކަމަށާއި އެހެން ނަމަވެސް އެކަން ވެސް ކޮވިޑާއި ގުޅިގެން ހުއްޓުމަކަށް އައީ ކަމުގައި އޭނާ ވިދާޅުވިއެވެ.

2020ވަނަ އަހަރު އެފްއޭއެމްގެ ހަރަކާތްތަކާ ބެހޭ ގޮތުން "ދެން"އާ ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ މިދިޔަ އަހަރު ތެރޭގައި ދަނޑުމައްޗަށް ނުކުމެގެން މާ ގިނަ ކަންތައްތަކެއް ކުރެވިފައި ނުވި ނަމަވެސް މިދިޔަ އަހަރަކީ އެފްއޭއެމްގެ އިދާރީ މަސައްކަތްތަކަށް ބަލާއިރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތާ ކުރުމަށް "ޕޭޕަރަކަށް" ނެގިފައިވާ އަހަރެއް ކަމުގައެވެ. އަދި ކޮވިޑްގެ ތެރޭގައި އެޗްޕީއޭއާ ދެމެދު އެންމެ ގިނަ ލިޔެކިޔުން ބަދަލު ކުރެވިފައިވާ އެއް މުއައްސަސާއަަކަށް ހަމަ ޔަގީނުން ވެސް އެފްއޭއެމް ވެގެން ދާނެ ކަމުގައި ޖަވާ ވިދާޅުވިއެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެފްއޭއެމްއަށް މަސައްކަތް ކުރެވޭނީ ކިހިނެއްތޯ އަބަދުވެސް ތަނުގެ މުވައްޒަފުން ބަލަމުން ގެންދިޔަ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ދެން އިމޭޖަސް: މުހައްމަދު ޝިފާއު

އެންމެ ބޮޑަށް ލޮކްޑައުން ތެރޭގައި ވެސް މިކޮޅުން (އެފްއޭއެމްއިން) ހުށަހަޅާފައި އޮންނާނީ ދެން ކުރިއަށް އޮތް ތާނގައި ފުޓްބޯޅަ ހަރަކާތްތައް ފެށޭނެ ގޮތާއި ފުޓްބޯޅަ ހަރަކާތުގައި ކަންކަން އޮންނާނެ ގޮތް ބެލުމަށް

ޖަވާ

މީގެ އިތުރުން ޖަވާ ބުނީ ކޮވިޑްގެ ސަބަބުން ގައިޑްލައިންތަކެއް ހެދިފައިވާތީ ފުޓްބޯޅަ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެކަން އެސޯސިއޭޝަނުން ވެސް ގަބޫލުކުރި ކަމަށެވެ. އެހެން ނަމަވެސް ދަނޑުމައްޗަށް ނުނިކުމެވުނު ކަމުގައިވިޔަސް އިދާރީ ގޮތުން އެފްއޭއެމްގެ މަސައްކަތްތައް ދިޔައީ ކުރިއަށް ކަމުގައި ޖަވާ ވިދާޅުވިއެވެ. އަދި އެފްއޭއެމްގެ މަސައްކަތްތައް ކުރިއަށްގެންދިޔައީ ޖެހިގެން އަންނަ ދުވަހުވެސް ދަނޑަށް ނުކުންނަށް ޖެހިއްޖެ ނަމަ ނުކުމެވޭފަދަ ހާލަތެއްގައި ތިބުމަށް ކަމުގައި ވެސް ޖަވާ ވިދާޅުވިއެވެ.

"ދެން"އާ ވާހަކަ ދައްކަމުން އެފްއޭއެމްގެ އެލީޓް އެންޑް ޔޫތު ޑިވަލޮޕްމެންޓްގެ ހެޑް އަހްމަދު ޝާކިރު (ޝާކިއްޓޭ) ވިދާޅުވީ ދަނޑުމައްޗަށް ނުކުމެ ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވުނު ނަމަވެސް އެކަޑަަމީތައް ހަރުދަނާ ކުރުމަށް ނިމިދިޔަ އަހަރު ގިނަ މަަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެކަޑަމީތައް އެކްރިޑިއޭޓް ކުުރުމުގެ މަސައްކަތްތަކެއް އެފްއޭއެމްއިން ކުރި ކަމުގައި ވިދާޅުވިއެވެ. މި މަސައްްކަތުގެ ދަށުން އެފްއޭއެމުން ކުރަން ޖެހޭ ހުރިހާ އިދާރީ މަސައްކަތްތަކެއް މިހާރު ހުރީ ނިމިފައެވެ.

ރާއްޖޭގެ ޒުވާނުންގެ ހުނަރު ކުރިއެރުވުމަށްޓަކައި އެންމެ ފޯރިއާއެކު އަދި ކާމިޔާބުކަމާއެކު ފާއިތުވެދިޔަ އަހަރުތަކުގައި ހިންގުނު އެއް ޕްރޮގްރާމަކީ ޔޫތު ޑިވަލޮޕްމަންޓު ޕްރޮގްރާމް (ވައިޑީޕީ)އެވެ. އެ ޕްރޮގްރާމް އޭއެފްސީ ރިކޮގްނައިޒްޑް ޕްރޮގްރާމަކަށް ހެދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވެސް ނިމިދިޔަ 2020 ވަނަ އަހަރު އެފްއޭއެމް އިން ވަނީ ނިންމާލާފައެވެ. އަދި މިހާރު އޭއެފްސީ ވަން ސްޓާރ ކެޓަގަރީގައި ވައިޑީޕީ ޕްރޮގްރާމް ވަނީ އެކްރިޑިއޭޓް ވެފައެވެ. މިއީ އެފްއޭއެމްއަށް 2020 ވަނަ އަހަރު ހާސިލްވި އެންމެ ބޮޑު އެއް ކަންތައް ކަމުގައި ޝާކިއްޓޭ ފާހަގަ ކުރިއެވެ.

