ޚަބަރު

ނަމާދަށް ރައްކާތެރިނުވެ ކިތަންމެ ބުރަ މަސައްކަތެއް ކުރި ކަމުގައި ވިޔަސް ބާއްޖަވެރިކަން ލިބޭނީ ކިހިނެއް؟: ހުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަޅުގަނޑުމެން އެންމެންވެސް މި ދުނިޔޭގައި ބޭނުން ވަނީ އުފާވެރިކަމާއި ބާއްޖަވެރިކަން ހޯދުމަށެވެ. ކޮންމެ މީހަކަށް ވެސް ހަޔާތުގައި އަޑިގުޑަންތައް އަންނަ ނަމަވެސް ކޮންމެ މީހެއްގެ ވެސް މޮޓޯ އަކަށް ވަނީ އުފާވެރިކަމާއި ބާއްޖަވެރިކަން ހޯދުމެވެ. މިއަދުގެ ހުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ހަގީގީ ބާއްޖަވެރިކަން" މިއެވެ.

Ads by MWSC

ބާއްޖަވެރިކަމަކީ ކޮބައިކަން ދެނެގަންނާނީ ކިހިނެއްތޯ ހުތުބާގައި ކޮށްފައިވެއެވެ. އަދި އެކި މީހުން ބާއްޖަވެރިކަން މާނަ ކުރަނީ އެކި ގޮތަށް ކަމުގައި ވެސް ހުތުބާގައި ބުނެފައި ވެއެވެ. އެގޮތުން އެއް ބަޔަކު ދެކޭ ގޮތުގައި ބާއްޖަވެރިކަމަކީ މުއްސަނދިކަން ކަމަށާއި ނުވަތަ އެންމެ ބޭނުންވާ އެއްޗެއް ހާސިލުވުން ކަމަށާއި ނުވަތަ މަތީ މަގާމަކާއި ހަމައަށް ވާސިލު ވުން ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެއަށްފަހު ބައެއް މީހުން ގަބޫލު ކުރާ މުދާވެރިކަމަކީ ހަމައެކަނި ބާއްޖަވެރިކަން ކަމުގައި ވާނަމަ ގާރޫނަކީ އެންމެ ބޮޑު ބާއްޖަވެރިޔާއަށް ވާނެ ކަމުގައި ހުތުބާގައި ފާހަގަ ކޮށްފައިވެެއެވެ.

ދުނިޔެމަތީގައި ކިތަންމެ ބޮޑު ބާރަކާއި މަތިވެރި ޖާހެއް ލިބުނު ކަމުގައި ވިޔަސް ﷲ އަށް އީމާން ނުވާނަމަ އެއީ ހަގީގީ ބާއްޖަވެރިކަން ނޫން ކަމަށް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

"މުސްލިމު އަޚުންނޭވެ. ހަގީގީ ބާއްޖަވެރިކަމަކީ، ﷲއަށް އީމާންވެ، ﷲ ސުބުހާނަހޫ ވަތަޢާލާ އެންގެވި ގޮތް އިހްތިޔާރު ކޮށް، އެކަލާނގެ ނަހީ ކުރެއްވި ކަންކަމާ ދުރުހެލިވުމުން، ﷲ ތައާލާ އޭނާގެ ހިތުގައި ލައްވާ ހަމަޖެހުމާއި އުފާވެރި ކަމުގެ ޝުއޫރެކެވެ. އެއީ އެއްގޮތަަކަށް ވެސް މާއްދީ ގޮތުން ހާސިލު ކުރެވޭނެ އެއްޗެއް ނޫނެވެ."

މީގެ އިތުރުން ހުތުބާގައި ފާހަގަ ކުރީ ކޮންމެ މީހަކު ވެސް ގަދައަޅައި، ބުރަ މަސައްކަތް ކުރަނީ، އުފާވެރި ހިތްހަމަ ޖެހޭ ދިރިއުޅުމެއް ހޯދުމަށް ކަމަށެވެ. އަދި އެކަމަށްޓަކައި އެކިއެކި ކަންކަމުގައި މަޝްއޫލުވެ އުޅޭ ކަމަށާއި ބާއްޖަވެރިކަން ދެއްވާ ގަދަކީރިތިވަންތަ މާތްﷲގެ މަތިން ވެސް ހަނދުމަ ނުހުންނަ ކަމުގައި ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެކަލާނގެ އެންމެ ބޮޑަށް ލޯބިވެ ވޮޑިގަންނަވާ ފަރުޟު ފަސް ނަމާދުގެ މަތިން ވެސް ހަނދުމަ ނުހުންނަ ކަމުގައި ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

"މާތްﷲ އެންމެ ލޯބިވެ ވޮޑިގަންނަވާ އަޅުކަމަކީ ނަމާދެވެ. ނަމާދަށް ރައްކާތެރިނުވެ ކިތަންމެ ބުރަ މަސައްކަތެއް ކުރި ކަމުގައި ވިޔަސް ބާއްޖަވެރިކަން ލިބޭނީ ކިހިނަކުން ހެއްޔެވެ؟"

އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް ބޭނުންވާ ނަމަ، ބާއްޖަވެރިކަމުގެ ދެ އަސާސް ކަމުގައިވާ އީމާންކަމާއި ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމަށް އަވަސްވެ ގަތުމަށް ހުތުބާގައި ވަނީ ވަސިއްޔަތް ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!