10 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ބްރެޒިލުން ރާއްޖެ އައި ދެ މީހެއްގެ އަތުން ގިނަ އަދަދެެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި މީގެތެރެއިން އެކަކީ މިދިޔަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެ އައި މީހެއް ކަމަށާއި އެއީ 23 އަހަރުގެ މީހެއް ކަމަށެވެ. އަދި އެމީހާގެ އަމަލުތައް ހުރި ގޮތުން އެމީހާ ފާސްކުރުމުން އެމީހާގެ ލަގެޖުން 2.46 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
ދެވަނަ މީހާ އަކީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ރާއްޖެ އައި މީހެކެވެ. އެމީހާ ވަނީ ހަށިގަނޑު ތެރެއަށް 66 ކެޕްސޫލް ފޮރުވައިގެން ރާއްޖެ އެތެރެ ކުރުމަށް މަސައްކަތް ކޮށްފައިވާއިރު އެމީހާ ވެސް ފާސްކޮށްފައިވަނީ އޭނާގެ އަމަލުތައް ހުރި ގޮތުންނެވެ. މީގެ ތެރެއިން އެކަކު ބުރެޒިލަށް ނިސްބަތްވާއިރު އަނެކަކީ ލެޓްވިއާ މީހެކެވެ.
ކަސްޓަމްސް އިން އަތުލައި ގަތް މަސްތުވާތަކެތީގެ އަގު 10 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.