ދެން އިމޭޖަސް: މުހައްމަދު ޝިފާއު

މީގެ ކުރިން ދިވެހިރާއްޖޭގައި ކޯޗިން ކޯސްތައް ހިންގަމުން އައީ ބޭރުގެ އިންސްޓްރެކްޓަރުން ގެނެސްގެންނެވެ. އެހެން ނަމަވެސް 2020 ވަނަ އަހަަރު ކޯޗިން ކޮމިޝަންގެ ދަށުން ދިވެހި އިންސްޓަކްޓަރުންނަށް ބީ ލައިސެންސް ކޯޗިން ކޯސް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށް ޑުންގާ ފާހަގަ ކުރެއްވިއެވެ. އަދި އެއީ މިދިޔަ އަހަރު ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

2020 ވަނަ އަހަރަކީ ޒަމާނީ ޓެކްނޮލޮޖީގެ އިންގިލާބީ ބަދަލެއް ވެސް އެފްއޭއެމްއަށް ގެނެވުނު އަހަރެކެވެ. އެގޮތުން އެފްއޭއެމްގެ މުބާރާތްތައް މިހާރު ހިންގެމުން ދާނީ ފީފާ ކަނެކްޓް ސިސްޓަމް ބޭނުން ކޮށްގެން ކަމުގައި ޖަވާ ފާހަގަ ކުރެއްވިއެވެ. ފީފާ ކަނެކްޓް ސިސްޓަމަކީ މުބާރާތުގައި ރަޖިސްޓްރީ ވުމަށް ވެސް އެފްއޭއެމް އަށް ނުގޮސް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ޒަމާނީ ކަނެކްޓް ސިސްޓަމެކެވެ.

އަތޮޅުތެރޭގައި އުޅޭ ޒުވާން ހުނަރުވެރި ކުޅުންތެރިންގެ ހުނަރު އިތުރަށް ކުރި އެރުވުމަށް ޓަކައި ކުރެވުނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން  ޝާކިއްޓޭ ވިދާޅުވީ ރާއްޖޭގެ 21 އަތޮޅުގެ ތެރެއިން 10 އަތޮޅެއްގައި މިހާރު އެފްއޭމް އެފިލިއޭޓެޑް އެކަޑަމީތައް ގާއިމު ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެއަހަރު ތެރޭގައި މުޅި ދިވެހިރާއްޖޭގައި ހުރި ހުރިހާ އަތޮޅެއްގައި އެފްއޭއެމް އެފިލިއޭޓެޑް އެކަޑަމީތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ވެސް ފާހަގަ ކުރެެއްވިއެވެ. އަދި މި އެކަޑަމީ ތަކަށް އެފްއޭއެމްއިން ފައިނޭޝިއަލް އަދި ޓެކްނިކަލް ސަޕޯޓް ވެސް ދެވިގެން ދާ ކަމުގައި ވެސް ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ފުޓްބޯޅައަށް ވަަރަށް ބޮޑު ހީނަރުކަމެއް އައި ކަމަށާއި އެގޮތުން ކުޅުންތެރިންގެ ފިޓްނަސް އަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެފްއޭއެމްއަށް ކުރިމަތިލާން ޖެހުނު ވަރަށް ގޮންޖެހުމެއް ކަމަށް ޖަވާ ފާހަގަ ކުރެއްވިއެވެ. އަދި ކޮވިޑާ ގުޅިގެން މިދިޔަ އަހަރަކީ މާލީ ގޮތުން ވެސް ހަރަދުތައް ކުޑަކުރަން ޖެހި ވަރަށް ދަތި އަހަރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ގިނަ ކުޅުންތެރިން ހާލުގައި ޖެހުނު ނަމަވެސް އެފްއޭއެމް އިން ވާނީ ކުޅުންތެރިންގެ ކަންތައްތައް ވަރަށް ކައިރިން ބަލައި، ކްލަބްތަކަށް ދޭން ޖެހޭ ސަޕޯޓްތައް ދީފައި ކަމަށެވެ. އަދި މިހާ ހިސާބަށް ވެސް ފުޓްބޯޅަ އާއިލާ "ސަވައިވް" ވެފައި މިވަނީ އެކަމުގެ ސަބަބުން ކަމުގައި ޖަވާ ފާހަގަ ކުރެއްވިއެވެ. އަދި ކޮވިޑްގެ ސަބަބުން ފުޓްބޯޅަ އާއިލާގެ ތެރޭގައި ކުރިއަށްވުރެ ބޮޑަށް އެކުވެރިކަން ބަދަހިވެގެން ދިޔަ ކަމަށާއި އެންމެން ވެސް މަސައްކަތް ކުރަމުން ދަނީ އެއްކޮށް ކަމުގައި ވެސް ޖަވާ ފާހަގަ ކުރެއްވިއެވެ. އަދި އެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ ކޮވިޑްގެ ސަބަބުން ފުޓްބޯޅައަށް އައި ހީނަރުކަމުން އަރައިގަންނަން ލިބުނު އިތުރު ހިތްވަރަކާއި ފުރުސަތެއްގެ ގޮތުގައި ޖަވާ ސިފަކުރެއްވިއެވެ.

