ލައިފްސްޓައިލް

އެތައް ސަތޭކަ ރީތި މޫނުތަކަކަށް ވުރެ ރީތި އެންމެ ހިތެއް މާ ހިތްގައިމެވެ.

ދެން އެމްވީ ، ދެން އޮންލައިން

"އޭ ހަސަން މީހަކާއި އިނދެފިއޯ. ވަރަށް ހިކި ދޮން ކުއްޖަކާ ޔޯ އިނީ. ހަމަ ހޫރު ޕަރީއެކޭ ކިޔާ އަޑު އެހިން..."

Ads by MWSC

މިއީ އަހަރެމެންގެ ތެރޭގައި އާއްމުކަމެކެވެ. މީހަކު ކައިވެންޏެއް ކުރުމުން ނުވަތަ މީހަކަށް ދަރިއެއް ލިބުމުން ވެސް އެންމެ ފުރަތަމަ ސުވާލު އުފައްދާނީ އެމީހެއްގެ ނުވަތަ އެކުއްޖާގެ ސިފައަށެވެ. އެއީ ވަރަށް ދޮން ކުއްޖެއްތޯ އަހާނެއެވެ. ކައިވެނި ކުރީ ވަރަށް ފަލަ ނުވަތަ ހިކި މީހަކާތޯ ބަލާނެއެވެ. ބޭރުފުށުން ރީތި އެއްޗެހި ނުވަތަ ރީތި މީހުން ފަހަތުން ދުވުމަކީ ބައެއް އިންސާނުންގެ ތަބީއްޔަތުގައި ވާ ކަމެކެވެ.

ޝައްކެއް ވެސް ނެތެވެ. މާތް ﷲ އިންސާނުން ހައްދަވާފައި ވަނީ އެންމެ ރީތި ސޫރައިގައެވެ. ކޮންމެ މީހަކީ ވެސް އެމީހެއްގެ ޒާތުގައި ވަރަށް ރީތި މީހެކެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އިންސާނާގެ އިނގިލިތަކުގެ ކުރި ބަދައިގައިވާ ނިޝާން އެއްގޮތް ނުވާ ބީދައިން، އެންމެންގެ މޫނުގެ ކުލައާއި އަދި ސިފަ ވެސް އެއްގޮތް ނުވާނެ ކަމެވެ.

އިސްލާމް ދީން ބާރު އަޅަނީ އަހަރެމެންގެ ދިރިއުޅުމުގައި ބައިވެރިންގެ ގޮތުގައި ބޭރުފުށުން ރީތި މޫނުތަކެއްގެ ވެރިން ގެންގުޅޭކަށް ނޫނެވެ. ކުރިއަރާފައިވާ މިޒަމާނުގައި މޭކަޕް ކޮށްގެން މޫނު ދޮންކޮށް ރީތި ވުމަކީ އެހާ ބޮޑު ކަމެއް ނޫނެވެ. މީހާ ކިތަންމެ ރީތި ވިޔަސް އެމީހާ ގައިގައި ރީތި އަޚްލާގެއް އަދި ރަނގަޅު އުޅުމެއް ނެތްނަމަ، އެމީހާއަށް ލިބިފައިވާ ރީތިކަމަކީ ބޭކާރު އެއްޗެކެވެ. ތިބާއަށް ކިރިޔާ ވެސް ފައިދާއެއް ކުރާނީ ހެޔޮ އަމަލު ގިނަ ކޮށްގެންނެވެ. ރަނގަޅު ހަރުދަނާ ދިރިއުޅުމެއް އުޅެން ދަސްކޮށްގެންނެވެ. ޒިންމާދާރު މީހަކަށް ވެގެންނެވެ. ދުނިޔެއަށް ވުރެ އާޚިރަތަށް އިސްކަންދީގެންނެވެ.

ބަލައިލަން ކިތަންމެ ރީތި މީހަކު ކަމުގައި ވިޔަސް އެމީހަކަށް ދީނުގެ ރުކުންތަކަށާއި، އުސޫލްތަކަށް ތަބާ ނުވެވޭނަމަ އެމީހާގެ ރީތި ކަމުގެ އެއްވެސް ފައިދާއެއް އެބައޮތް ތޯއެވެ؟ ނަމާދެއް ނުކޮށް ގުރުއާން އަކުރެއް ނުކިޔަވާ ދުނިޔެވީ އުފާތައް ހާސިލުކުރުމުގައި ހޭބޯނާރާ އުޅޭނަމަ ތިބާއަށް ވާނެ ފައިދާއެއް އެބަ އޮތްތޯއެވެ؟ އެއްވެސް ފައިދާއެއް ނުވާނެއެވެ. ދުނިޔޭގައި ވެސް އާޚިރަތުގައި ވެސް އޭރުން ތިބާ އާއި ބައްދަލުކުރާނީ މާޔޫސްކަމާއި މޮޅިވެރިކަމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!