ކުޅިވަރު ދެން ފުރަމަލަ

އިންމި: ގޮންޖެހުންތަކާއެކު ވެސް ހިތްވަރު އެލުވައެއް ނުލާ، ސާބިތު ކޮށްދިނީ އަތު ނުޖެހޭނެކަން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިބްރާހިމް އިމްރާންއޭ ބުނެފި ނަމަ އޭނާ އަކީ ކާކު ކަން ނޭނގޭ އެތައް ބަޔަކު އުޅެފާނެއެވެ. އެހެން ނަމަވެސް "މެސީ"އޭ ބުނެފި ނަމަ މި ދައްކަނީ ކާކުގެ ވާހަކައެއް ކަން ފުޓުބޯޅައިގެ ތެރޭގައި އުޅޭ ފުޓްބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކަށް އެނގޭނެއެވެ. އަދި އެއަށްވުރެ ބޮޑަށް "އިސްކަންދަރު މެސީ" ނުވަތަ "އިންމި" އޭ ބުނެފި ނަމަ އޭނާ އަކީ ކާކުކަން ޔަގީން ވެގެން ދާނެއެވެ. އޭނާ އަކީ ދިވެހި ފުޓްބޯޅައިގައި މިއަދު ފިޔަޖަހަމުން އަންނަ ޒުވާން، ހުނަރުވެރި ތަރިއެކެވެ. އެތައް ބަަޔަކު އާޝޯހު ކޮށްލާފަދަ މޮޅު ކުޅުންތެރިއެކެވެ.

Ads by Sosun Fihaara

އުމުރުން 18 އަހަރުގެ އިމްރާން ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރު "ދެން"އާ ހިއްސާ ކޮށްފައެވެ. އެކި ކަހަލަ ގޮން ޖެހުންތަކާ އޭނާއަށް ކުރިމަތިވި ނަމަވެސް ދުވަހަކު ވެސް ފުޓްބޯޅައިގެ ދާއިރާ ދޫކޮށްލާކަށް އޭނާ ގަސްތެއް ނުކުރެއެވެ.

އެންމެ ކުޑައިރުއްސުރެ ވެސް ފުޓްބޯޅަ ކުޅޭ

އދ.މަންދޫއަށް އުފަން އިމްރާންއަކީ އޭނާ ހަނދާން ހުންނަން ފެށީއްސުރެ ވެސް ފުޓްބޯޅައިގެ ތެރޭގައި އުޅޭ ކުއްޖެެކެވެ. އޭނާގެ އާއިލާގައި އެއްބަނޑު އެއްބަފާ ކުދިންނަކީ ވެސް ފިރިހެން ކުދިން ކަމަށް ވާތީ، އެންމެ ފުރަތަމަ އެމީހުންގެ ފުޓްބޯޅަ ދަނޑަކަށް ވީ ގޭތެރެއެވެ. އަދި އެއަށްފަހު ގޭ ކައިރި އަވަށްޓެރި ކުދިންނާއެކު އަތިރިމަތީގައި ކުޅެން ފެށީއެވެ. ފައިވާނުން ގޯލް ހަދައިގެން ހުސްފައިގައި ކުޅެން އުޅުނު ދުވަސްވަރުގެ ހަނދާންތައް ހިއްސާކުރަމުން އެއީ އުފާވެރި ދުވަސްތަކެއްގެ ގޮތުގައި އިމްރާން ސިފަކުރިއެވެ.

ސުކޫލް ނިންމާފަ ގޭ ދޮށުގައި ކުޅޭނީ. ސުކޫލަށް ދާން ޖެހޭނީ 7 ޖަހާއިރު ދެން ގޮއްސަ އާދެވޭނެ އެކެއް ޖަހާއިރު. ދެން އައިއްސަ އެެންމެން ނުކުންނާނެ ކުޅެން

އިމްރާން

އިމްރާން ފުޓްބޯޅަ ކުޅެން ދަސްކުރީ އެންމެ ފުރަތަމަ ވަކި މީހަކު ކިޔައިދީގެނެއް ނޫނެވެ. އަވަށްޓެރި ކުދިންނާއެކު މަގުމަތީގައި ކުޅެން އުޅެގެންނެެވެ.