ދެން އިމޭޖަސް: މުހައްމަދު ޝިފާއު

ކޮންމެއަކަސް ފުޓްބޯޅަ އާއިލާއަށް ފަޅުކަމެއް ގެނުވި އަދި ހިތްދަތި ދުވަސްތަކެއް ތަހައްމަލު ކުރަން ޖެހުނު ވިހިވިހި މިވަނީ އަޅުގަނޑުމެންނާ އަލްވަދާއު ކިޔާފައެވެ. މިހާރު ކުރިއަށް މިދަނީ އައު އަހަރެކެވެ. ވިހި އެކާވީހެވެ. އެގޮތުން މިހިނގާ ވިހިއެކާވީހަށް ވެސް އެފްއޭމުން ދެކެނީ ފޮނި ހުވަފެންތަކެކެވެ. ކުރަން ނިންމާފައި އެތައް ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ޑުންގާ ވިދާޅުވީ އަތޮޅުތެރޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ސަަރުކާރާއި ގުޅިގެން ވިހިއެކާވީހަށް ގިނަ ކަންތައްތަކެއް ރޭވިފައި އެބަހުރި ކަމަށާއި މިހާރު ވެސް އެމަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށް އެބަ ދާ ކަމަށެވެ.

މީގެ އިތުރުން ވިހިއެކާވީހަށް އިންސާނީ ވަސީލަތް ކުރިއެރުވުމަށްޓަކައި އަތޮޅުތެރޭގައި ކޯޗުން އަދި ރެފްރީން ތަމްރީން ކުރުމަށާއި އެ ތަމްރީންތައް ހިންގުމަށް ބަޔަކު ތައްޔާރު ކުރުމަށް ވެސް ހަރަކާތްތަކެއް ރޭވިފައިވާ ކަމުގައި ޑުންގާ ވިދާޅުވިއެވެ. އެގޮތުން މިމަހު ސައްބީހުން އަށާވީހަށް ކޯޗުން ތަމްރީން ކުރާނެ "ކޯޗަރސް އެޑިއުކޭޓެޑް ޑިވެލޮޕްމަންޓް" ކޯހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކޯސް ހިންގާނީ 2018 ވަނަ އަހަރުގެ ފަހުކޮޅުގައި ތަމްރީންވެފައިވާ ދިވެހި ކޯޗުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި ކޯޗާސް އިންސްޓްރަކްޓަރ ކޯހުގެ ބޭނުމަކީ އަތޮޅު ތެރޭގައި ކޯޗިން ކޯސްތައް ހިންގުމަށް  އަތޮޅުތެރެއިން އިންސްޓްރަކްޓަރުން ގޮސްގެން ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހަމަޖެހުން ކަމުގައި ވެސް ޑުންގާ ފާހަގަ ކުރެއްވިއެވެ. އަމާޒަކީ 2023 ވަނަ އަހަރަށް ކޮންމެ އަތޮޅެއްގައި ވެސް ބީ ނުވަތަ އޭ ލައިސެންސް ކޯޗުން އުފެއްދުން ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

2021 ވަނަ އަހަރަށް ރާއްޖޭގެ ހުރިހާ އެކަޑަމީތަކެއްގެ މެދުގައި މުބާރާތެއް ބޭއްވުމަށް މަޝްވަރާ ކުރެވެމުން ދާ ކަމަށް "ދެން"އާ ވާހަކަ ދައްކަވަމުން ޝާކިއްޓޭ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެފްއޭއެމް އެފިލިއޭޓެޑް އެކަޑަމީތައް ހުރި ސަރަހައްދު ތަކުގައި ފުޓްބޯޅަ ފެސްޓިވަލްތައް ވެސް ބޭއްވުމަށް މަޝްވަރާ ކުރެވެމުން ދާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މީގެ އިތުރަށް ރާއްޖެތެރޭގައި އިންޓަރސްކޫލް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ޕްލޭން ކުރެވިފައި އޮތް ކަމުގައި ވިދާޅުވިއެވެ. އަދި އެ މުބާރާތް ދެގޮތަަކަށް ބޭއްވުމަށް ވާހަކަ ދެކެވިފައިވާ ކަމަށާއި އަދި ވަކި ގޮތެއް ފައިނަލް ނުވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝާކިއްޓޭ ވިދާޅުވީ ޔޫތު މުބާރާތްތަކުގެ ތެރެއިން 2020 ވަަނަ އަހަރަކީ ސޯޅަ އަހަރުން ދަށާއި އަށާރަ އަަހަރުން ދަށުގެ މުބާރާތްތަކެއް ތައާރަފް ކުރުމަށް ނިންމި އަހަރު ކަމަށެވެެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެއިން އެއްވެސް މުބާރާތެއް ވިހިވިހީގައި ތައާރަފް ކުރެވިފައެއް ނުވެއެވެެ. އެހެން ކަމުން 2021 ވަނަ އަހަރު ކުރިންވެސް ކުރިއަށް ގެންދާ ބާރަ އަހަރުން ދަށުގެ އަދި ސާދަ އަހަރުން ދަށުގެ ޔޫތު ލީގާއި އަލަށް ތައާރަފް ކުރާ ސޯޅަ އަހަރުން ދަށުގެ އަދި އަށާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

2021 ވަނަ އަހަރު އަންހެން އިންޓަރސުކޫލް މުބާރާތެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޝާކިއްޓޭ ވިދާޅުވިއެވެ. އަދި އަންހެން ވޮމެންސް ޗެމްޕިއަންޝިޕެއް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވުމަށް މަސައްކަތްތަކެއް ކުރެވުމުން އަންނަ ކަމުގައި ވެސް ފާހަގަ ކުރެއްވިއެވެ. އަދި އަންހެން ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އެފްއޭއެމްއިން ތުއްތު އަންހެންކުދިންނަށް ކުރިއަށްގެންދާ "ގާރލްސް އެކަޑަމީ"ގެ މަސައްކަތް މިހާރު ހުއްޓިފައި ވީ ނަމަވެސް މިމަހު 31ގައި އަލުން ފެށުމަށް ނިންމާފައިވާ ކަމުގައި ވެސް ވިދާޅުވިއެވެ. އަދި ގޯލް ކީޕަރުން ތަމްރީން ކުރުމަށް ގޯލް ކީޕާރސް އެކަޑަމީގެ މަސައްކަތް މިހާރު އަލުން ފެށިފައިވާ ކަމުގައި ވެސް ފާހަގަ ކުރެއްވިއެވެ.

