ފަސްޖެހުމެއްނެތި ތެދު ބުނި ކުއްޖެއްގެ ސަބަބުން ވަގެއް އިޞްލާޙްވީ ގޮތުގެ ވާހަކަ
ޕާރޝިއާ އަށް އުފަން އަބްދުލް ގާދިރު ޖިލާނީ އަކީ ދީނީ ޢިލްމުވެރިއެކެވެ.
އަބްދުލް ޤާދިރްގެ ކުޑައިރުގެ ވާހަކަތަކަށް ބަލާއިރު، އޭނާ އަބަދުވެސް ފާހަގަ ވެފައިވަނީ ޢިލްމު އުނގެނުމަށް ޚާއްސަ ޝައުގުވެރިކަމެއް ބެހެއްޓި ކުއްޖެއްގެ ގޮތުގައެވެ. އެކަމުގައި އަބްދުލް ޤާދިރުގެ މަންމަގެ ފުރިހަމަ އެއްބާރުލުމާއި ހިތްވަރު އޭނާއަށް ލިބުނެވެ.
އުމުރުން 18 އަހަރުގައި އަބުދުލް ޤާދިރު އޭނާގެ މަންމަ ގާތު ބަޣްދާދަށް ދިޔުމުގެ ހުއްދައަށް އެދުނެވެ. ބަޣްދާދަކީ އެއިރު ސިޔާސީ އަދި އިޖްތިމާއީ މަސްރަޙު ހަރުދަނާ އެއް ޤައުމެވެ. އެހެންކަމުން އޭނާ ބޭނުންވީ އެތަނަށް ކިޔަވަން ދާށެވެ.
އަބްދުލްޤާދިރު ގެ މަންމަ އުފަލާއެކު އެކަމަށް އެއްބަސްވެ ހުއްދަ ދިނެވެ. އަދި އޭނާގެ ދަތުރު ތައްޔާރުކޮށް ދިނުމަށްފަހު އަބްދުލްޤާދިރުގެ ކޯޓަށް 40 ރަން ފޮތިލިއެވެ. އެރަން ފޮތިތައް އެހެން މީހުންނަށް ނުފެންނާނެ ފަދައިން އަބްދުލްޤާދިރުގެ މަންމަ ވަނީ އޭނާގެ ކޯޓުގެ އެތެރެއަށްލާ ފޮރުވާފައެވެ.
ފުރުމުގެ ކުރިން އަބްދުލްޤާދިރަށް އޭނާގެ މަންމަ ނަސޭޙަތެއް ދިނެވެ. ދުވަހަކު ވެސް ދޮގު ނުހެދުމަށެވެ. "ވާހަކަ ދައްކާއިރު އަބަދުވެސް ތެދު ބުނުމަށް އާދަ ކުރަން ވާނެއެވެ. އަހަރެމެންގެ ނަބިއްޔާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައިވަނީ ތެދުވެރިންނަކީ ތަޤުވާވެރިންނެވެ. ތަޤްވާވެރިންނަކީ ސުވަރުގެ ވަންތަ ވެރީންނެވެ. ކީރިތި ޤުރްއަަނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 'އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! އަދި ތެދުވެރިންނާ އެކުގައި ތިޔަބައިމީހުންވާށެވެ! "(9:119)'
ބަޣްދާދަށް ދިޔުމަށް އަބްދުލްޤާދިރު ދަތުރު ފެށިއެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނު ތަނާ ވަގުންތަކެއް އެމީހުންނަށް ހަމަލާދިނެވެ. އެތަނުން އެކަކު އަބްދުލްޤާދިރުގެ މުދާތައް ޗެކްކޮށްފައި އެއްވެސް އަގު ބޮޑު މުދަލެއް ހުރިތޯ ސުވާލު ކުރިއެވެ. ޖަވާބުގައި އޭނާ އާނއެކޭ ބުންޏެވެ.
ވަގު ކަލޭގެ އަބްދުލްޤާދިރު ގޮވައިގެން އެމީހުންގެ ލީޑަރު ގާތަށް ދިޔައެވެ. މުދާ ހުރި ކަމަށް ބުނާ ކަމަށާއި ނަމަވެސް އެއްވެސް އެއްޗެއް ނުފެނުނު ކަމަށް ވަގުމީހާ ބުންޏެވެ. އަބްދުލްޤާދިރު އެއްވެސް އެއްޗެއް ފޮރުވަނީތޯ ލީޑަރު އެހުމުން އެއްވެސް ފަސް ޖެހުމެއް ނެތި އޭނާ އާނއެކޭ ބުންޏެވެ. އެއީ ކޯއްޗެއްތޯއާއި އެތަކެތި ކޮބައިތޯ އެހުމުން އެއީ 40 ރަންފޮތިކަމަށާއި ކޯޓުގައި ފޮރުވައިފައިވާނެ ކަމަށް ވެސް ބުންޏެވެ.
ލީޑަރު ހައިރާންވިއެވެ. އަދި އޭނާއާއި ބެހޭގޮތުން އިތުރަށް ސުވާލު ކުރިއެވެ.
ހުރިހާ ސުވާލަކަށް ވެސް ތެދަށް ޖަވާބު ދިނެވެ. އެމީހުންގެ ދެކެ އެެއްވެސް ބިރެއް ނެތި އެހާ ތެދު ތެދަށް ޖަވާބު ދިނީ ކީއްވެތޯ ސުވާލު ކުރުމުން އަބްދުލްޤާދިރުގެ މަންމަ އޭނާއަށް ދިން ނަސޭޙަތް އޭނާ ކިޔައިދިނެވެ.
ލީޑަރު އޭނަގެ ވަގުންގެ މީހުންގާތު ބުންޏެވެ. 'މިކުއްޖާ އަހަރެންގެ ލޯ ހުޅުވާލަދީފިއެވެ' އަބްދުލް ޤާދިރު އަރިހު މާފަށް އެދުމުން އޭނާ ބުނީ މާތް ﷲ އަށް ކުއްތަންވެ، ނަމާދުކޮށް ޠައުބާވުމަށެވެ. އެކަލާނގެ އިރާދަފުޅާއެކު އެމީހުންނަށް ތެދުމަގު ލިބޭނެ ކަމަށެވެ.
ލީޑަރު އަމުރު ކުރީ ވަގަށް ނެގި އެންމެންގެ އެއްޗެހިތައް އަނބުރާ ރައްދު ކުރުމަށެވެ. މީހުން އަތުން މުދާ ފޭރުމާއި އެނޫންވެސް ނުރަނގަޅު ހުރިހާ އާދައެއް ކުރުން ދެން ހުއްޓާލާނެ ކަމުގެ ޔަގީންކަން ލީޑަރު ދިނެވެ.
އަބްދުލްޤާދިރު ބަޣްދާދަށް ގޮސް ތައުލީމް ހާސިލުކޮށް ފަހުން ، އޭނާ ވެގެން ދިޔައީ ވަރުގަދަ ނަން މަޝްހޫރު ޢިލްމުވެރިއަކަށެވެ.