ރަށު މުބާރާތްތަކުގައި ވެސް އަލިގަދަ ތަރިއެއް

ކުޑައިރު ރަށުގައި އުޅުނު އިރު، އެ ދުވަސްވަރު ސުކޫލުގައި އޮންނަ އިންޓަރ ހައުސް މުބާރާތްތަކުގައި ވެސް އިމްރާން އަކީ ތަފާތު ދައްކާ ކުޅުންތެރިއެކެވެ. އެ މުބާރާތްތަކުގައި ވެސް އިމްރާން ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ. އެގޮތުން، ގިނަ މުބާރާތްތަކުގައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ލިބެނީ އޭނާ އަށެވެ. އަދި އެހިސާބުން ވެސް އޭނާގެ ތަފާތު ކުޅުން އެތައް ބައެއްގެ ލޮލުގައި އަޅައިގަތެވެ.

މާލެ ބަދަލުވީ ކިޔަވަން، ފުޓްބޯޅައަށް މާ ބޮޑު އުއްމީދެއް ނެތް

އެހެން ކުދިންނެކޭ އެއްފަދައިން އިމްރާން ވެސް މާލެއަށް އުމުރުން 12 އަހަރުގައި ބަދަލުވީ ތައުލީމް ހާސިލް ކުރާށެވެ. 2014 ވަނަ އަހަރު މާލެ ބަދަލުވުމަށް ފަހު އޭނާ ވަނީ އިސްކަންދަރު ސުކޫލަށެވެ. އަދި އޭރު މާލެ އައި އިރު ފުޓްބޯޅައިން ކުރިއަށް ދެވޭނެ ކަމުގެ މާބޮޑު އުއްމީދުތަކެއް ނުދެކޭ ކަމުގައި އިމްރާން ކިޔައިދިނެވެ. ނަމަވެސް ފުޓްބޯޅައިގެ ދާއިރާއިން ކުރިއަށް ދިއުމަކީ އަބަދުވެސް އޭނާ ވަރަށް ބޭނުންވާ ކަމެއް ކަމުގައި ވެސް އިމްރާން ފާހަގަ ކުރިއެވެ.

މާލެއަށް ބަދަލުވުމަށްފަހު، އިމްރާން އެންމެ ފުރަތަމަ ވެސް ވަނީ އިސްކަންދަރު ސުކޫލަށެވެ. އަދި އެ ސުކޫލްގައި ކިޔަވަމުން ގޮސް އެންމެ ފުރަތަމަ ފުޓްބޯޅައިގެ ދާއިރާއިން ކުރިއަށް ދާން އޭނާއަށް ލިބުނު ފުރުސަތަކީ އިންޓަރ ސުކޫލް މުބާރާތްތަކެވެ.

އިމްރާން އަކީ އިންޓަރސުކޫލް މުބާރާތުގެ "ކިންގް" އެއް

އިންޓަރސުކޫލް މުބާރާތްތައް އޮންނަ ދުވަސްވަރުގައި އަބަދުވެސް އެކި ކުޅުންތެރިންގެ ވާހަކަތައް ދެކެވޭނެެއެވެ. ހާއްސަކޮށް އެކި ސުކޫލްތަކުގެ ދަރިވަރުންގެ މެދުގައި މިވެނި މީހަކު ވަރަށް މޮޅުވާނޭ ވަރަށް ތަފާތު ވާނޭ، އެފަދަ ވާހަކަތައް ދެކެވޭނެއެވެ. ހަމަ ޔަގީނުން ވެސް އިމްރާންގެ ވާހަކަ މިފަދަ ވާހަކަތަކުގެ ތެރޭގައި ވަރަށް ގިނައިން ދެކެވޭނެއެވެ. "އިސްކަންދަރު މެސީ" އަކީ އެ ދުވަސްވަރު އިންޓަރސުކޫލް މުބާރާތްތަކުގައި ގިނަ ބަޔަކު ސިއްސުވާލާ ނަމެކެވެ.

އިންޓަރސުކޫލް މުބާރާތްތަކުގެ ބޭނުން އިމްރާން ވަރަށް ރަނގަޅު ގޮތުގައި ހިފިއެވެ. އެގޮތުން އެކި ކަހަލަ ކާމިޔާބީތައް އިންޓަރސުކޫލް މުބާރާތްތަކުގައި ވެސް އޭނާ ހޯދައިފައި އެބަހުއްޓެވެ. 2014 ވަނަ އަހަރުން ފަށައިގެން ގޮސް 2019 ވަނަ އަހަރު ވެސް މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި އޭނާގެ ނަން ވަނީ ރަން އަކުރުން ފަވާލެވިފައެވެ. އަދި ބައެއް އަހަރުތަކުގައި އޭނާ ވަނީ ޓޮޕް ސްކޯރާގެ މަގާމު ވެސް ހޯދާފައެވެ.