މިއަހަރަކީ އިންޓަރނޭޝަނަލް މުބާރާތްތައް ވެސް ވަރަށް ބިޒީ އަހަރެއްް ގޮތުގައި ޝާކިއްޓޭ ސިފަކުރެއްވިއެވެ. އެގޮތުން 16 އަހަރުން ދަށާއި 19 އަހަރުންދަށުގެ ފިރިހެން އަދި އަންހެން ސާފް ޗެމްޕިއަންޝިޕް މިއަހަރަށް ތާވަލް ކުރެވިފައިވާ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ. އަދި 23 އަހަރުން ދަށުގެ އޭއެފްސީ ކޮލިފައިން ވެސް މި އަހަރަށް ވަނީ ތައާރަފް ކުރެވިފައެވެ. އަދި މީގެ އިތުރުން ފިރިހެން ސީނިއާރ ގައުމީ ޓީމުގެ ސާފް ޗެމްޕިއަންޝިޕާއި ވޯލްޑް ކަޕް ކޮލިފައިން ވެސް މިއަހަރު އޮންނާނެއެވެ.  އެހެންކަމުން ވަރަށް އިސްކަމެއްދީގެން ގައުމީ ޓީމްތަކުގެ ތަމްރީންތައް މި މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި ވަރަށް އަވަހަށް ފެށިގެންދާނެ ކަމުގައި ވެސް ޝާކިއްޓޭ ވިދާޅުވިއެވެ.

އެހެންކަމުން 2021ވަނަ އަހަރަކީ ދިވެހި ފުޓްބޯޅައަށް އައިސްފައިވާ ހީނަރުކަން މުޅިން ފިލައި ގޮސް ފުޓްބޯޅަށް ދިރުން ލިބިގެންދާނެ އަހަރެއް ކަމުގައި ފާހަގަ ކުރެވެއެވެ. އަދި އަޅުގަނޑުމެން އެންމެންގެ އުއްމީދަކީ ވެސް އެއީއެވެ. ފުޓްބޯޅައިން މުޅި ގައުމަށް ފައިދާ ވެގެން ދިއުމެވެ.

ވޮލީ

ވޮލީއަކީ މިއަދު ރާއްޖޭގައި އެންމެ ގިނަ ޒުވާނުން ކުޅެމުން އަންނަ އެއް ކުޅިވަރޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.މި ކުޅިވަރަކީ ދެޖިންސުގެ ޒުވާނުން ވެސް ޖޯޝާއި ފޯރިއާއެކު ކުޅެމުން އަންނަ ވާދަވެރި ކުޅިވަރެކެވެ. އަދި ފާއިތުވެ ދިޔަ ދެތިން އަހަރުގެ ތެރޭގައި، ޒުވާން ހުނަރުވެރި އެތައް ކުޅުންތެރިންނެއް ވޮލީން ވަނީ އުފެދިގެން ގޮސްފައެވެ. އެހެންނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ނިމިދިޔަ 2020 ވަނަ އަހަރަކީ މި ކުޅިވަރަށް ވެސް ވަރަށް ބޮޑު ފަޅުކަމެއް ލިބިގެން ދިޔަ އަހަރެކެވެ.

2020 ވަނަ އަހަރަށް ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ގިނަ ވޮލީ މުބާރާތްތަކެއް ރޭވިގެން ދިޔަ ކަމުގައި، ވޮލީ ބޯޅަ އެސޯސިއޭޝަން ހިންގުމާއި ހަވާލުވެ ހުންނެވި ސާޖިދު "ދެން"އާ ވާހަކަ ދައްވަމުން ވިދާޅުވިއެވެ. އެގޮތުން 2020ވަނަ އަހަރުގެ ކަލަންޑަރުގައި ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ގައުމީ މުބާރާތާއި އިންޓަރ ސުކޫލު މުބާރާތް ފަދަ ފޯރިގަދަ މުބާރާތްތަކެއް ތާވަލު ކުރެވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރެފްރީންނާއި ކޯޗުން ތަމްރީނު ކުރުމުގެ ހަރަކާތްތަކެއް ވެސް ނިމިދިޔަ 2020 ވަނަ އަހަރު ރޭވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ނިމިދިޔަ 2020 ވަނަ އަހަރު ރާވައިފައިވާ އެއްވެސް މުބާރާތެއް އަދި އެއްވެސް ހަރަކާތެއް ކުރިއަށް ގެންދެވިފައިި ނުވާކަމުގައި ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން އަންގައިފައިވާ ގައިޑްލައިނާ އެއްގޮތަށް ވޮލީ ބޯޅަ ކުޅުންތެރިންގެ ތަމްރީނުތައް، ފިޓްނަސް ރަނގަޅަށް ބެހެއްޓުމަށް ޓަކައި، ވަކި ޝެޑިއުލެއްގެ ދަށުން އޮންލައިންކޮށް ކުރިއަށް ގެންދުވުނު ކަމަށާއި، ހުރިހާ ކުޅުންތެރިން ވެސް ފުރަބަންދުގެ ތެރޭގައި އެ ޝެޑިއުލްތަކަށް އަމަލު ކުރަމުން ގެންދިޔަ ކަމަށް ސާޖިދު ފާހަގަކުރެއްވިއެވެ.

