ބަލާނެ މީހަކު ނުވެ މަގުމަތިވި އަލިފުތާ، ދައުލަތުގެ ބެލުމުގެ ދަށަށް
ގއ. މާމެންދޫ ގައި ބަލާނެ މީހަކު ނުވެ މަގުމަތިވި އަލިފުތާ، އެންމެ ފަހުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފިއެވެ.
އުމުރުން 80 އަހަރުގެ އަލިފުތާގެ އާއިލާ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން އޭނާ ބަލަހައްޓަމުން ދިޔަ މީހުން ވަނީ އޭނާ ގެއިން ނެރެލާފައެވެ. އެނގިފައިވާ ގޮތުގައި ފަހުން އަލިފުތާ ބަލަހައްޓަމުން ދިޔައީ މާމެންދޫ ކައުންސިލުންނެވެ.
އަލިފުތާ ބަލާނެ މީހަކު ހޯދަން އެރަށު ކައުންސިލުން އިއުލާނު ކުރުމުން، އެކަމަށް ދެ މީހަކު އިސްނެގި ކަމަށް ވެސް ކުރިން މައުލޫމާތު ލިބިފައިވެއެވެ. އޭނާ ބަލަން އެއިރު ހަވާލުވީ މާމެންދޫ މީހަކާއި ދާންދޫ މީހެކެވެ. އެގޮތުން ދާންދޫން ހަވާލުވާން އެދުނު މީހާ ބޭނުންވީ އަލިފުތާ އެރަށަށް ގެންގޮސް ބަލައި ދިނުމަށް ކަމަށް އެއިރު މާމެންދޫގެ ޒިންމާދާރު ވެރިޔާ އަބްދުﷲ ޖަލީލް އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.
މާމެންދޫން އަލިފުތާ ބަލައިދޭނެ ކަމަށް ބުނި ފަރާތުން ބޭނުންވީ އަލިފުތާގެ ގޭގައި އޭނާ ބަހައްޓައިގެން ބަލަން ކަމަށް ވެސް މައުލޫމާތު ލިބުނެވެ.
ނަމަވެސް އެއިރު އެމީހުންނާ އަލިފުތާ ބަލަން ހަވާލު ނުކުރީ ޖެންޑާ މިނިސްޓްރީ އާއި ކޯޓުގައި އެމައްސަލަ ބަލަމުންދާތީ ކަމަށް ވެސް ޖަލީލް ވިދާޅުވެފައިވެއެވެ.
އަލިފުތާ ބެލުމަށް އޭނާގެ ވާރިސުންގެ މައްޗަށް ކޯޓުން އަމުރު ކުރުމުން ވެސް، އޭނާގެ ވާރިސުން އޭނާއާ ހަވާލު ނުވި ކަމަށް ވެސް ކައުންސިލުން ކުރިން ބުނެފައިވެއެވެ.
ޖެންޑާގެ ފަރާތުން އަލިފުތާ މިހާރު މާލެ އަށް ގެންގޮސްފައިވާ ކަމަށް އެރަށު ކައުންސިލު ރައީސް ޒައީމު ވިދާޅުވެފައިވާއިރު، އޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވަނީ އަލިފުތާ ގެންގޮސްފައިވަނީ ގުރައިދޫ މަރުކަޒަށް ކަމަށް އެނޫހަށް އެނގިފައިވާ ކަމަށެވެ.
މީގެކުރިން މީހަކާ ހަވާލު ކޮށްގެން އަލިފުތާ ބަލަން ކައުންސިލުން ހަވާލު ކުރިއިރު، އޭނާއަށް ކާން ދިނީ އަމިއްލަ ފަރާތަކުންނެވެ.