އިންޓަރސުކޫލް މުބާރާތްތަކުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2015 ވަނަ އަހަރު އިސްކަންދަރަށް ޗެމްޕިއަން ކަން ލިބުން ކަމަށާއި އެއީ ވަރަށް އުފާވި ދުވަހެއްގެ ގޮތުގައި އިމްރާން "ދެން"އާ ވާހަކަ ދައްކަމުން ބުންޏެވެ.

ގޮންޖެހުންތަކަކާ ކުރިމަތިވި، އެކަމަކު ހިތްވަރު ދޫކޮށެއް ނުލާ

ކޮންމެ މީހަކަށް ވެސް ދިިރިއުޅުމުގައި ގޮންޖެހުންތަކާ ކުރިމަތިވާނޭކަން ކަށަވަރެވެ. ހަމަ އެގޮތުގެ މަތިން އިމްރާން އަށް ވެސް އެކި ކަހަލަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. އެހެން ނަމަވެސް ދުވަހަކު ވެސް ފުޓްބޯޅައިގެ ދާއިރާ ދޫކޮށްލާކަށް އޭނާ ޚިޔާލެއް ނުކުރެއެވެ. އެއަށްުވުރެ ބޮޑަށް މެސީގެ އަމާޒު ހުރީ ފުޓްބޯޅައިގެ ދާއިރާއިް އެންމެ އުހަށް ދިއުމަށެވެ.

މާލޭގައި އުޅޭ ގިނަ އާއިލާތަަކަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެެހުމަކީ ފައިސާގެ ދަތިކަމެވެ. ހަމަ އެ ގޮންޖެހުން އިމްރާންގެ އާއިލާއަށް ވެސް ކުރިމަތިވިއެވެ. އަދި އެންމެ ފުރަތަމަ ދަނޑަށް ނުކުތް އިރު އެ ދުވަސްވަރު ފުޓްބޯޅަ ބޫޓެއް ގަންނާނެ ރުފިޔާއެއް ވެސް ނެތް ކަމަށާއި ނުކުތީ ޖޮގިން ބޫޓެއްގައި ކަމަށް  ވެސް އިމްރާން ކިޔައިދިނެވެ. އަދި ފަހުން ކުޅުނީ ކޯޗަކު ހަދިޔާކުރި ބޫޓަކަށް އަރައިގެން ކަމަށާއި އަދި އެއަށްފަހު އިރާދަކުރެއްވިއްޔާ އާއިލާގެ ހާލަތު ވެސް އައީ ރަނގަޅު ވަމުން ކަމަށް އިމްރާން "ދެން"އާ ވާހަކަ ދައްކަމުން ބުންޏެވެ.

ފުޓްބޯޅައިގެ ދާއިރާގައި އެންމެ އުފާވި ދުވަސް

ފުޓްބޯޅައިގެ ދާއިރާގައި ގައުމީ ޓީމާއެކު ވެސް އިމްރާން ވަނީ ދެތިން ފަހަރެއްގެ މަތިން ބައިނަލްއަގްވާމީ މުބާރާތްތަކަށް ގޮސްފައެވެ. އެގޮތުން އެންމެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތަކަށް ދިޔައީ 2017 ވަނަ އަހަރު ނޭޕާލްގައި އޮތް ސާފް ޗެމްޕިއަންޝިފަށެވެ. އަދި އެ މުބާރާތުގެ ކުރިން ރާއްޖޭގެ 16 އަހަރުން ދަށުގެ ޓީމް ލަންކާގައި ކޭމްޕު ކުރިއެވެ. އަދި ލަންކާގެ ޓީމާއެކު ދެ މެޗު ކުޅެވުނު އިރު ދެވަނަ މެޗުގައި އިމްރާން ވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ. ނަމަވެސް އެ އަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމު ބަލިވީ ތަފާތު ބޮޑު ނަތީޖާތަކަކުންނެވެ.