2021 ވަނަ އަހަރަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ހަރަކާތްތައް ތާވަލު ކުރެވިފައިވާ ކަލަންޑަރު ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި އެ ކަލަންޑަރު ގެޒެޓު ކުރެވިގެން ދާނެ ކަމުގައި ސާޖިދު ވިދާޅުވިއެވެ. މީގެ އިތުރުން ފާއިތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތް ވޮލީބޯޅައިގެ އަތޮޅު މުބާރާތް މިއަހަރުގެ ކަލަންޑަރުގައި ތާވަލު ކުރެވިފައިވާނެ ކަމަށް ސާޖިދު "ދެން"އާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. އަދި އަތޮޅުތެރޭގައި ވޮލީބޯޅައަށް ކޯޗުންނާއި ރެފްރީން ތަމްރީނު ކުރުމުގެ މަސައްކަތް މިއަހަރުގެ ކަލަންޑަރުގައި ތާވަލުކުރެވިފައިވާނެ ކަމަށް ސާޖިދު ފާހަގަކުރެއްވިއެވެ.

2021 ވަނަ އަހަރަށް ކުރެވޭ އެންމެ ބޮޑު އުއްމީދަކި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކުރައްވައިފައިވާ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅަން ނިންމަވާފައިވާ 21 ވޮލީ ކޯޓުކަމަށް ސާޖިދު ފާހަގަ ކުރެއްވިއެވެ. އަދިވެސް ކޮވިޑުގެ ހާލަތު މުޅިން ސާފުވެފައި ނުވާކަމަށާއި، ކުރިއަށް ވާން އޮތް ގޮތެއް އެނގޭނީ، ކަންތައްތައް ފެށި ކުރިއަށް ދާންފެށުމުން ކަމުގައި ވެސް ސާޖިދު "ދެން"އާ ވާހަކަ ދައްކަވަމުން ފާހަގަކުރެއްވިއެވެ. އެހެންކަމުން 2021 ވަނަ އަހަރަކީ އަތޮޅުތެރޭގައި ވެސް އަދި މާލޭގައި ވެސް ވޮލީގެ ފޯރިގަދަ މުބާރާތްތަކެއް ކުރިއަށް ގެންދެވިގެން ދާނެ އަހަރެއްކަމުގައި އުއްމީދު ކުރެވެއެވެ. އަދި މުޅި ވޮލީބޯޅަ އާއިލާއިން ވެސް ދެކެން ބޭނުންވާނެ މަންޒަރަކީ އެއީ ކަން ޔަގީނެވެ.

ޓީޓީ

ޓީޓީއަކީ އެކުޅިވަރަކުން މުޅި ގައުމު ހެއްވާލަދީފައިވާ ކުޅިވަރެކެވެ. އެގޮތުން 2019 ވަނަ އަހަރުގެ އިންޑިއަން އައިލޭންޑް އޯޝަން ގޭމްސް ގައި ރާއްޖެއަށް ޓީޓީން ވަނީ ރަންވަނަ ތަކެއް ހޯދައދީފައެވެ. 2019 ވަނަ އަހަރުގެ މި ކާމިޔާބީތަކާއެކު، 2020 ވަނަ އަހަރަށް ވެސް ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިްވްސް އިން ދެކުނީ ފޮނި ހުވަފެންތަކެކެވެ. އެހެންނަމަވެސް އެހެން ކުޅިވަރުތަކެކޭ ވެސް އެއްފަދައިން ޓީޓީ އަށް ވެސް ކޮވިޑް-19 ގެ ރާޅުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

އެގޮތުން 2020 ވަނަ އަހަރަށް ޓީޓީ އެސޯސިއޭޝަނުން ގިނަ ކަންތައްތަކެއް ރާވައިފައިވާއިރު، ކޮވިޑް-19 ސަބަބުން ރޭވުނު އެއްވެސް ކަމެއް މިދޔަ އަހަރު ބޭއްވިފައި ނުވާ ކަމަށް ޓީޓީ އެސޯސިއޭޝަން މޯލްޑިވްސްގެ ޖެނެރަކް ސެކެޓްރީ، ޝުޖާއު "ދެން"އާ ވާހަކަ ދައްކަަވަމުން ވިދާޅުވިއެވެ. މޯީގެ އިތުރުން 2020 ވަނަ އަހަރަކީ ޓީޓީގެ އެއްވެސް ބައިނަލްއަގުވާމީ މިބާރާތެއް އޮތް އަހަރަކަށް ނުވުމާއެކު އެކަމުގެ އެއްވެސް އަސަރެއް ޓީޓީއަށް ކޮށްފައި ނުވާ ކަމަށް ވެސް ށުޖާއު ފާހަގަކުރެއްވިއެވެ. ނަމަވެސް ސައުތު އޭޝިއަން ޓީޓީ ޖޫނިއާސް މުބާރާތެއް ބޭއްވުމަށް މިދިޔައަހަރު ހަމަޖެހިފައި އޮތް ކަމަށާއި، ނަމަވެސް އެމުބާރާތް ކޮވިޑް-19ގެ ސަބަބުން ނުބޭއްވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގަ ބާއްވަން އޮތް އެއްވެސް މުބާރާތެއް ނުބޭއްވުނު. މާނައަކީ ގައުމީ މުބާރާތެއް ވެސް އިންޓަރ ސުކޫލު މުބާރާތެއް ވެސް ނުބޭއްވުނު. އެސޯސިއޭޝަން ޗެމްޕިއަންޝިޕެއް ވެސް ނުބޭއްވުނު.

