ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި ޕާކިސްތާނު މީހަކު ރޭލެއް ދަށުވެ މަރުވެއްޖެ

ޓިކްޓޮކް ވީޑިއޯއެއް ނަގަން ރޭލުދަގަނޑެއް މަތީގައި ޕާކިސްތާނު މީހަކު ހިނގާފައި އުޅެނިކޮށް، ރޭލެއް ދަށުވެގެން މަރުވެއްޖެއެވެ.
މިހާދިސާގައި މަރުވެފައި ވަނީ އުމުރުން 18 އަހަރުގެ ހަމްޒާ ނަވީދް ނަމަކަށް ކިޔާ ޒުވާނެކެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ރޭލުދަގަނޑު މަތީގައި ހަމްޒާ ހިނގާފައި ދަނިކޮށް އެމަންޒަރު ވީޑިއޯ ކޮށްފައި ވަނީ އޭނާގެ ރަޙުމަތްތެރިއެކެވެ.
"ވީޑިއޯއެއް ނެގުމަށްޓަކައި ރޭލު ޓްރެކްޓް މަތީގައި ހިނގަމުން ދަނިކޮށް، ދުއްވަމުންދިޔަ ރޭލު ގޮސް ޖެހުނީ އޭނާގެ ގައިގައި" ރެސްކިއު އެޖެންސީގެ ތަރުޖަމާނެއް ކަމަށްވާ ރަޖާ އަފަގަތް ޒަމާން ބުނެފައި ވެއެވެ.
މިހާދިސާގެ މައުލޫމާތު ލިބުމާއެކު އެތަނަށް ރެސްކިޔުގެ މީހުން ދިޔަ ނަމަވެސް ، އެޒުވާނާ އެއިރު ވަނީ މަރުވެފައެވެ.
ހަމްޒާގެ ބޭނުންވީ ރޭލުދަގަނޑު މަތީގައި ހިނގާފައި ދަނިކޮށް ވީޑިއޯކޮށް، ޓިކްޓޮކަށާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ހިއްސާ ކުރަން ކަމަށް، އޭނާގެ އެކުވެރިޔާ މައުލޫމާތު ދީފައިވެއެވެ.
މިހާދިސާ ހިނގާފައި ވަނީ ރަވަލްޕިންޑީގެ ޝާހް ޚާލިދް އަވަށުގައި މިދިޔަ ހުކުރު ދުވަހުގައެވެ.
ޓިކްޓޮކް ފަދަ ޕްލެޓްފޯމް ތަކުގައި މަޝްހޫރުވުމަށް އެތައް ޒުވާނުންތަކެއް މިފަދަ ނުރައްކާތެރި ކަންކަން މީގެ ކުރިންވެސް ކޮށްފައިވެއެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.