ރިޔާދަށް ދިން ހަމަަލާ ރާއްޖެއިން ކުށްވެރިކޮށްފި
ސައުދީގެ ވެރިރަށް ރިޔާދަށް މިދިޔަ ހޮނިހިރު ދުވަހު ދިން ބޮމުގެ ހަމަލާ ރާއްޖެއިން ކުށްވެރި ކޮށްފިއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ރިޔާދަށް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.އަދި ސައުދީގެ ރައްޔިތުންނަށް އަމާޒުކޮށް ދިން މި ހަމަލާގެ ސަބަބުން ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ނުރައްކަލުގެ ތެރެއަށް ވެއްޓުނުކަން ވެސް އެބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
މީގެ އިތުރުންވެސް އެ ހަމަލާތަކުގެ ސަބަބުން އަރަބި ގައުމުތަކުގެ މެދުގައި އޮތް ހަމަޖެހުމަށް ވެސް ބުރޫއެރި ކަން ފާހަގަކޮށް އެގައުމުތަކުގެ މެދުގައި ހަމަޖެހުން ގާއިމްކުރަން މަސައްކަތްކުރާ ފަރާތްތަކަށް ވެސް އެކަމުގެ ނުސީދާ އަސަރުކޮށްފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ސައުދީއަކީ އަބަދުވެސް ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ސައުދީން މިފަދަ ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.