ސުޖާޢު

އަތޮޅުތެރޭގައި ޓީީޓީ ކުރިއެރުވުމަށް އެސޯސިއޭޝަނުން ރާވައިފައި ހުރި ކަންކަމަށް މަޑުޖެހުމެއް އައިސްފައިވާ ކަމަށް ޝުޖާއު "ދެން"އާ ވާހަކަދައްކަވަމުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކޮވިޑާ ގުޅިގެން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުންތެރިންނަށް ޕްރެކްޓިސް ނުކުރެވި ގާތްގަނޑަކަށް 3 މަސް ނުވަތަ 4 މަހާ ގާތްކުރާ ދުވަހެއް ވަންދެން ހުންނަން ޖެހުން ކަމުގައި ވެސް ޝުޖާއު ވިދާޅުވިއެވެ. އެހެންނަމަވެސް ލިބުނު ލުއިތަކާއެކު ޓީޓީ އެސޯސިއޭޝަނުން އެންމެ އިސް ކަމެއް ދީގެން ކުރި ކަމަކީ ޓީޓީ ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށުން ކަމުގައި ޝުޖާއު ފާހަގަކުރިއެވެ، އެގޮތުން ޖުލައި މަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށި މިއަދާ ހަމައަށް ވެސް މެދުނުކެނޑި ފަރިތަކުރުންތައް ކުރިއަށް ގެންދާ ކަމަށް ޝުޖާއު "ދެން"އާ ހިއްސާ ކުރެއްވިއެވެ. 2020 ވަނަ އަހަރު ކޮވިޑު-19ގެ ބަލިމަޑުކަމާއެކު ވެސް ޓީޓީގެ ފަރިތަކުރުންތައް ކުރިއަށް ގެންދެވަކީ ލިބުނު ކާމިޔާބީއެއް ގޮތުގައި ޝުޖާއު ސިފަކުރެއްވިއެވެ.

މީގެ އިތުރުން ޝުޖާއު ފާހަގަކުރެއްވީ 2019 ވަަނަ އަހަރަކީ ޓީޓީއަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށެވެ. އެއަހަރު ތެރޭގައި މިއިން ދުވަހަކު ވެސް ރާއްޖެއަށް ނުލިބޭވަރަށް މެޑަލްތައް ލިބި، ވަރަށް ގިނަ ކުރިއެރުންތައް ލިބިގެން ދިޔަ ކަމުގައި ވެސް ވިދާޅުވިއެވެ. އަދި 2020ވަނަ އަހަރަށް ވެސް ޓީޓީ އާއިލާއިން ކުރީ އެފަދަ ފޮނި އުއްމީދުތަކެއް ކަމަށާއި، ބައިނަލްއަގުވާމީ ބައެއް މުބާރާތްތަކަށް ވެސް ޓާގެޓު ކުރި ކަމަށާއި، ރާއްޖޭގައި ވެސް ފޯރިގަދަ މުބާރާތްތަކެއް ބޭއްވޭނެ ކަމަށް އުއްމީދު ކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަ،ަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެއިން އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދުވުނު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ފުރަބަންދާއެކު ހުރިހާ ކުޅިވަރެއްގެ ވެސް ކުޅުންތެރިން އެ ކުޅިވަރެއް ކުޅުމާއި ދުރުގައި އެތައް ދުވަސްތަކެއް ހޭދަކުރަންޖެހުނެވެ. އެހެންނަމަވެސް ފުރަބަންދާއެކު ވެސް ޓީޓީ ކުޅުންތެރިން ފިޓްނަސް ރަނގަޅު ކުރުމަށްޓަކައި ގޭގައި ތިބެ ވެސް ވަރަށް ގިނަ ޑްރިލް ތަކާއި އެކްސަސައިޒްތައް ހަދައިފައިވާ ކަން ފުރަބަންދުގެ ފަހުން ފަރިތަކުރުންތަކަށް އެކުޅުންތެރިން ނުކުތުމުން ފާހަގަވެގެން ދިޔަ ކަމުގައި ޝުޖާއު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު އިންޓަރނޭޝަނަލް ޓޭބަލްޓެނިސް ފެޑެރޭޝަނުން ބޭއްވު ބައެއް ކަހަލަ އޮންލައިން ހަރަކާތްތަކުގައި ވެސް ޓީޓީގެ ބައެއް ސީނިޔާ ކުޅުންތެރިން ބައިވެރިވި ކަމުގައި ވެސް ޝުޖާއު ވިދާޅުވިއެވެ. އެހެންކަމުން ކުޅުންތެރިން މުޅިން ކުޅުމާއި ދުރުވިކަމުގައި ވެސް ނުބުނެވޭނެ ކަމަށް ޝުޖާއު ފާހަގަ ކުރެއްވިއެވެ.

ޓީޓީއަށް ޅައުމުރުފުރައިގެ ކުޅުންތެރިން ތަމްރީނު ކުރުމަށްޓަކައި ގިނަ ހަރަކާތްތަކެއް މިހިނގާ 2021 ވަނަ އަހަރަށް ރޭވިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގިތުން ސުކޫލުތަކާއި ގުޅިގެން ގިނަ ކުދިންތަކަކަށް ޓީޓީ ކުޅެން ފުރުސަތު ދިނުމުގެ މަސައްކަތްތަކެއް މިއަހަރަށް ރޭވިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން އެމަސައްކަތްތައް މި މަހު ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގައި ވެސް ވިދާޅުވިއެވެ.