ފުޓްބޯޅައިގެ ދާއިރާގައި އިމްރާން އެންމެ އުފާވި ދުވަހަކީ ކޮބައިތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން އިމްރާން ބުނީ އެއީ ބޫޓާން ކޮޅަށް ގޯލް ޖަހައި 2019 ވަނަ އަހަަރު 19 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ލޯ މެޑައްޔެއް ހޯދުނު ފަހަރު ކަމަށެވެ. އެއީ ރާއްޖޭގެ ހަގު އުމުރުފުރާގެ ގަައުމީ ޓީމަކަށް މެޑައްޔެއް ލިބުނު ފުރަަތަމަ ފަހަރު ވެސްމެއެވެ. ތިންވަނަ ހޮވާ މެޗުގައި ބޫޓާންއާ ބައްދަލުކޮށް އެމެޗުން ރާއްޖޭގެ ޓީމު މޮޅުވީ އިމްރާންގެ ގޯލަކާއެކުގައެވެ.

އެދުވަހަކީ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވީ ދުވަހެއް ކަމަށާއި އެދުވަހު ވީ އުފަލަކީ ބަޔާން ކޮށްދޭން ދަތި އުފަލެއް ކަމުގައި ވެސް އިމްރާން ފާހަގަ ކުރިއެވެ.

ޑްރީމްއެއް ހާސިލުވުން، ފުފްފިލްވި ކަހަލަ އިހްސާސެއް ކުރެވުނީ

އިމްރާން

މެސީގެ މިސްރާބު އެންމެ އުހަށް

އިމްރާންގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން ގައުމަށް ރީތި ނަމެއް ހޯދައިދެވޭނެ ދުވަހެއް ފެނުމެވެ. އެގޮތުން ގައުމީ ޓީމްގެ 10 ނަންބަރު ޖާރޒީގައި ކުޅެ ގައުމަށް ތައްޓެއް ހޯދައިދިނުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމުގައި އިމްރާން ފާހަގަ ކުރިއެވެ، މިހާރު ފުރަތަަމަ ޑިވިޝަންގައި ޓީސީއަށް ކުޅޭ އިމްރާން ބުނީ ފުޓްބޯޅައިގެ ދާއިރާއިން ދެވޭ އެންމެ އުހަކަށް ދިއުމަކީ އޭނާގެ އުއްމީދު ކަމަށެވެ.

އިމްރާންގެ މަންމަ އިމްރާންއާ މެދު ފަޚުރުވެރިވޭ

އިމްރާންގެ މަންމައާ ވާހަކަ ދައްކާލެވުމުގެ ފުރުސަތެއް ލިބުމުން އޭނާއާ ވެސް އަޅުގަނޑު ދެތިން ސުވާލެއް ކޮށްލީމެވެ. އިމްރާންގެ ޅަފަތުގެ ހަނދާންތައް އިމްރާންގެ މަންމަ ފުރަތަމަ އަޅުގަނޑާއި ހިއްސާ ކުރިއެވެ. އެގޮތުން އަބަދުވެސް ގޭތެރޭގައި އާއިލާ ކުދިންނާއެކު ފުޓްބޯޅަ ކުޅެން އުޅޭ ކަމަށާއި އަދި ގެ ހުންނާނީ ވެސް ވަރަށް އަތިރިމައްޗާއި ކައިރީގައި ކަމުން، އަތިރިމަތީގައި ވެސް ހިސާބުގަނޑު ކުދިންނާއެކު ކުޅެން އުޅޭ ކަމަށް އިމްރާންގެ މަންމަ ކިޔައިދިނެވެ. އަދި ރަށުގައި އިންޓަރހައުސް ތަކުގައި ވެސް އިމްރާން އަކީ ވަރަށް މޮޅު ކުއްޖެއްގެ ގޮތުގައި ހިނިތުންވަމުން އޭނާގެ މަންމަ ކިޔައިދިނެވެ.

މާލެ ބަދަލުވުމަށްފަހު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އޭނާ ވެސް ވަޒީފާގައި އުޅެން ޖެހޭ ކަމުން އިމްރާން ދަނޑަށް ގެންގޮސްދީ ގެނެސްދީ ހަދަން އުނދަގޫ ވުން ކަމަށާއި ދެން އެދުވަސްވަރު ފައިސާގެ ދަތިކަން ކަމުގައި އޭނާ ބުންޏެވެ.

ގައުމީ ޖާރޒީ ލައިގެން އެކިކަހަލަ ކާމިޔާބީތައް ދަރިފުޅު ހޯދާތަން ފެނުމުން ވަރަށް އުފާވާ ކަމަށާއި ވަރަށް ފަޚުރުވެރިވާ ކަމަށް ވެސް އިމްރާންގެ މަންމަ "ދެން"އާ ވާހަކަ ދައްކަމުން ބުންޏެވެ.

