ފަލަސްތީނު ރައްޔިތުންނަށް އިސްރާއީލުން ވެކްސިން ނުދޭނެކަން ހާމަކޮށްފި

ފަލަސްތީނުގެ 4 މިލިއަން ރައްޔިތުންނަށް ކޮވިޑް-19 ވެކްސިން ނުޖަހަން އިސްރާއީލުން ނިންމުމާ ގުޅިގެން އެގައުމަށް ގިނަ ގައުމުތަކުގެ ފާޑު އަމާޒުވެއްޖެއެވެ.
ފާއިތުވި ހަފްތާގެ ތެރޭގައި އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މާޗުގެ ނިޔަލަށް ހުރިހާ ރައްޔިތުންނަށް ކޮވިޑް ވެކްސިން ދީ ނިންމުމަށް ބޭނުންވާ ކަމަށް ބުނެފައެވެ.
އެގޮތުން އެގައުމުގައި ދިރިއުޅޭ އަރަބި ރައްޔިތުންނާއި ފަލަސްތީނުގެ ރައްޔިތުން ވެސް ވަނީ ވެކްސިން ދޭ ލިސްޓުގައި ހިމަނާފައެވެ. ނަމަވެސް ހުޅަނގު އައްސޭރި އަދި ގައްޒާގެ ރައްޔިތުން މި ލިސްޓުގައި ހިމަނާފައެއްނުވެއެވެ.
ފައިޒާ/ބަޔޯއެންޓެކް ވެކްސިން އިޒްރޭލުގައި ދެމުންދާއިރު، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އިޒްރާއީލުން ވެކްސިން ދީފައި ވަނީ ހަމައެކަނި އެސަރަޙައްދުގައި އުޅޭ ޔަހޫދީންނަށް އެކަންޏެވެ.
ވެސްޓް ބޭންކު އަދި ގައްޒާގެ ރައްޔިތުންނަށް ވެކްސިން ދޭން އިސްރާއީލުން ދެކޮޅު ހަދާފައިވުމުން ފަލަސްތީނުން ވަނީ އިސްރާއީލުން ނަސްލީ ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ، ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
ވެކްސިން ދިނުމުގެ ޕްރޮގްރާމް އިޒްރޭލުގައި ފެށިތާ މިހާރު ތިން ހަފްތާ ވެފައިވާއިރު، އެޤައުމުން ދުވާލެއްގެ މައްޗަށް 150،000 މީހުންނަށް ދަނީ ވެކްސިން ދެމުންނެވެ. އާބާދީ ގައި ނުވަ މިލިއަން ހިމެނޭ އިޒްރޭލުގެ އެއް މިލިއަން މީހުންނަށް މިހާރު ވެސް ވަނީ ވެކްސިން ދީ ނިމިފައެވެ.