ޚަބަރު

ކުރީގެ ނައިބު ރައީސް ޖިހާދުގެ ޕާސްޕޯޓު ހިފެހެއްޓީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ދުބާއީއަށް ފުރުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާޠިލްކޮށްފިއެވެ.

ޖިހާދުއާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މައްސަލަ ހުށަހެޅީ، މާލެ އަތޮޅު ފުށިދިއްގަރުފަޅު ކުއްޔަށްދިން މައްސަަލައިގައެވެ. އެގޮތުން ޚާއްޞަ ފަތުރުވެރިކަމުގެ ޒޯނެއްގެ ގޮތުގައި ފުށިދިއްގަރުފަޅު ތަރައްޤީ ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތާ ގުޅިގެން، ޖިހާދުގެ މައްޗަށް، ދަޢުވާ ކުރުމަށް ދަޢުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 25ވަނަ ދުވަހުގައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވިދާޅުވެފައި ވަނީ މި މައްސަލައިގައި ޖިހާދުގެ މައްޗަށް ދަޢުވާ އުފުލާފައި ވަނީ އެމަނިކުފާނު ނައިބު ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފިނޭންސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލު ކޮށްފައި ވާތީ ކަމަށެވެ.

ކުރީގެ ނައިބު ރައީސް ޖިހާދުގެ ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 750،713،604 (ހަތްސަތޭކަ ފަންސާ މިލިޔަން ހަތްސޭކަ ތޭރަހާސް ހަސަތޭކަ ހަތަރު) އެމެރިކާ ޑޮލަރު އުނި ވެފައިވާ ކަމަށް ތަހުޤީޤުން ވަނީ ހާމަކޮށްފައެވެ. މިމައްސަލައިގައި ޖިހާދުގެ މައްޗަށް ދަޢުވާކޮށް އެމަނިކުފާނުގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

ކްރިމިނަލް ކޯޓުން އެގޮތަށް އަމަލުކުރީ ރާއްޖެއިން ބޭރަށް ވަޑައިގެންފި ނަމަ އެމަނިކުފާނު ފިއްލަވާފާނެކަމުގެ ފުރުސަތު އޮތުމުން ކަމަށް ވިދާޅުވިއެވެ.ކްރިމިނަލް ކޯޓްގެ އެޢަމުރު، ޖިހާދުގެ ފަރާތްޕުޅުން ހައިކޯޓްގައި އިސްތިއުނާފް ކުރުމުން، އެކޯޓުން މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ އިއްތިފާޤުން މިއަދު ކުރި ޙުކުމުގައި ވަނީ ޖިހާދުގެ ފަރާތުންނާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކްރިިނަލްކޯޓުން ކޮށްފައިވާ އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އެހެންކަމުން، އެއަމުރަކީ ބާޠިލު ޢަމުރެއް ކަމަށް ވެސް ހައިކޯޓްގެ ޙުކުމުގައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!