ދީން

ބާތިލު ގޮތުގައި މީސްތަކުންގެ މުދާ ކައި އުޅޭ މީހުންނަށް މި ދުނިޔެ މަތީގައި ވެސް ކުރިމަތިލާން ޖެހޭނީ ސުންޕާ ކަންތައްތަކާ: ޚުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މީސްތަކުންގެ މުދާ ރައްކައުތެރިކުރުމަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. އެއީ އިސްލާމްދީނުގެ މަގްސަދުތަކުގެ ތެރެއިން މަގްސަދެއް ވެސް މެއެވެ. އަދި އެ މަގްސަދަށް ޓަކައި މީސްތަކުންގެ މުދާ ހަރާމް ގޮތުގައި ކެއުން ވަނީ ހަރާމް ކުރައްވާފައެވެ. އަދި ވައްކަމާއި ފޭރުން ފަދަ ކަންކަން ވަނީ ބޮޑެތި ފާފަތައް ކަމުގައި ކަނޑައަޅުއްވާފައެވެ. މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ހަލާލު ގޮތުގައި މުދާ ހޯދުން" މިއެވެ.

Ads by MWSC

ވައްކަމާއި، ފޭރުމާއި، މަކަރާއި ހީލަތުން މީސްމީހުންނާއި ދައުލަތުގެ މުދަލަށް އަރައިގަތުމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި އަށަގަނެފައިވާ ވަރަށް ބޮޑު އިޖުތިމާއީ ބައްޔެއްގެ ގޮތުގައި ހުތުބާގައި ސިފަކުރިއެވެ. އަދި މި ބަލީގެ ސަބަބުން ގެއްލިގެން ދަނީ ވަކިވަކި ފަރުދުންގެ ހައްގުތައް އެކަނި ނޫން ކަމަށާއި ވިޔަފާރިތަކާއި، ކުންފުނިތަކާއި، ދައުލަތުގެ އޮފީސްކާއި މުއައްސަސާތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބެމުންދާ ކަމުގައި ހުތުބާގައި ފާހަގަ ކުރިއެވެ.

ވައްކަމާއި ނަހަމަ ގޮތުގައި ފައިސާ ހޯދުމުގެ ވަބާ އަކީ މުޖުތަމައުތައް ފަސާދަކޮށް، ނެތިކޮށްލާ ވަބާތަކުގެ ތެރެއިން އެއް ވަބާ ކަމަށާއި މިއަދު ގައުމުތަކަށް ވަނީ މިވަބާއަށް ވެކްސިނެއް ހޯދުމުގައި ނާކާމިޔާބު ވެފައި ކަމުގައި ވެސް ހުތުބާގައި ފާހަގަ ކުރިއެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ ވައްކަމާއި ނަހަމަ ގޮތްގޮތުން ފައިސާ އާއި މުދާ ހޯދާ މީހާއަށް، އެހޯދާ ތަކެތިން ވަގުތީ އުފަލެއް ލިބުނު ކަމުގައި ވިޔަސް، އެތަކެތި ވެގެންދާނީ އޭނާގެ އަނބިމީހާގެ ހަލާކަށް ކަމުގައެވެ. އަދި ﷲ ތައާލާ އެމުދަލުގައި ބަރަކާތް ނުލައްވާނެ ކަމަށާއި އެއިން ލިބޭ ވަގުތީ މަންފާއަށްވުރެ ގެއްލުން މާ ބޮޑުވެގެން ވާނެ ކަަމަށް ހުތުބާގައި އިތުރަށް ފާހަގަ ކުރިއެވެ.

"ފައިސާ އާއި ދުނިޔޭގެ އެދުންތަކާއި، ދަޅަތަކަކީ ދާދި އަވަހަށް ނެތި ފަނާވެގެން ދާނެ ތަކެއްޗާއި ކަންކަމެވެ. ބާތިލު ގޮތުގައި މީސްތަކުންގެ މުދާ ކައި އުޅޭ މީހުންނަށް މި ދުނިޔެ މަތީގައި ވެސް ކުރިމަތިލާން ޖެހޭނީ ސުންޕާ ކަންތައްތަކާއެވެ." ހުތުބާގައި އިތުރަށް ބުނެފައިވެއެވެ،

ހަމަ އެހެންމެ ސުންޕާ ކަންތައްތަކާ އެފަރާތްތަކަށް ކުރިމަތިލާން ޖެހޭނެ ކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ  އޭގެ ތެރޭގައި އޭނާގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންގެ ބަދު ދުއާއިން އޭނާ ސަލާމަތް ނުވުން ވެސް ހިމެނިގެން ވާ ކަމަށެވެ. ހަމަ އެހެންމެ ބާތިލު ގޮތުގައި މުދާ ކައި އުޅޭ ނަމަ ނަތީޖާއެއްގެ ގޮތުން ﷲ ތައާލާއާ އޭނާއާ ދެމެދު އޮންނަ ގުޅުން ކެނޑިގެން ދާ ކަަމަށް ހުތުބާގައި ފާހަގަ ކުރިއެވެ. އަދި ކިތަންމެ ބޮޑު ކަމެއް ދިމާވެގެން ﷲގެ ހަޒްރަތުގައި ދެންނެވި ކަމުގައި ވިޔަސް އޭނާގެ ހަށިގަނޑުގައި ހަރާމްތަކެތި ކައިގެން އުފެދުނު މަސް ޖަހާފައި ހުރިހާ ހިނދަކު އޭނާގެ ދުއާ އިޖާބަ ނުކުރައްވާނެ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!