ލައިފްސްޓައިލް

ބައެއް މީހުން ހުސްވަގުތު ލިބުމުން ތިބާއާ ވާހަކަ ދައްކާއިރު އަނެއްބަޔަކު ތިބާއާ ވާހަކަ ދެއްކުމަށް ވަގުތު ހުސްކުރޭ، ތަފާތު ދެނެގަނޭ!

ޢާލިމް އަބްދުއްލަތީފް

ޒަމާން ބަދަލުވެއްޖެއެވެ. ޒަމާނީ ޓެކްނޮލޮޖީގެ ޒަރީއާއިން މުޅި ދުނިޔެ ގުޅިފައިވާއިރު ދުނިޔޭގެ އެއް ކަންކޮޅުގައި ހުންނަ ފަރާތަކަށް ދުނިޔޭގެ އަނެއް ކަންކޮޅުގައި ހުންނަ މީހަކާ ވާހަކަ ދައްކާލުމަކީ މިއަދު އުނދަގޫ ކަމަކަށް ނުވެއެވެ. ކުރީ ޒަމާނުގައި ސިޓީ ފޮނުވައިގެން އެ ސިޓީއަށް ޖަވާބު ލިބޭތޯ އެތައް ދުވަހެއް ވަންދެން އިންތިޒާރު ކުރި ނަމަވެސް މާޒީގެ އެ ސަފްހާތަކަށް މިއަދު ހިރަފުސް އަރައިފިއެވެ. ސިޓީ ވަޅު ޖެހި ޒަމާނީ ޓެކްނޮލޮޖީ ދުނިޔެއަށް އުފަން ވެއްޖެއެވެ. ސްމާރޓް ފޯނެއް އަތުގައި އޮތުމަކީ މިއަދު ޒަރޫރީ ބޭނުމަކަށް ވެއްޖެއެވެ. 

ކޮންމެއަކަސް، އެކަކު އަނެކަކާ ވާހަކަ ދައްކާލުން މިހާ ފަސޭހަ ކަމަކަށް ވެފައިވާއިރު ވެސް ބައެއް ފަހަރަށް ފެންނަނީ ހިތާމަ ކުރަން ޖެހޭ މަންޒަރު ތަކެކެވެ. ރަހުމަތްތެރިންގެ ފޯން ކޯލަށް ވެސް ޖަވާބު ނުދެވޭ ތަނެވެ. އެމީހުންގެ މެސެޖުތަކަށް ވެސް އަޅާ ނުލެވޭ ތަނެވެ. މައްސަލަ އަކީ އަހަރެމެންގެ ބިޒީ ޝެޑިއުލެވެ. އެމީހުންނާ ވާހަކަ ދައްކާލައި ހާލު ބަލައިލާނޭ ވަގުތު ކޮޅެއް ވެސް އަހަރެމެންގެ ބިޒީ ޝެޑިއުލުން އަހަރެމެންނަށް ނުހޯދެނީއެވެ. 

ތިބާގެ ގާތް އެކުވެރިއަކު ތިބާ ގުޅުމުން ފޯން ނުނަގައި ހުރޭ ހެއްޔެވެ. އަދި ތިބާއާ ވާހަކަ ދައްކަން ބުނުމުން ނުވަތަ ބައްދަލު ކުރަން ބުނުމުން "ބަހަނާ" ދައްކާ ހެއްޔެވެ. އެހެން ނަމަ އަޑު އަހާށެވެ. ބައެއް މީހުންނަކީ ހަގީގަތުގައި ވެސް ވަރަށް ބިޒީ މީހުންނެވެ. ހުސްވަގުތެއް ހަމަ ނުލިބެޔޭ ބުނެވިދާނެ މީހުންނެވެ. އެހެން ނަމަވެސް ހުސްވަގުތަކީ އައިސް ހުއްޓާ އަތުގައި ހިފާ އެއްޗެއް ނޫނެވެ. އެހެން ކަމުން އެ ހުސްވަގުތަކީ ހޯދަން ޖެހޭ އެއްޗެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ތިބާގެ ރަހުމަތްތެރިޔާ ތިބާއަށް ޓަކައި ހުސްވަގުތު ހޯދަން މަސައްކަތް ނުކުރާ ނަމަ އޭނާއަށް ތިބާ މުހިންމު ނުވަނީއެވެ. 

ހުސްވަގުތަކީ ހަގީގަތުގައި ވަރަށް އަގުހުރި އެއްޗެކެވެ. އަވަދިނެތިވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ހިފުމަށް އަހަރެމެންގެ މާތް ސާހިބާ މުހައްމަދު ޞައްލަﷲ އަލައިހި ވަޞައްލަމަ އުންމަތަށް ނަސޭހަތް ދެއްވާފައިވަނީ ވެސް ކޮންމެވެސް ކަހަލަ ހިކުމަތްތަކެއްގެ ސަބަބުންނެވެ. އެ ނިއުމަތަކީ ގިނަ ބަޔަކު ޣާފިލްވާ ނިއުމަތަކަށް ވާތީއެވެ. 

އެކުވެރިޔާއެވެ. ތިބާ ހުއްޓާލުމެއް ނެތި ތިޔަ ގުޅާ އެކުވެރިޔާއަށް ތިބާ މުހިންމު ނަމަ އޭނާ ތިބާގެ ފޯން ނުނަގައި ނުހުންނާނެ ކަން ޔަގީނެވެ. ކުޑަމިނުން ފަސް ވަރަކަށް މިނެޓް ހުސްކޮށްލައިގެން ނަމަވެސް ތިބާއާ ވާހަކަ ދައްކާލާނެއެވެ. ހުސްވަގުތެއް ލިބެންދެން މަޑެއް ނުކުރާނެއެވެ. މަސައްކަތް ކުރާނީ ތިބާއަށްޓަކައި ވަގުތެއް ހުސްކުރާށެވެ. ދިރިއުޅުމުގައި ރަހުމަތްތެރީންގެ ގޮތުގައި ހިޔާރު ކުރަންވީ މިފަދަ މީހުންނެވެ. އަދި މި ދެބައި މީހުންގެ ތަފާތު ދެނެގަންނަން ދަސްކުރާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!