ސުކޫލުތަކާ ގުޅިގެން ވައިޑީޕީ ހަރަކާތްތަކަށް ވީހާ ވެސް ގިނަ ކުދިން ގެނެވޭތޯ، އެއީ އޭގެ ތެރެއިން އޭގެ ހެޔޮ އަސަރު އަސްލު ފޯރާނެ އިންޓަރ ސުކޫލަށް ވެސް ކުރިއަށް އޮތް ތަނުގައި ކުދިން ޑެވެލޮޕްކުރުމަށް ވެސް.

ސުޖާއު

މީގެ އިތުރުން ޓީޓީ ފެޑެރޭޝަނާ ގުޅިގެން ރާއްޖޭގައ ޓީޓީގެ އިތުރު ކޯޗުން ތަމރީނު ކުރުމުގެ ހަރާކާތެއް ވެސް ހިންގޭތޯ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ޝުޖާއު ފާހަގަކުރެއްވިއެވެ. އެގޮތުން އަތޮޅުތެރޭގައި ޓީޓީ ކުރިއެރުވުމަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިހާރު ތަމްރީނު ލިބިފައިވާ ކޯޗުން ނެތުން ކަމުގައި ޝުޖާއު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކުޅިވަރު ދަސްކޮށްދޭނެ ބަޔަކު ކޮންމެހެން ވެސް އުފައްދަން ޖެހޭ ކަމަށާއި، ޓީޓީ ކުރިއެރުވުމަށް ކުރެވިގެންދާނެ އެންމެ މުހިންމު ކަމަކީ އެއީ ކަމަށް ޝުޖާެު ވަނީ "ދެން"އާ ހިއްސާކޮށްފައެވެ.

ހަމައެހެންމެ 2021 ވަނަ އަހަރު ރާއްޖޭގައި ޓީޓީގެ ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވޭނެ ކަމުގެ ފެހި ސިގުނަލް މިހާރު ވެސް ލިބިފައިވާ ކަމުގައި ޝުޖާއު އުފަލާއެކު ފާހަގަކުރެއްވިއެވެ. ނަމަވެސް ސީދާ ދުވަސްތައް އަދި ޔަގީން ނުވާ ކަމަށާއި ދުވަސްތައް ޔަގީން ވުމުން މިޑިއާތަކާއި އެމައުލޫމާތުތައް ހިއްސާ ކުރަމުން ގެންދާނެ ކަމުގައި ވެސް ޝުޖާއު ވިދާޅުވިއެވެ. އަދި މިއަހަރަކީ ވަރަށް ޚާއްސަ އަހަރެއް ކަމަށާއި އެގޮތުން 60 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މީގެ އިތުރުން އެސޯސިއޭޝަން ކަޕް، އިންޓަރ އޮފީސް އަދި އިންޓަރ ސުކޫލް މުބާރާތް ފަދަ ފޯރިގަދަ މުބާރާތް ތަކެއް މިއަހަރަށް ރޭވިފައި ވާކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އެހެންކަމުން 2021 ވަނަ އަހަރަކީ ޓީޓީއަށް އަނެއްކާ ވެސް ކާމިޔާބު ވެގެން ދާނޭ އަހަރެއް ކަމުގައި އުއްމީދު ކުރެވޭ ކަމުގައި ޝުޖާއު ފާހަގަ ކުރެއްވިއެވެ.

ބެޑްމިންޓަން

ބެޑްމިންޓަން އަކީ ދިވެހި ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު ކުޅިވަރެކެވެ. މާލޭގައި އަދި އަތޮޅު ތެރޭގައި ވެސް މި ކުޅިވަރަކީ ފޯރިއާއެކު އެތައް ބަޔަކު ކުޅެމުންދާ މުބާރާތެކެވެ. އަދި މިފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބެޑްމިންޓަނުން ވެސް ވަނީ ދިވެހި ގައުމަށް ރަން ވަނަ ތަކެއް ހާސިލު ކޮށްފައެވެ. އެހެން ނަމަވެސް ނިމިދިޔަ ވިހިވިއްސަކީ ބެޑްމިންޓަން އާއިލާއަށް ވެސް ފަސޭހަ އަހަރެއް ނޫނެވެ. އެތައް ގޮންޖެހުންތަކަކާ ކުރިމަތިވި އަހަރެކެވެ.

2020 ވަނަ އަހަރަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ފަރާތުން ވެސް ދުށީ ފޮނި އުއްމީދު ތަކެކެވެ. އެގޮތުން އެ އަހަރަށް ބައިނަލްއަގްވާމީ މުބާރާތަކާއެކު މުޅި ޖުމުލަ 12 މުބާރާތެއް އެސޯސިއޭޝަނުން ރޭވި ކަމުގައި "ދެން"އާ ވާހަކަ ދައްކަވަމުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވިއެވެ. އެހެން ނަމަވެސް މި ހުރިހާ ޕްލޭނެއް ވެސް މާރޗް މަހުގެ ތެރޭގައި ކޮވިޑް-19އާ ގުޅިގެން ބަދަލު ކުރަން ޖެހުނު ކަމުގައި ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

2020ވަނަ އަހަރަށް ބެޑްމިންޓަން އެސޯސިއޭޝަނުން ރޭވި އިންޓާރނޭޝަނަލް ތިން މުބާރަތަކާއި ގައުމީ ފެންވަރުގައި މާލޭގައި އަދި އަތޮޅުތެރޭގައި ބާއްވަން ނިންމި މުބާރާތްތަކަކާއި އަދި އިންޓަރސުކޫލް ހަތަރު ޒޯނެއްގެ މުބާރާތެއް މަޑުޖައްސާލަން ޖެހުނު ކަމުގައި ނާޝިދު ވިދާޅުވިއެވެ. އެހެން ނަމަވެސް މިއިން އެއްވެސް ހަރަކާތެއް ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ކުރިއަށް ގެންދެވިފައެއްް ނުވެއެވެ.

