ކުޅިވަރު

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖު: ރާއިފްގެ ހުށިޔާރު ސޭވްތަކާއެކު ބުރު އެސްސީއަށް އުނދަގޫ މޮޅެއް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅެވުނު ދެވަނަ މެޗުގައި އޭޖީ އެފްސީއާ ވާދަކޮށް ބުރު ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފިއެވެ. ފޯރިގަދަ  ކުޅުމެއް ފެނިގެން ދިޔަ މި މެޗު ނިމިގެން ދިޔައީ 2-1ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ، ބުރު އެސްސީ އިން ވަނީ އެމީހުންގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްފައެވެ. އެޓީމަށް މި ގޯލު ކާމިޔާބުކޮށްދިނީ ޖާރޒީ ނަންބަރު 23، އަލީ ހަމްދާން (އައްޔަ) އެވެ.

މި ގޯލަށް ފަހު ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެޓީމުގެ ފަރާތުން ވެސް އިދިކޮޅު ޓީމުގެ ގޯލަށް ގިނަ ހަމަލާތަކެއް ވަނި ފޮނުވައިލައިފައެވެ. އަދި ބުރު އެސްސީ އިން ވަނީ ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފައި، އިތުރު ގޯލެއް ޖަހައި ހާފު ނިމުމުގެ ކުރިން ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، ޖާރޒީ ނަންބަރު 7، އަހުމަދު މަހްމޫދެވެ.

މަހްމޫދުގެ މި ލަނޑާއެކު، މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-0 ގެ ނަތީޖާއަކުން ބުރު އެސްސީ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެން އެންމެ ފުރަތަމަ އޭޖީ އެފްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. އަދި ހާފް ފަށައިގެން މާ ގިނައިރުތަކެއް ނުވެ އެޓީމުން ގޯލެއް ކާމިޔާބު ކޮށް ނަތީޖާގެ ފަރަގު ކުޑަ ކުރިއެވެ. އެ ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާރޒީ ނަންބަރު، 14، އަބްދުލް ސަމީއު ހަސަނެވެ.

އޭޖީ އެފްސީގެ މި ގޯލާއެކު، އެ ޓީމުން ވަނީ އިތުރު ފުރުސަތު ތަކެއް ތަނަވަސް ކޮށްފައެވެ. ނަމަވެސް މި ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުނީ ބުރު އެސްސީގެ ކީޕަރު ރާއިފްގެ ހުށިޔާރު ސޭވްތަކުގެ ސަބަބުންނެވެ. ދެވަނަ ހާފުގައި ބުރު އެސްސީގެ ފަރާތުން ފެނިގެން ދިޔައީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން އުޅުނު މަންޒަރެވެ. އަދި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ވެސް ބުރު އެސްސީއިންނެވެ.

މެޗު ނިމެން 5 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް އޭޖީ އެފްސީގެ ޖާރޒީ ނަންބަރު 9 އަޒްލިފްއަށް ވަނީ ގޯލް ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް އެ ހަމަލާ ބުރު އެސްސީގެ ކީޕަރު މުހައްމަދު ރާއިފް ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބުރު އެސްސީގެ ގޯލް ކީޕަރު މުހައްމަދު ރާއިފް (ނަޓޭ) އެވެ. އޭނާ އަކީ މީގެ ކުރިން އެކި އުމުރުފުރާ ތަކުގެ ގައުމީ ޓީމުތަކަށް ވެސް އޭނާ ކުޅެފައިވާ ޒުވާން ކީޕަރެކެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!