ހުޅުމާލޭގެ މިސްކިތެއްގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން މީހާއަށް ދައުވާ ނުކޮށް އަނބުރާ ގައުމަށް!

ހުޅުމާލޭގެ މިސްކިތެއްގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން މީހާއަށް ދައުވާ ނުކޮށް އަނބުރާ ގައުމަށް ފޮނުވާލަން ނިންމައިފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭ މިސްކިތެއްގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި އިންޑިއާ މީހާގެ މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށާއި މިދިޔަ ހަފްތާގެ ތެރޭގައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައި ވާނެ ކަމަށެވެ. އެގޮތުން ޕީޖީ އޮފީހުން އެމީހާ ޑީޕޯޓް ކޮށްލުމަށް ނިންމުމާ ގުޅިގެން މިހާރު އޭނާ އިމިގްރޭޝަންއާ ހަވާލު ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހުޅުމާލޭ މިސްކިތެއްގައި ނަމާދަށް ހުރި ދިވެއްސަކަށް އިންޑިއާ މީހަކު ހަމަލާ ދީފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ދުވަހުގެ އަސްރު ނަމާދު ވަގުތު ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަޒީޒާ މޫސާ މިސްކިތުގައެވެ. އޭނާ މިސްކިތަށް ދިޔައީ ސައިކަލެއްގައި ކަމަށާއި އޭނާ އަތުގައި ހެލްމެޓެއް ވެސް އޮތް ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވާއިރު ހަމަނުޖެހުން ހިންގަން ފެށުމާއެކު އޭނާ މިސްކިތުން ނެރުނީ އެ ވަގުތު މިސްކިތުގައި ތިބި މީހުންނެވެ.