ލައިފްސްޓައިލް

މާޒީ ހަނދާން ނައްތާލި ނަމަވެސް ލިބުނު ފިލާވަޅު އަބަދުވެސް ހަނދާން ކުރާށެވެ!

ދެން އެމްވީ ، ދެން އޮންލައިން

ދިރިއުޅުމަކީ އިމްތިހާނެކެވެ. މި އިމްތިހާނުން ފާސް ވެގެން އާހިރަތް ކާމިޔާބު ކުރެވޭނީ ވަރަށް ހިތްވަރު ގަދަ އަދި އީމާންތެރިކަން ވަރުގަދަ މީހުންނަށެވެ.

Ads by Sosun Fihaara

ޝައްކެއް ވެސް ނެތެވެ. މި ވަގުތީ ފާލަމުގައި ހަޔާތުގެ ދުވަސްތައް ކަޑައްތު ކުރަމުން ދާއިރު، އެކިކަހަލަ ތަފާތު ތަޖުރިބާ ކުރަން ޖެހޭނެއެވެ. އުމުރު ދުވަހު އެކަމުން ފިލާވަަޅު ނެގޭނެ ކަންކަމާ ދިމާވާނެއެވެ. ކޮންމެ މީހެއްގެ ވެސް މާޒީގައި ވަރަށް ގިނަ ކަންކަމާ ދިމާވެފައި ހުންނާނެއެވެ. ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެ އެތައް އުފާވެރި އަދި ހިތާމަވެރި ތަޖްރިބާތައް ކޮށްފައި ހުންނާނެއެވެ.

ތިބާގެ ދިރިއުޅުމުގައި ކުރިން ވެފައިވާ ކަމެއް ނުވަތަ ކުރެވިފައިވާ ކުށެއް މަތިން އަބަދު ވިސްނައިގެން، ކުރިމަގު ބަނަ ކޮށްލުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫނެވެ. މާޒީގައި ކުރިމަތި ލާން ޖެހުނު ނާކާމިޔާބީއެއްގެ ސަބަބުން އުމުރު ދުވަހު ތިމާއަކީ ބޭކާރު މީހެއް ކަމަށް ހިތުލައިގެން އެކަމުގައި ހޭދަކޮށްލުމަކީ ކުރަން ހެޔޮ ވާ ވަރު ކަމެއް ނޫނެވެ. ނުވަތަ ތިބާއަށް ކުރިން މީހަކު ލަނޑެއް ނުވަތަ ހިތާމައެއް ދިނުމުން، މުސްތަގްބަލުގައި ތިބާގެ ދިރިއުޅުމަށް އަންނަ އެންމެން ކިބައިން އެކަމަށް ބަދަލު ހިފުމަކީ ގޯސް ކަމެކެވެ.

މާޒީގެ ސަބަބުން ތިބާގެ މުސްތަގްބަލް ބަނަ ނުކުރާށެވެ. އެހެން ނަމަވެސް، ވޭތުވެދިޔަ ދުވަސްތަކުގައި ތިބާ ކުރި ތަޖްރިބާތަކުން ލިބުނު ފިލާވަޅު އަބަދުވެސް ހަނދާން ކުރާށެވެ. މާޒީގައި ހިނގާ ދިޔަ ކަންކަން ހަނދާނުން ފޮހެލިޔަސް އެ ކަންކަމުން ތިބާއަށް ލިބުނު ފިލާވަޅު ކުރިއަށް އޮތްތަނުގައި ދިމާވާ ކަންކަމުން ސަލާމަތް ވުމަށް ބޭނުން ކުރާށެވެ. ކޮންމެ އިންސާނަކަށް ވެސް ކުށް ކުރެވޭނެއެވެ. އެހެން ނަމަވެސް ތިބާއަށް ކުރެވޭ ކުށްތައް އިސްލާހު ކޮށް އެކަމުން ފިލާވަޅު ނަގައިގެން ކުރިއަށް ދިއުމަކީ ފާގަތި ދިރިއުޅުމެއް ހޯދުމަށް އެޅޭނެ ބިންގަލެކެވެ.

މާޒީގައި އަހަރެމެންނަށް އެކި މިޒާޖުގެ މީހުންނާ ވެސް ދިމާވެފައި ހުންނާނެއެވެ. އަހަރެމެންނަށް ދެރަޔާއި ހިތާމަ ދިން އެތައް މީހުން ވެސް ތިބޭނެއެވެ. އެހެން ނަމަވެސް، އެކަން ހިތުގައި ބާއްވައިގެން އުމުރު ދުވަސް އޭނާއަށް ނަފްރަތު ކުރުމުގައި ނަގައި ނުލާށެވެ. އޭގެ ބަދަލުގައި އޭނާއަށް މާފުކުރާށެވެ. އެހެން ނަމަވެސް އޭރު އޭނަ ކަންތައް ކުރިގޮތުން ފިލާވަޅު ނަގައިގެން ކުރިމަގުގައި އެފަދަ ގޮތަކަށް ތިބާއާ ދޭތެރޭ ކަންތައް ކުރުމުގެ ފުރުސަތު މީހަކަށް ނުދޭށެވެ. މާޒީ ހަނދާން ނައްތާލި ނަމަވެސް އެއިން ލިބުނު ފިލާވަޅު ދުވަހަކު ވެސް ހަނދާނުން ފިލައިގެން ދިޔަ ނުދޭށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!