ކޮވިޑް-19ގެ ފުރަބަންދާއެކު ކުޅުންތެރިން ކުޅުމާ ދުރުގައި ތިބެން ޖެހުނު ނަމަވެސް އެސޯސިއޭޝަންގެ ފަރާތުން އެ ކުޅުންތެރިންނަށް ވަނީ ތެރަޕީތަކެއް ދީފައެވެ. އަދި ކޯޗުން މެދުވެރިކޮށް ހުރިހާ ކުޅުންތެރިންގެ ކަންކަން ވެސް ވަރަށް ގާތުން ބަލަމުން ގެންދިޔަ ކަމުގައި ނާޝިދު ފާހަގަ ކުރެއްވިއެވެ.

2021 ވަނަ އަހަރަށް ކަންތައްތައް މިހާރު ޕްލޭން ކުރަމުން ދާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް ބައިނަލްއަގްވާމީ އެއްވެސް މުބާރާތެއްގެ ސިގްނަލެއް ލިބިފައިނުވާ ކަމުގައި ވެސް ނާޝިދު ފާހަގަ ކުރެއްވިއެވެ. އަދި 2021 ވަަނަ އަހަރަށް ގިނަ އުއްމީދު ތަކެއް އެބަހުރި ކަމަށާއި ރާއްޖޭގައި އިންޓާރނޭޝަނަލް މުބާރާތްތަކެއް ބޭއްވުމަށް މިހާރު ތާވަލް ވެސް ކުރެވިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އެއާއެކު، އަތޮޅު ތެރޭގައި އަދި މާލޭގައި މުބާރާތްތަކެއް ބޭއްވުމަށް މަޝްވަރާ ކުރަމުން އަންނަ ކަމުގައި ވެސް ވިދާޅުވިއެވެ. އަދި ފެބްރުވަރީ މަސް ނިމެންވާއިރަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ލޯކަލް ކަލަންޑަރު ޕޯސްޓު ކޮށްލެވޭނެ ކަމަށް އުއްމީދު ކުރާ ކަމުގައި ވެސް ނާޝިދު ވިދާޅުވިއެވެ.

ރާއްޖެތެރޭގައި ބެޑްމިންޓަން ކުރިއެރުވުމަށްޓަކައި ބެޑްމިންޓަން އެސޯސިއޭޝަނުން ނުކުރާ އެއްވެސް ކަމެއް ނޯއްނާނެ ކަމަށާއި 1998އިން ފެށިގެން މެދުނުކެނޑި މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައި ވެސް ބެޑްމިންޓަން ކުރިއެރުވުމަށްޓަކައި އެސޯސިއޭޝަންގެ ފޯރުންތެރިކަން ހުރި މިންވަރަކުން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާނެ ކަމުގައި ނާޝިދު ވިދާޅުވިއެވެ. އެގޮތުން ފުޅާ ދާއިރާގައި ކުޅުންތެރިން އުފެއްދުމާއި ކޯޗުން ތަމްރީން ކުރުމުގެ މަސައްކަތް ގައުމީ ފެންވަރެއްގައި ކުރެވިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މިހާރު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިންގޭ ހަރަކާތްތަކާއި ދެޖިންސުގެ ފަރަގު ކުޑަކުރުމަށް ހިންގޭ ހަރަކާތްތައް ވެސް މިހާރު ފެށިފައިވާ ކަމަށް ފާހަގަ ކުރެއްވިއެވެ.

2021 ވަނަ އަހަރަށް މާ ބޮޑެތި އުއްމީދުތަކެއް ކުރަން އަދި ބޭނުން ނުވާކަމަށާއި އެހެން ނަމަވެސް މަދު ކަންކަމުން ފަށައިގެން ކަލަންޑަރަށް ހަރަކާތްތައް އިތުރުކުރެވޭނެ ފުރުސަތެއް އޮތް ނަމަ އެކަން ކުރާނެ ކަމުގައި ވެސް މޫސާ ނާޝިދު ވިދާޅުވިއެވެ. ސަބަބަކީ ރާއްޖޭގެ ހާލަތުވެސް އަދި ދުނިޔޭގެ ހާލަތު ވެސް އަދި މުޅިން އާންމު ހާލަތަކަށް ނުދާތީ ކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

2020 ވަނަ އަހަރަކީ އެހެން ހުރިހާ ދާއިރާއެކޭ އެއްފަދައިން ކުޅިވަރުގެ ދާއިރާއަށް ވެސް ދަތި އުނދަގޫ އަހަރެކެެވެ. އެހެން ނަމަވެސް އެސޯސިއޭޝަންތަކުން ވަނީ ފުރަބަންދާއެކު ވެސް ކުޅުންތެރިންނާ ގާތްގުޅުމެއް ބާއްވާ އެކުޅުންތެރިންގެ ފިޓްނަސްގެ ކަންތައްތަކަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައެވެ. އަދި މި ހިނގާ 2021 ވަނަ އަހަރަށް ކުޅިވަރު އެސޯސިއޭޝަންތަކުން ދެކެނީ ފޮނި ހުވަފެންތަކެކެވެ. މިދިޔަ އަހަރަކީ ކުޅިވަރުގެ ހިލަމެއް ނުވެ ދިޔަ އަހަރެއް ކަމުގައި ވިޔަސް މި އަހަރަކީ ކުޅިވަރުގެ ޖޯޝުން ގައުމު ހެއްވާލަދޭނެ އަހަރަކަށް ވާނެ ކަމުގައި އުއްމީދު ކުރެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!