ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ އަދަދު 100 އިން މައްޗަށް

ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ރެކޯޑު އަދަދަކަށް އިތުރުވަމުން އަންނައިރު، ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރައިފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން މިވަގުތު 101 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މިއީ ފަހުގެ ތާރީހަށް ބަލާއިރު ރެކޯޑު އަދަދެކެވެ.
ރާއްޖެއިން މިހާރު ކޮވިޑަށް ޖުމްލަ 15،390 މީހުން ފައްސިވެފައިވާއިރު، އޭގެ ތެރެއިން ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 13،966 މީހުންނެވެ. ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ 1400 އަށް ވުރެ މަތިވެފައެވެ.
ހަލުވިކަމާއެކު ކޮވިޑް އަނެއްކާވެސް ފެތުރެން ފެށުމާއެކު އެޗްޕީއޭއިން ވަނީ އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން މާލޭގައި ދަންވަރު 12 އިން 4 އަށް ބޭރުގައި އުޅުން މަނާކޮށް ކާފިއު ހިންގަން ވަނީ ފަށާފައެވެ. އަދި ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ފިޔަވައި އެހެން މީހުން ކަރަންޓީނު ކުރަން ނިންމާފައިވާއިރު މާލެ ސަރަހައްދުގައި ރަސްމިއްޔާތު ތަކާއި ޕާޓީތައް ބޭއްވުން ވެސް ވަނީ މެދުކަނޑާލަން އަންގާފައެވެ.