ކޯޗުންގެ ނަޒަރުގައި މެސީ

ޝާޒް ކޯޗަކީ އިމްރާންއާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކޯޗެކެވެ. އޭނާގެ އިރުޝާދުގެ ދަށުން އިމްރާން ވަނީ ގައުމީ ޓީމަށް އަދި ޓީސީ ސްޕޯރޓްސް ކްލަބުގައި ވެސް ކުޅެފައެވެ. އެގޮތުން، 2019 ވަނަ އަހަރު ގައުމީ ނަވާރަ އަހަރުން ދަށުގެ ޓީމު ލޯ މެޑަލް ހާސިލް ކުރި އިރު އެޓީމުގެ ކޯޗަކަށް ވެސް ހުރީ ޝާޒްއެވެ.

އިމްރާންގެ އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ "ގޯލް ސްކޯރިންގ" ކަމަށާއި އަބަދުވެސް އޭނަގެ ޓާރގެޓަކަށް ވާނީ މޮޅުވުން ކަމުގައި ޝާޒް ފާހަގަ ކުރިއެވެ. އަދި މެސީ އަކީ ވަރަށް ކޮންފިޑެންސް ވަރުގަދަ އަމިއްލަ ނަފްސަށް އިތުބާރު ކުރާ ކުޅުންތެރިއެއްގެ ގޮތުގައި ޝާޒް ސިފަކުރިއެވެ. އަދި ފުރަތަމަ ޑިިވިޝަނުގެ ފަރިތަކުރުން ތަކުގައި ވެސް އިމްރާންގެ ފަރާތުން އެއްވެސް ކަހަލަ ޖެހިލުން ވުމެއް ނުފެންނަ ކަމަށާއި އަބަދުވެސް ވާނެ ކަން ގަބޫލު ކުރާނެ ކަމަށް ޝާޒް ބުންޏެވެ.

މުސްތަގުބަލުގައި އިމްރާން އަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައި މުހިންމު ކުޅުންތެރިއަކަށް ވާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށާއި އަދި ބައިނަލްއަގްވާމީ ޓީމްތަކަށް ވެސް އިމްރާން ކުޅުމަކީ އުއްމީދެއްގެ ގޮތުގައި ޝާޒް ފާހަގަ ކުރިއެވެ.

އިމްރާންއަށް ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލްގައި އަދި ކްލަބް އީގަލްސްގައި ވެސް ކޯޗުކަން ކޮށްދިން އިބްރާހިމް ސައީދު (ކަކާ)، އޭނާ ސިފަ ކުރަނީ ދިމާވާ ގޮންޖެހުންތަކާއެކު ވެސް ހިތްވަރާއެކު މަސައްކަތްކޮށް އެ ގޮންޖެހުންތަކުން އަރައިގަންނަން މަސައްކަތް ކުރާ ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން އެ އުމުރުފުރާގެ ގިނަ ކުޅުންތެރިންނަށްވުރެ ކުރިން އިމްރާންއަށް ފުރަތަަމަ ޑިވިޝަނަށް ވެސް ކުޅުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމުގައި ކަކާ ފާހަގަ ކުރިއެވެ.

މީގެ އިތުރުން އިމްރާން އަކީ ވަރަށް ހިތްތިރި، އަބަދުވެސް ކާމިޔާބީއަށް މަސައްކަތް ކުރާ ކުޅުންތެރިއެއްގެ ގޮތުގައި ވެސް ކަކާ އޭނާ ސިފަކުރިއެވެ. "ދެން"އާ ވާހަކަ ދައްކަމުން ކަކާ ބުނީ އިމްރާން އަކީ ވަރަށް "ގޯލް ފޯކަސްޑް" ކުޅުންތެރިއެއް ކަމަށެވެ.

އަރައިގެން އަންނަ ތަރިންގެ ތެރެއިން އެ އުމުރުފުރާގައި މިވަގުތު ހުރި އެންމެ މޮޅު، އެންމެ ހުނަރުވެރި އެއް ކުޅުންތެރިއަކީ އިމްރާން ކަމުގައި ކަކާ ގަބޫލު ކުރެއެވެ. އަދި ރާއްޖޭގައި އެ އުމުރުފުރާގައި ތިބި ހުނަރުވެރި ފޯވާޑުން އިނގިލިން ގުނާލެވޭ ކަމަށާއި އިމްރާން އަކީ އޭގެ ތެރެއިން އެއް ކުޅުންތެރިއެއް ކަމުގައި ކަކާ ބުންޏެވެ.

