ޕްރައިމަރީ ޓީޗަރުން ތަމްރީންކުރުމަށް 15 ސްކޮލަރޝިޕްގެ ފުރުޞަތު
ޕްރައިމަރީ މުދައްރިސުން ތަމްރީން ކުރުމަށް އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ފަންޑުން ޚަރަދު ކުރާ ގޮތަށް 15 ސްކޮލަރޝިޕްގެ ފުރުސަތު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕްތައް އަމާޒުކޮށްފައި ވަނީ ޕްރައިމަރީ ޓީޗަރުން މަދު 60 ރަށަކަށެވެ. މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 30 މުދައްރިސުން ތަމްރީން ކުރެވޭނެއެވެ.މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިހާރު ހުޅުވާލާފައިވާއިރު އެމިނިސްޓްރީން ވިދާޅުވީ، މި ސްކޮލަޝިޕްއަށް ހޮވޭ މުދައްރިސުން ތަމްރީން ކުރާނީ ޤައުމީ ޔުނިވަރސިޓީން، މި ވަގުތަށް ޤައުމަށް ބޭނުންވާ މީހުން ބިނާކުރުމަށް ކުރިއަށްގެންދަވާ ޚާއްސަ ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ކަމަށެވެ.
މި ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު އުޅެންޖެހޭ އެއްވެސް ވަޒީފާއެއް އަދާ ނުކުރުން ހިމެނެއެވެ. މީގެ ބޭނުމަކީ މި ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުން އުނގެނުމަށް ހޭދަކުރާ ވަގުތު އިތުރުކޮށް، ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ.
މި ސްކޮލަރޝިޕާއެކު އެލަވަންސްއެއްގެ ގޮތުގައި މަހަކު 5000 ރުފިޔާ ލިބިގެންދާނެއެވެ. އަދި ސްކޮލަރޝިޕް ލިބޭ ފުރަތަމަ މަހު އެސްޓެބްލިޝްމަންޓް ގްރާންޓްއެއްގެ ގޮތުގައި ދެވޭ 5000 ރުފިޔާގެ އިތުރުން ފޮތާއި އެހެނިހެން ތަކެތި ގަތުމަށް ކޮންމެ ސެމިސްޓަރއެއްގައި 5000 ރުފިޔާ ލިބޭނެއެވެ.