މެސީގެ ޝުކުރު އާއިލާ އާއި ރައްޓެހިންނަށް

ފުޓްބޯޅައިގެ ދާއިރާއިން ކުރިއަށް ދިއުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށް އިމްރާން ފާހަގަ ކުރިއެވެ. އެގޮތުން އެކުގައި އުޅުނު ވަރަށް ގިނަ ރައްޓެހިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމުގައި ވެސް އިމްރާން ބުންޏެވެ، އަދި އަބަދުވެސް އޭނާއަށް ހިތްވަރު ދިނުމުގައި ދެމިތިބޭ ކަމުގައި ވެސް ބުންޏެވެ. އެގޮތުން، އާޒިމް އާއި އަމީރު އަކީ އެންމެ ކުޑައިރުއްސުރެ ވެސް ހިތްވަރު ދިނުމުގައި ދެމިތިބޭ މީހުންކަން ފާހަގަ ކުރަމުން މެސީ ވަނީ ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. އަދި އޭނާއަށް ފުޓްބޯޅަ ދަސްކޮށްދިން މީހުންނަކީ ވެސް އެއީ ކަމުގައި އިމްރާން ބުންޏެވެ.

އިމްރާން ބުނީ އޭނަގެ އެންމެ ބޮޑު ޝުކުރެއް އަދާ ކުރަން ބޭނުންވަނީ އޭނާގެ މަންމަ އަށް ކަމަށެވެ. މަންމަ އަބަދުވެސް ކުރިއަށް ދިއުމުގައި ހިތްވަރު ދޭ ކަމަށާއި މަންމަގެ ތަރުހީބަކީ ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާ ކަމެއްގެ ގޮތުގައި އިމްރާން ސިފަކުރިއެވެ. އަދި ބައްޕަގެ ފަރާތުން ވެސް އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށާއި ބައްޕައަށް ވެސް ޝުކުރު އަދާ ކުރާ ކަމުގައި އިމްރާން ބުންޏެވެ. އަދި ކޮއްކޮމެންނާއި ބޭބެމެންގެ ފަރާތުން ވެސް އަބަދުވެސް ސަޕޯޓް ލިބޭ ކަމަށާއި އެއީ  ވެސް ކުރިއެރުމުގައި ލިބޭ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި އިމްރާން ފާހަގަ ކުރިއެވެ.

މީގެ އިތުރުން ކޯޗުންގެ ފަރާތުން ވެސް ވަރަށް ބޮޑު ތަރުހީބަކާއި ހިތްވަރެއް ކުރިއެރުމުގައި ލިބޭކަން އިމްރާން ފާހަގަ ކުރިއެވެ. އެގޮތުން ކަކާ ކޯޗާއި ޝާޒް ކޯޗުގެ ނަން ފާހަގަ ކޮށް މެސީ ވަނީ އެ ދެ ކޯޗުންނަށް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ. އަދި ރާއްޖޭގެ ސީނިއާރ ކުޅުންތެރިންގެ ފަރާތުން ލިބޭ ތަރުހީބަކީ ކުރިއަށް ދިއުމުގައި ލިބޭ ހިތްވަރެއްގެ ގޮތުގައި އިމްރާން ފާހަގަ ކުރިއެވެ. އެގޮތުން، ހަމްޒާ (ހަމްޕު) އަދި ކީޕަރު ފައިސަލްގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކަމުގައި އޭނާ ބުންޏެވެ.

އިމްރާން ނުވަތަ މެސީ އަކީ ދިވެހި ފުޓްބޯޅައިގެ ދާއިރާގައި މިއަދު ފިޔަޖަހަމުން އަންނަ ޒުވާން އެއް ތަރިއެވެ. އަދި ދިމާވާ ގޮންޖެހުންތަކާއެކު ވެސް ފަހަތަށް ނުޖެހި ހިތްވަރާއެކު ކުރިއަށް ދާން މަސައްކަތް ކުރާ ފަހުލަވާނެކެވެ. މެސީގެ އުއްމީދަކީ ގައުމީ ޖާރޒީގައި ގައުމު ފަޚުރުވެރި ކޮށްދިނުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!